ޚަބަރު

ބްރިޖް މަތީ ނުރައްކާތެރި އެކްސިޑެންޓެއް، ތިން މީހަކަށް އަނިޔާވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފޮޓޯ/ސަން

ސިނަމާލެ ބްރިޖް ސަރަހައްދުގައި މިރޭ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.

Ads by Hajj Corporation

މި އެކްސިޑެންޓް ހިނގާފައި ވަނީ ފުލުހުން ބުނި ގޮތުގައި، ބްރިޖުން މާލެ އަށް އަރާ ފަޅީގައި ލައިޓަށް މަޑުކޮށްގެން އިން ސައިކަލެއްގައި ފަހަތުން އައި ސައިކަލެއް ޖެހިގެންނެވެ. މި އެކްސިޑެންޓް ހިނގިކަމުގެ މައުލޫމާތު ލިބިފައި ވަނީ ރޭ 11:33 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

މީޑިއާ އަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މި އެކްސިޑެންޓުގައި ތިން ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށެވެ. އެއީ 31 އަހަރުގެ ފިރިހެނަކާއި، 43 އަހަރުގެ ފިރިހެނެއްގެ އިތުރުން، 47 އަހަރުގެ ފިރިހެނެކެވެ.

އޭގެ ތެރެއިން 43 އަހަރުގެ މީހާ އަށް އައިޖީއެމްއެޗުގައި، އަދި ބާކީ ތިބި ދެ މީހުންނަށް ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެ ތިން މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުދެއެވެ.

ފުލުހުން ބުނީ އެ ހާދިސާ ބަލައި ތަހްގީގުކުރަމުން ދާ ކަމަށެވެ.

މީގެ ހަފްތާ އެއް ކުރިން ސިނަމާލެ ބްރިޖުގައި ބަހަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވެއެވެ. އެ އެކްސިޑެންޓުގެ ސަބަބުން ހުޅުމާލެ އަށް ދަތުރުކުރާ ލޭނުގެ އެއް ފަޅި ބަންދުކުރަން ޖެހުނެވެ. ނަމަވެސް އެ އެކްސިޑެންޓުގައި މީހަކަށް ގެއްލުމެއް ނުވެއެވެ.

Ads by HDC
  1. އަހުމަދު

    ކިތަންމެ ވަރަކަށް އެކްސިޑެންޓު ވިއްޔާ ކުރާނީ ކީއް. ސަރުކާރު ހިންގާން ތިބި ގަންމަނަ ބުދާއިންނަށް މިތަނުގައި ޓުރެފިކް މޮނިޓަރ ކުރެވޭވަރުގެ ކެމެރާ ސިސްޓަމެއް ވެސް ކޮރަޕްޝަނާއި ހެދިގެން އެހެރީ ހަރު ނުވެފަ.