ކޮވިޑް-19 އާ މެދު ބޮޑަށް ހޭލުންތެރިވާ ނަމަ، އެކަމުގެ ސްޓްރެސް ކުޑަވޭ: ދިރާސާ

ކޮވިޑް-19 ގެ ބަލިމަޑުކަމާ މެދު އާންމުން ބޮޑަށް ހޭލުންތެރިވާނަމަ، ބަލިމަޑުކަމާ ގުޅިގެން ލިބޭ ސްޓްރެސް ކުޑަ ވާނެ ކަމަށް ދިރާސާއަކުން ބުނެފިއެވެ.
އެމެރިކާގެ އޯހިއޯ ޔުނިވާސިޓީ އިން އެގައުމުގެ 500 އަށް ވުރެ ގިނަ މީހުން ހިމަނައިގެން ކުރި މި ދިރާސާއިން ދައްކާ ގޮތުގައި ކޮރޯނާ ވައިރަހާއި ގުޅޭގޮތުން މައުލޫމާތު ހޯދައި ވައިރަހާއި މެދު އިތުރަށް ހޭލުންތެރިވާން މަސައްކަތް ކުރުމުން، ވައިރަހާ ގުޅިގެން ކުރިމަތިވި ސްޓްރެސް ވަނީ ކުޑަވެފައެވެ.
މީގެ އިތުރުންވެސް މި ދިރާސާގައި ވައިރަހާ ގުޅިގެން އުމުރުން ދޮށީ މީހުންނަށް ކުރިމަތިވަމުންދާ ސްޓްރެސްތަކާ މެދު އަމަލު ކުރާ ގޮތް ވެސް ވަނީ ދެނެގަނެފައެވެ. އެގޮތުން އުމުރުން ދޮށީ މީހުން، ބަލި ޖެހިދާނެ ކަމަށް ގަބޫލުކޮށް އެކަމާ ދުރާލާ ފިޔަވަޅު އަޅާފައިވާކަން ވެސް މި ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.
މި ދިރާސާ ކުރުމުގައި އިސްކޮށް ހަރާކާތްތެރިވި ޕްރޮފެސަރ ޝެވާން ނެޕާޓް ބުނި ގޮތުގައި މި ދިރާސާއަކީ މި ވައިރަހަކީ މުޅިން އާ ބައްޔަކަށް ވުމުން މީހުން މި ބައްޔާ މެދު އަމަލުކުރާ ގޮތް ބެލުމަށް ކުރި ދިރާސާއެކެވެ. އަދި މި ދިރާސާ ކުރިއަށް އޮތް ތަނުގައި މިއަށް ވުރެ ގިނަ މީހުން ހިމަނައިގެން ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.