ފުއްގިރި މައްސަލަ މަޑުޖައްސާލަން އަމުރުކޮށްފި
އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތް މަޑުޖައްސާލަން ހައިކޯޓުން އަމުރުކޮށްފި އެވެ.
ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފަ އެވެ.
ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މި މައްސަލައިގެ ޝަރީއަތް މަޑުޖައްސާލަން ހައިކޯޓުން އެންގީ މި މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ކްރިމިނަލް ކޯޓުން ނިންމި ނިންމުމާމެދު ހިތްހަމަނުޖެހިގެން ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައާ މެދު ވަކި ގޮތެއް ނިމެންދެން އެ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމުގެ އަމުރަކަށް ޔާމީންގެ ވަކީލުން އެދިވަޑައިގަތުމުންނެވެ.
ހައި ކޯޓުން ވަނީ އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު ވަކި ގޮތެއް އަންގަންދެން ފުއްގިރި މައްސަލާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ކުރިއަށް ނުގެންދަން އަމުރުކޮށްފަ އެވެ.
ވ. އަތޮޅު އާރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކާ އެ ރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ލޯންޑާކުރި ކަމުގެ ތުހުމަތުގައި އުފުލި ދައުވާތަށް ސާބިތުވެ ޔާމީން މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.