އައިފާ 2023: އެންމެ މޮޅު ފިލްމަކަށް ދްރިޝްޔަމް 2، އާލިއާ އަދި ރިތިކަށް ބޮޑު މޮޅެއް
ބޮލީވުޑްގެ އެންމެ ވަރުގަދަ އެއް އެވޯޑު "އައިފާ" ގެ މިއަހަރުގެ ހަފްލާ އިއްޔެ ބޭއްވިއިރު އެންމެ މޮޅު ފިލްމަކަށް އަބީޝެކް ޕާޓަކް އަދި ކުމާރު މަންގަތުގެ "ދްރިޝްޔަމް 2" ހޮވިއްޖެއެވެ.
ހިންދީ ފިލްމު "ދްރިޝްޔަމް 2" މިއީ ހަމަ އެނަމުގައި އުފެއްދި ތެލެގޫ ފިލްމުގެ ރީމޭކެކެވެ. އައިފާގެ މިފަހަރުގެ އެވޯޑުގައި އެންމެ މޮޅު އަންހެން އެކްޓަރުގެ އެވޯޑު ހޯދީ ފިލްމު "ގަންގޫބާއީ ކަތިއާވަޑީ" އިން އާލިއާ ބަޓްއެވެ. އެންމެ މޮޅު ފިރިހެން އެކްޓަރުގެ އެވޯޑު ހާސިލް ކުރީ ފިލްމު "ވިކްރަމް ވޭދާ" އިން ރިތިކު ރޯޝަންއެވެ.
އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ގެންދިޔައީ ފިލްމު "ރޮކެޓްރީ: ދަ ނަމްބީ އެފެކްޓް" އިން އާރު މާދަވަންއެވެ.
އެންމެ މޮޅު ފިރިހެން އެކްޓަރު – ސަޕޯޓިން ރޯލު ގެންދިޔައީ ފިލްމު "ޖުގު ޖުގު ޖީއޯ" އިން އަނިލް ކަޕޫރެވެ.
އަދި އެންމެ މޮޅު އަންހެން އެކްޓަރު – ސަޕޯޓިންގް ރޯލު ގެންދިޔައީ ފިލްމު "ބްރައްމާސްތުރަ" އިން މޯނީ ރޯއީއެވެ.
މީގެ އިތުރުން އެކްޓަރު ކަމާލް ހަސަން އަށް ވަނީ އިންޑިއަން ސިނަމާގެ އައުޓްސްޓޭންޑިންގް އެޗީވްމެންޓް އެވޯޑު ދީފައެވެ. އެހެން ފިލްމަކުން އެޑެޕްޓް ކޮށްގެން އުފެއްދި އެންމެ މޮޅު ފިލްމަކަށް ހޮވާފައިވަނީ ފިލްމު "ދްރިޝްޔަމް 2" އެވެ. އެންމެ މޮޅު އަމިއްލަ ވާހަކަ ހޯދީ ފިލްމު "ޑާރްލިންގް" އިން ޕަރްވީޒް ޝައިހް އަދި ޖަސްމީތު ކޭ ރީންއެވެ.
އެންމެ މޮޅު ލިރިކްސްގެ އެވޯޑު ގެންދިޔައީ ފިލްމު "ބްރައްމާސްތުރަ" ގައި ހިމެނުނު "ކޭސަރިޔާ" ލަވައެވެ.
އެންމެ މޮޅު މިޔުޒިކް ޑައިރެކްޓަރ ވެސް ގެންދިޔައީ "ބްރައްމާސްތުރަ" އިން ޕްރިތަމްއެވެ.
އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާގެ އެވޯޑު ހާސިލްކުރީ "ބްރައްމާސްތުރަ" ގައި ހިމެނުނު "ރަސިޔާ" ލަވައިން ޝްރެޔާ ގޯޝާލްއެވެ.
އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑުވެސް ގެންދިޔައީ ހަމަ އެފިލްމުގައި ހިމެނުނު "ކޭސަރިޔާ" ލަވައިން އަރިޖީތު ސިންގްއެވެ.
އަލަށް ބޮލީވުޑަށް ތައާރަފުވި ތަރިންނަށް ދޭ އެވޯޑު ހާސިލްކުރީ ފިލްމު "ދޯކާ: ރައުންޑު ޑީ ކޯނާ" އިން ޚުޝާލީ ކުމާރު، "ގަންގޫބާއީ ކަތިއަވަޑީ" އިން ޝާންތަނޫ މަހޭޝްވަރީ އަދި "ޤާލާ" އިން ބަބްލީ ހާންއެވެ.