ރިޕޯޓް

ނަޞްރު: ދުވޭ!ދުވޭ!ދުވޭ!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ތާރީޚުން , މި އަހަރުގެ ޖަނަވަރީން 24އެވެ. ރާއްޖޭގެ ކާމިޔާބު އެތުލީޓް އަދި ކޯޗް ނަޞްރުﷲ އަޙުމަދު އެ ހުރީ ހޫނުގަދަ ދުބާއީގައި އޭނާގެ 87ވަނަ ފުލް މެރެތަން ފުރިހަމަކުރަން ގޮހެވެ. އޭގެ ދެ ދުވަސް ފަހުން ، ދުބާއީ މެރެތަންގައި ވާދަކޮށް އުމުރުން 42 އަހަރުގައި 3ގަޑިއިރާއި 36 މިނެޓުން ނަޞްރު ރޭސް ފުރިހަމަކުރިއެވެ. މި މެރެތަން ނިންމައި މަހެއް ނުވެ ޖެހިގެން އައި ފެބްރުވަރީ 22ގައި އޭނާ ހުރީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައެވެ.އެ މަހުގެ 26ވަނަ ދުވަހު ، ފިނިހޫނުމިން 12 ޑިގްރީގައި ދުވެ 3ގަޑިއިރާއި 35 މިނެޓުން ރޭސް ނިންމައި ޖެހިގެން އައި ދުވަހު އޭނާ ހުރީ މާލޭގައެވެ. އާއިލާއާ އެކީ 24ގަޑިއިރު ހޭދަނުކޮށް ދެން ނަޞްރު ފުރީ ތުރުކީއަށެވެ. ގާތްގަނޑަކަށް 12ގަޑިއިރުގެ ދަތުރަކަށް ފަހު ތުރުކީގެ އަނަޓޯލިއާއަށް ގޮސް މަޝްހޫރު ރަންޓާލިއާ މެރެތަންގައި ވާދަކޮށް 3 ގަޑިއިރާ 36 މިނެޓުން އޭނާ ރޭސް ނިންމިއެވެ.

Ads by Sosun Fihaara

ކުރު ގޮތަކަށް މި ކިޔައިލަދެވުނީ ، މޯލްޑިވްސް ޑިފެންސް ފޯސްގައި މަސައްކަތް ކުރާ ނަޞްރުﷲ އަޙުމަދުގެ ދުވަސްތައް ދުވުމާ ގުޅިފައިވާ މިންވަރެވެ. 2000ގެ ކުރީކޮޅުގައި ހުޅުމާލޭގައި ބޭއްވި އެމްޓީސީސީ މެރެތަންއިން ރޭސް ފެށި ނަޞްރުގެ މެރެތަން ރޭސް އަދި ނިމެން ގާތް ވެސް ނުވެއެވެ. ފުރަތަމަ އޮތީ 100 މެރެތަން ހަމަކުރުމުގެ އަޒުމު ނަމަވެސް ދުވުމާ ދުރަށް ދިޔުމުގެ ޚިޔާލެއް، ވިސްނުމެއް ވެސް އޭނާގެ ނެތެވެ.

އެތުލީޓް އަދި ކޯޗް ނަޞްރުﷲ އަޙުމަދު ، ދުވުމާ ދޯޅުވި ގޮތާއި އޭނާގެ ދިރިއުޅުން ދުވުމާ ގުޅި ލާމެހުނު ގޮތް އޭނާ ވަނީ "ދެން"އާ ހިއްސާކޮށްދީފައެވެ. މެރެތަންގައި އޭނާ ދުވުނު ކިލޯ މީޓަރުތައް ސާޅީހުން ހަތަރުހާހާ ގާތްކުރި ގޮތާއި ދުވުމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި މައްސަލަތައް ވެސް އޭނާ ވަނީ ކިޔައިދީފައެވެ.

