އަންނަ ހޯމަ ދުވަހު ޝާޒް ހުވާ ކުރައްވާނެ

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވާ އިބްރާޙިމް ޝާޒް، މަޖިލިސް މެމްބަރު ކަމުގެ ހުވާ ކުރެއްވުން އޮންނާނީ އަންނަ ހޯމަ ދުވަހު ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ޝާޒް މަގާމުގެ ހުވާ ކުރެއްވުން ހަމަޖެހިފައިވަނީ 24 އޭޕްރިލް ވާ ހޯމަ ދުވަހުގެ 10:00 ގައި ކަމަށެވެ. އަދި އެދުވަހުގެ ޖަލްސާގައި ޝާޒް ބައިވެރިވާނެކަމަށްވެސް މަޖިލިސް އިދާރާއިން މައުލޫމާތު ދެއްވައެވެ.
14 އަހަރަށް ފަހު ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީ އަށް ލިބުމަކީ އެޕާޓީއަށް ލިބުނު ބޮޑު ކާމިޔާބެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހުވެސް ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ސަރުކާރު ހިނގާ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓް ކާމިޔާބު ކުރުމާއެކު އިދިކޮޅުން ވަނީ ސަރުކާރުން އިންތިޚާބަށް ބޮޑެތި ނުފޫޒުތައް ފޯރުކޮށްފައިކަމަށް ބުނެ ދަނީ ތުހުމަތު ކުރަމުންނެވެ. އަދި މި އިންތިޚާ ސަރުކާރުން ކާމިޔާބު ކުރިނަމަވެސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ ޕީޕީއެމުންކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ.