ޔޫއްޕެ ޖޭޕީއަށް ސޮއިކޮށްފި

ގިނަ ދިވެހީންގެ މެދުގައި މަޤްބޫލުކަން ހޯދައިފައިވާ، ފިލްމީ ތަރި، ޔޫސުފް ޝަފީޢު(ޔޫއްޕެ) ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީއާ ގުޅިއްޖެއެވެ.
ޔޫއްޕެ ޖޭޕީއަށް ސޮއި ކުރި ފޯމް ޙަވާލުކޮށްފައި ވަނީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދިި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއެވެ.
ޔޫއްޕެ މީގެ ކުރިން ވެސް ޖޭޕީއާ އެކީ ސިޔާސީ މަސައްކަތް ކުރިއިރު، އޭނާ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ވެސް ކުރިން މަސައްކަތް ކުރިއެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް ޖޭޕީން ތައްޔާރު ވަމުން އަންނައިރު، އެ ޕާޓީއަށް މެމްބަރުން އިތުރު ކުރަން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ، ޤާސިމް އިބްރާހީމެވެ. ޤާސިމް ވަނީ، 2008 އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ވާދަ ކުރައްވައިފައެވެ.
ޔޫއްޕެ ޖޭޕީއާ ގުޅުނުއިރު، ކުރިން ވެސް ޖޭޕީއާ ބައެއް ފިލްމީ ތަރިން ގުޅިފައިވެއެވެ. އޭގެ ތެރޭގައި ވަލީދާ ވަލީދާއި އަޙުމަދު އަޒުމީލު (އަޒޭ) އާއި އަޙުމަދު ސައީދު ފަދަ މީހުން ހިމެނެއެވެ.