އޭރު ވެސް މިހާރު ވެސް އެހީތެރިއަކީ އެމްއެންޑީއެފް

ނަސްރު މެރެތަންއަށް ނިކުތީ ދެހާހުގެ ކުރީކޮޅުގައެވެ. އެމްޓީސީސީ މެރެތަންގެ ނަމުގައި އޭރު ހުޅުމާލޭގައި ބާއްވަމުން އައި މެރެތަންގައި ބައިވެރިވެ ނަސްރު ވަނީ ފުރަތަމަ މެރެތަން ވެސް ހަތަރުގަޑިއިރު ތެރޭގައި ނިންމައިފައެވެ. މާބޮޑު ތަމްރީނެއް ނެތި ދުވެ ، ދުވާމީހުންގެ އެންމެ 20% މީހުންގެ އަތުގައި އޮންނަ ޓައިމިންއެއް ހޯދުން ވެގެން ދިޔައީ ނަސްރުއަށާއި އޭނާ މަސައްކަތް ކުރަމުން ދިޔަ އެމްއެންޑީއެފަށް ވެސް ލިބުނު ހިތްވަރަކަށެވެ.

"އެ ހިސާބުން މެންޓަލީ ގަބޫލުކޮށްފިން މިކަން ވާނޭ"

ނަސްރަށް ލިބުނު ހިތްވަރާ އެކު އޭނާގެ މަސައްކަތް ދެގުނަކޮށްލިއެވެ. ނަތީޖާއެއްގެ ގޮތުން މާގިނަ ދުވަސްތަކެއް ނުވެ ހޮންކޮންގގައި އޮތް އޭޝިއަން ޗެންޕިއަންޝިޕްގައި ވާދަކުރި ގައުމީ ޓީމްގައި އޭނާ ހިމެނުނެވެ. އަދި މި މުބާރާތަށް ގޮސް ނަޞްރު ވަނީ ލޯންގް ޑިސްޓެންސް ދުވުން ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެ ގޮތުން ، އޭޝިއާގެ އެކި ގައުމުތަކުގެ ކޯޗުންނާ ބައްދަލުކޮށް ރާއްޖޭގައި ލޯންގް ޑިސްޓެންސް ދުވުމުގެ ކޯޗުން ނެތްކަން ފާހަގަކޮށް އެހީތެރިކަން ހޯދުމަށް އޭނާ ވަނީ މަސައްކަތްކޮށްފައެވެ. އަދި މި މަސައްކަތުގެ ތެރެއިން ޖަޕާން،ކޮރެއާ،ޗައިނާ އަދި އިންޑިިއާ ފަދަ ގައުމުތަކުން އެކަމުގެ ޝައުޤުވެރިކަން ފާޅުކުރިއެވެ.

ނަސްރުގެ އިސްނެގުމާ އެކީ ފެށި މި މަސައްކަތަށް އެންމެ ފުރަތަމަ އިޖާބުދިނީ ނޭޕާލެވެ. އެ ގައުމުގެ ގައުމީ ޓީމްގެ ކޯޗް ، ދަނޭގާމް ޗޯދުރީ މާލެ ގެނެސް ، ތަމްރީންގައި ބައިވެރިވުމަށް އާންމުކޮށް ހުޅުވައިލިއެވެ. ނަމަވެސް މި ތަމްރީންގައި ބައިވެރިވި 12 ކުދިންގެ ތެރެއިން މަދު ކުއްޖެއް ނޫނީ ބައިވެރީ އެމްއެންޑީއެފްގެ ތެރެއިންނެވެ. އަދި ތިން މަހުގެ ތަމްރީން ނިމުނު އިރު އެ ކުދީންގެ ތެރެއިން ވެސް ތިބީ ހަކުދީންނެވެ.

ތަމްރީންތަކަށް ފަހު ނެރެވުނު ނަތީޖާ ދަށް

ދަނޭގާމް ޗޯދުރީގެ ކޯޗްކަމުގެ ދަށުން ހެދި ތަމްރީންތަކަށް ފަހު ފޮނި އުއްމީދުތަކާ އެކީ ނަސްރުގެ ޓީމް ބައިވެރިވީ ދުބާއީގައި އޮތް ރޭހެއްގައެވެ. ނަމަވެސް ނަތީޖާ އައީ ކަނޑައެޅި އަމާޒުތަކަށް ވުރެ މާދަށްކޮށެވެ. އެހެންކަމުން ޓީމަށާއި ނަސްރަށް ކުރިމަތިވީ ފާޑުކިޔުންތަކާއި މަލާމާތެވެ. މިކަންކަން ނަސްރު ނެގީ ފައްސި ވިސްނުމެއްގައެވެ. އަދި ލިބުނީ އިތުރު ހިތްވަރެކެވެ. ކަނޑައެޅީ އިތުރަށް މަސައްކަތް ކުރުމުގެ އަޒުމެވެ.

