ޔާމީނަށް ކުރާ ހިޔާނާތުގެ ދެ ދައުވާގެ ޝަރީއަތް ފަސްކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ހިޔާނާތުގެ ދެ ދައުވާގެ ޝަރީއަތް ފަސްކޮށްފިއެވެ.
ޔާމީންގެ މައްޗަށް އެންމެފަހުން އުފުލުލި މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ ޢިބްތިދާޢީ އަޑުއެހުން މިއަދު ބާއްވާފައިވާއިރު، ޔާމީން ވިދާޅުވީ ކޯޓަށް މިހާރު ހުށައަޅާފައިވާ މައްސަލައިގެ އެއްވެސް ލިޔެކިއުމެއް މިހާތަނަށް ލިބިވަޑައިގެންފައި ނުވާ ކަމަށާއި ލިޔުންތައް ހުރީ ވަކީލުންގެ އަތުގައި ކަމަށެވެ. އަދި ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ނުލިބޭ ކަމަށާއި އެލިޔެކިއުންތައް ބައްލަވާފައި ނޫންގޮތަކަށް ޝަރީޢަތް ކުރިއަށް ގެންދަން ފަސޭހަ ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.
ނަމަވެސް ދައުލަތުން ވަނީ ޔާމީނާ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ކަރެކްޝަނަލް ސަރވިސުން ދީފައިވާކަން އެސަރވިސްގެ ސިޓީއަކާ ހަވާލާ ދެއްވާ ވިދާޅުވެފައެވެ. އަދި މާފުއްޓަށް ވަކީލުން ވަޑައިގަތުމުން ޔާމީނާ ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖެހޭނެކަން ކަރެކްޝަންސް އިން ވަކީލުންނަށް އަންގާފައިވާ ކަމަށް ވެސް ދައުލަތުން ވިދާޅުވިއެވެ.
ދެފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު މައްސަލަ ބައްލަވާ ފަނޑިޔާރު ވަނީ ކޯޓަށް މައްސަލަ ހުށައެޅުމަށްފަހު މިވީ މުއްދަތުގައި ދަޢުވާ ލިބޭ ފަރާތަށް ވަކީލުންނާއި ބައްދަލުކުރުމުގެ ފުރުސަތު ލިބިފައި ނުވާކަން ދައުލަތާއި ދިފާއީ ވަކީލުންގެ ވާހަކަތަކުން އެނގޭ ކަމަށް ވިދާޅުވެފައެވެ.
އެހެންކަމުން މައްސަލަ ރައްދުވާ ފަރާތާއި ދިފާޢީ ވަކީލުންނާ ސީދާ ބައްދަލުކުރެވޭނެގޮތަށް ޕްރައިވެޓް ބައްދަލުވުމެއް ދިނުމަށް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް މިއަދު އަމުރެއް ނެރުއްވާނެ ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.
އަދި އެ ފުރުސަތު ދެއްވުމަށް ފަހު 10 ދުވަސް ނުވަތަ 15 ދުވަސް ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.