"އަޅުގަނޑަކީ މިހެން ކަމެއް ކުރަން ފަށައިފައި ބޭނުންވާ ޓަރގެޓަށް ދާން ގަދަޔަށް މަސައްކަތްކުރާ މީހެއް،"

ކުރިމަތިވި ފާޑުކިޔުންތަކަށް ޖަވާބު ދިނުމަށް ނަސްރު ބޭނުންވީ ތަމްރީންތަކަށް ސީދާ ހުސްވެ ތިބެ ތަމްރީން ހަދާށެވެ. އެ ގޮތުން ރާއްޖޭގެ ރެކޯޑްތަކަށް ނުވިސްނައި ސައުތު އޭޝިއާއިން މެޑެއްޔެއް ހޯދުމުގެ އުއްމީދުގައި ފުރައިގެން ދިޔައީ ނޭޕާލަށެވެ. ނަސްރާ އެކު ރާއްޖޭގެ މިހާރުގެ އެންމެ ޓޮޕްގައި ހިމެނޭ އެތުލީޓުންކަމަށްވާ ރިޒާއާއި ޝިފާޒު ފަދަ އެތުލީޓުން ވަނީ ނޭޕާލްގައި ތިންއަހަރު ދުވަހުގެ ތަމްރީން ހަދައިފައެވެ. އަދި އެ ތަމްރީންތަކަށް ފަހު އެ އެތުލީޓުން ވަނީ ރާއްޖޭގެ ލޯންގް ޑިސްޓެންސްގެ ހުރިހައި ރެކޯޑެއް އާކޮށްފައެވެ.

ނަސްރު:ނޭޕާލްގައި ތަމްރީން ހެދި ދުވަސްވަރުގެ ފޮޓޯއެއް

މީގެ އިތުރުން ނަސްރު ވަނީ ސްރީލަންކާގައި ވެސް އަހަރެއްހައި ދުވަހު ތަމްރީން ހަދައިފައެވެ. އަދި ތައިލެންޑާއި ސިންގަޕޫރުގައި ވެސް އޭނާ ވަނީ ލޯންގް ޑިސްޓެންސް ތަމްރީންތަކެއް ހަދައިފައެވެ.

އަމާޒު،ސުމަކުން ސަތޭކައަށް

މި ތަމްރީންތަކަށް ފަހު ނަސްރު ވަނީ ދުވުމުގައި އޭނާއާއި އޭނާގެ ބައިވެރީން ޙާޞިލްކުރަން އެދޭ އަމާޒުތަކެއް ކަނޑައަޅައިފައެވެ. އެގޮތުން ސައުތު އޭޝިއާއިން މެޑެއްޔެއް ގެނައުމުގެ އަމާޒު ޙާޞިލް ނުވި ނަމަވެސް ނަސްރު ވަނީ އެތުލީޓުންގެ ފެންވަރު ، މެޑެއްޔެއް ޙާޞިލްކުރުމާ ގާތަށް ނުވަތަ އެ ފެންވަރަށް ގެންގޮސްފައެވެ. މީގެ އިތުރުން އެންމެ ގިނަ މެރެތަން ދުވި ރާއްޖޭގެ އެތުލީޓަކަށްވުމަށް ކަނޑައެޅި އަޒުމް ނަސްރު ވަނީ ފުރިހަމަކޮށްފައެވެ. ސުމަކުން ފަށައި އޭނާ ވަނީ އިންޓަނޭޝަނަލް 89މެރެތަން ދުވެފައެވެ. އަދި މީގެ ތެރެއިން މަދު މެރެތަންއެއް ނޫނީ އޭނާ ވަނީ 4ގަޑިއިރު ތެރޭގައި ނިންމައިފައެވެ.

ނަސްރު:މެރެތަންއެއްގައި ދުވަނީ

ރާއްޖޭގެ އިތުރުން ސައުތު އޭޝިއާގައި ވެސް ހުރި އެންމެ ގިނަ މެރެތަން ދުވި އެތުލީޓް، ނަސްރުގެ މިހާރުގެ އަމާޒަކީ ސަތޭކަ މެރެތަން ހަމަކުރުމެވެ. އެ ގޮތުން މި އަހަރު ތެރޭގައި 10މެރެތަން ދުވެ99ހަމަކޮށް 100ވަނަ ،މެރެތަން ޚާއްޞަކުރުމަށް އޭނާ ދަނީ މަސައްކަތްކުރަމުންނެވެ.

"މި އަހަރު 99ހަމަކޮށްފައި 100ވަނަ މެރެތަން ދުވަން ބޭނުން ވަނީ ވީހައި ވެސް ގިނަ އެތުލީޓުންނާ އެކީ ، ހަގީގަތުގައި ވަރަށް ބުރަ މަސައްކަތްތަކެއް މިކުރެވެނީ ، ހަށިގަނޑަށް ބެލިޔަސް ، އަދި ފައިސާގެ ގޮތުން ބެލިޔަސް،  އެހެންވީމާ 100ވަނަ މެރެތަން ޚާއްޞަކުރަން ބޭނުން ވަނީ"

މޮޅު ކޯޗެއް، ތަޢުރީފާ އެކު ފާޑުކިޔުންތައް ވެސް

މިހާރު ވެސް ދުވާ،ރާއްޖޭގައި ހުރި ހަމައެކަނި ކޯޗު ނަސްރު ވަނީ ލޯންގް ޑިސްޓެންސް ދުވުމުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އެ ގޮތުން ލޯންގް ޑިސްޓެންސްގެ ހުރިހައި ރެކޯޑެއްހެން އޮތީ އޭނާގެ އެތުލީޓުންގެ އަތުގައެވެ. އަދި ރާއްޖެއިން ބޭރުގައި ބާއްވާ މުބާރާތްތަކަށް ނަގާ ގައުމީ ޓީމްތަކުގައި މުޅިންހެން ހިމެނެނީ އޭނާގެ އެތުލީޓުންނެވެ.

ނަސްރު ބުނީ ލޯންގް ޑިސްޓެންސް ދުވުމުގައި ސައުތުއޭޝިއާ ލެވެލްގައި ވާދަކުރުމަށް ރާއްޖެއިން ބޭރުގެ ކޯޗުން ހޯދުމަކީ ،މިހާރަށް ބަލާއިރު މުހިންމުކަމެއް ނޫން ކަމަށެވެ.އަދި ރާއްޖޭގައި ތިބެ،ރާއްޖެއިން ތަމްރީން ހަދައިގެން ވެސް ކާމިޔާބު ހޯދިދާނެކަމަށް އޭނާގެ އެތުލީޓުން ސާބިތުކޮށްދީފައިވާކަން ނަސްރު ވަނީ ފާހަގަކޮށްފައެވެ.

"(ސައުތު އޭޝިއާއިން މެޑެއްޔެއް ގެނެވިދާނެކަމުގެ) އޭގެ ހެއްކެއް މި އަހަރު އޮތް މުޖީބުއްރަޙުމާން ޑާކާ މެރެތަންގައި ހަތަރު ފަސް ގައުމުގެ އެތުލީޓުން ދިވެހި އެތުލީޓުންގެ ފަހަތަށް ދިޔަ ،އޭގެ މާނައަކީ ދެން އޮތް ސައުތު އޭޝިއަން ގޭމްސްގައި ރަނގަޅު ފައިޓެއްދީފައި މެޑެއްޔެއް ވެސް ގެންނާނޭ"

ނަސްރުގެ ތަމްރީންތައް ފުރިހަމަކުރާ އެތައް އެތުލީޓުންނެއް މިއަދު އެބަތިއްބެވެ. މާލޭގައި ނޫނަސް އެހެންގައުމުތަކާއި އެހެން ރަށްތަކުގައި ދިރިއުޅޭ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެތުލީޓުން ދަނީ ނަސްރުގެ ތަމްރީންތައް ހަދަމުންނެވެ.

ނަސްރު،އޭނާގެ ބައެއް އެތުލީޓުންނާ އެކު

ނަސްރު ބުނީ ތަމްރީންހަދަން ބޭނުންވާ ހުރިހައި އެންމެންނަށް ވެސް ފުރުޞަތު އެބައޮތް ކަމަށާއި އަދި އެތުލީޓުން ނަގާއިރު އޭނާ ބަލަނީ ދުވުން ސީރިއަސްކޮށް ނަގާ އެތުލީޓުންނަށް ކަމަށެވެ.

"އަޅުގަނޑެއް ނުނަގާނަށް މިސާލަކަށް މިވެނި ކުއްޖަކީ ބާރަށް ދުވާ ކުއްޖެކޭ ، އެ ކުއްޖާއަކީ މަޑުން ދުވާ ކުއްޖެކޭ ، އަޅުގަނޑު އެއެއް ނުބަލާނަން، އަޅުގަނޑު ބަލާނީ ބަރާބަރަށް ޓްރައިނިން ހަދާ ކުއްޖާއަށް، އަޅުގަނޑަށް އެނގޭ ބަރާބަރަށް ޓްރައިނިން ހަދަންޏާ ބާރަށް ދުވާކުދިންގެ ކަންތައް އެ ހިސާބުން ނިމޭނެކަން"

ނަސްރުގެ މި މަސައްކަތަށް ލިބޭ ތަޢުރީފާ އެއްވަރަށް ނޫން ނަމަވެސް އެކި ފާޑުކިޔުންތައް ވެސް އޭނާއަށް ދަނީ އަމާޒުވަމުންނެވެ. ތަމްރީންތައް މާބުރަވުމާއި އޭނާގެ ބައެއް އުޞޫލުތައް ހަރުކަށިކަމަށް ބުނެ ކިޔާ ފާޑުކިޔުންތަކަށް ނަސްރު ދިނީ ކުރުޖަވާބެކެވެ.

"ކާމިޔާބީއަކީ ބުރަ މަސައްކަތުން ލިބޭ އެއްޗެއް، ތިމާ ކުރަން މި އުޅެނީ ކޮންކަމެއްކަން އެނގި އެކަމަށް ފޯކަސްކޮށްގެން ޓަރގެޓެއް ހާސިލްކުރެވޭނީ، އެހެންވީމާ ، މިކަމުގައި ވެސް ސީރިއަސް ވާން ޖެހޭނެ، ކިތަންމެ މަތީ މީހެއް ނަމަވެސް ޓްރެއިނިން ގަޑީގައި އެމީހަކު ހުންނާނީ އަހަރެންގެ ދަށުގައި ، ޓްރެއިނިން ނިމުނީމަ އެ ނިމުނީ"

ލޯންގް ޑިސްޓެންސް ދުވުން ބަލައިގަންނަ މިންވަރު ކުޑަ

ލޯންގް ޑިސްޓެންސް ދުވުން ރާއްޖޭގައި ކުރިއަރައި، އެކަމުގައި ހަރަކާތްތެރިވާ ގިނަ ޢަދަދެއްގެ ބަޔަކު ފާހަގަކޮށް ،ނަޞްރު ވަނީ ލޯންގް ޑިސްޓެންސް ދުވުން ކުރިއެރުމަށް ސަމާލުކަންދެވޭ ވަރު ރާއްޖޭގައި ކުޑަކަން ފާހަގަކޮށްފައެވެ. އެގޮތުން ކުޅިވަރު އެވޯޑްދޭ އިރު ލޯންގް ޑިސްޓެންސް ދުވުމަށް އިހުމާލުވެވޭކަން އޭނާ ފާހަގަކުރިއެވެ. މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރީ ލޯންގް ޑިސްޓެންސް ހަރެކޯޑެއް ،މިދިޔަ އަހަރު ހެދި ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު އަންހެން އެތުލީޓް ޝަމްއާ އެވޯޑަކަށް ނޮމިނޭޓް ނުވުމެވެ.

"މިސާލަކަށް އޮސްލޯގައި ދުވި ހާފް މެރެތަން، އެ ކުއްޖާ އެބައިން މުޅި އެތިން އޭޖް ކެޓަގަރީން ތިންވަނަ ނަގައިފައި ، އެއީ ޔޫރަޕް ގައުމެއްގައި ރާއްޖެއަށް ހޯދައިދިން ވަރަށް ބޮޑު ޝަރަފެއް ކަންނޭނގެ، އެތަނުގެ ނޫސްތަކުގައި ވެސް އެ ކުއްޖާގެ ފޮޓޯ ޖަހައި ޚަބަރުތަކަށް އަރައިފައި އެބަހުރި"

"އެއީ ލޯންގް ޑިސްޓެންސް ކުރިއަރުވަންޏާ އެބަޖެހޭ މީގެ ޝައުޤުވެރިކަން ވެސް ކުދިންގެ ސިކުނޑިއަށް ވައްދަން، އިންޓަރނޭޝަނަލް ރޭސްތަކުގައި ދުވެ ގައުމީ އެތައް ރެކޯޑެއް އައުކުރި ޝަމްޢާ ނުހޮވޭ ، އަދި މި ދިޔަ ދެ އަހަރު ވެސް ލޯންގް ޑިސްޓެންސް އެތުލީޓެއް ނެތް ނަގައިފައެއް" ނަސްރުގެ ކަންބޮޑުވުންތައް އޭނާ ހާމަކުރިއެވެ.

ޝުކުރު،ޢާއިލާއަށާއި އެމްއެންޑީއެފަށް

ރާއްޖެއިން ބޭރުގައި އެކި ތަމްރީންތައް ހެދުމުގެ އިތުރުން ރޭސްތަކުގައި ދުވުމަށް އާއިލާއާ ދުރުގައި އެތައް ވަގުތެއް ހޭދަކުރަމުންދާ ނަސްރު ވަނީ އޭނާގެ ކެރިއަރުގައި އާއިލާގެ އެހީތެރިކަން އޮތް މިންވަރު ފާހަގަކޮށް އާއިލާއަށް ޝުކުރު އަދާކޮށްފައެވެ.

"ތިން ކުދިން އެބަތިބި ،އަންހެނުންނާއި ކުދިންނާ ދުރުގައި ވަރަށް ގިނަ ވަގުތު މި ހޭދަ ކުރެވެނީ ،އެހެންވީމާ އެ މީހުންގެ ވަރަށް ބޮޑު އެހީތެރިކަމާއެކީ މިކަން މި ކުރެވެނީ"

އާއިލާގެ އިތުރުން އޭނާގެ ކެރިއަރުގައި އެންމެ ބޮޑު އެހީތެރިއަކަށް ނަސްރު ފާހަގަކުރީ އޭނާ މަސައްކަތްކުރާ އޮފީހެވެ.

ނަސްރު،މިނިސްޓަރ މާރިޔާ އަދި ސިފައިންގެ އިސްވެރިންނާ އެކު

"އަޅުގަނޑު މިކަމަށް ދޫކޮށްފައި ހުންނާތީ މިކަން މިވަނީ ، އެކަމަށް ޓަކައި މިނިސްޓަރއަށާއި ޗީފް އޮފް ޑިފެންސްފޯސްއަށާއި ލީޑަރޝިޕަށް ޝުކުރު އަދާކޮށްލަން އަޅުގަނޑު ބޭނުން"

ދުވުމުގައި އުޅޭ ނުވަތަ ދުވަން ބޭނުންވާ މީހުންނަށް ނަސްރު ދޭން ބޭނުންވާ މެސެޖެއް އެބައޮތެވެ. އެންމެ ބާރަށް ވެސް ދުވެ އުޅެނީ ހަމަ އިންސާނުން ކަމަށާއި ތަފާތު ބާރެއް ދެއްވައިފައިވާ މީހެއް ނޫޅޭކަމަށް ނަސްރު ފާހަގަކުރިއެވެ. އަދި ކުރިއަރަން ބޭނުންވާ ނަމަ ބޭނުން ވަނީ ހިތްވަރާ އެކީ މަސައްކަތްކުރުން ކަމަށާއި ގަދައަޅައި މަސައްކަތް ކުރާ ނަމަ "އެހެން މީހުންގެ ކަންތައް ނިމޭނެ"ކަން މިއީ ނަސްރު އެތުލީޓުންނަށް އަބަދު ހަނދާންކޮށްދޭ ކަންތަކެވެ. ޓްރެކްތެރޭގައި ނަސްރު އުޅޭ ނަމަ އަބަދު އިވޭނެ އަޑަކީ މިއީއެވެ. "ދުވޭ،ހިފަހައްޓާ،ދުވޭ،ދުވޭ"

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!