ބޮލީވުޑް މުނިފޫހިފިލުވުން

ސަނީ ލިއޯނީގެ ހަށިގަނޑަށް ނުބަލާ، ލޮލަށް ބަލާ. ވަރަށް ވާހަކަ ބުނެދޭނެ: އަނުރާގު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އަނުރާގު ކަޝްޔަޕް އަދި ސަނީ ލިއޯނީ

ބޮލީވުޑް ބަތަލާ ސަނީ ލިއޯނީ ކުރިން މަސައްކަތް ކުރި ދާއިރާގެ ސަބަބުން ގިނަ މީހުން ބަލަނީ އޭނާގެ ހަށިގަނޑަށް ކަމަށާއި އެހެންނަމަވެސް އޭގެ ބަދަލުގައި އޭނާގެ ލޮލަށް ބަލައި އޭގެން ބުނެދޭ ވާހަކަތަކަށް ފޯކަސްކުރަން މަޝްހޫރު ޑައިރެކްޓަރު އަނުރާގު ކަޝްޔަޕް ބުނެފިއެވެ.

Ads by STELCO

މި އަހަރުގެ ކޭންސް ފިލްމު ފެސްޓިވަލްގައި ވަނީ ސަނީ ލީޑް ރޯލުން ފެނިގެންދިޔަ އަނުރާގުގެ ފިލްމު "ކެއްނެޑީ" އަޅުވައިފައެވެ. މިފިލްމަކީ އިންޑިއާގައި މާބޮޑު މަގުބޫލުކަމެއް ހޯދި ފިލްމެއް ނޫނެވެ. ފިލްމު އުފައްދާފައި ވަނީވެސް ލޯ ބަޖެޓުގައެވެ.

އެހެންނަމަވެސް ފެސްޓިވަލްގައި ގިނަ ބައެއްގެ ސަމާލުކަން މިފިލްމުން ހޯދިއެވެ. ފެސްޓިވަލްގައި ސަނީ ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ބައެއް މީހުން އޭނާގެ ކުރީގެ ދިރިއުޅުމާއި ގުޅޭ ހުތުރު ސުވާލުތައް ކުރާކަން ފާހަގަކޮށްފައެވެ. އަދި އެގޮތަށް ކުރާ ސުވާލުތަކުގެ ސަބަބުން ވަރަށް ހިތުގައި ޖެހޭކަމަށް ސަނީ ބުންޏެވެ.

ސަނީ ލިއޯނީ ބޮލީވުޑަށް ނިކުތުމުގެ ކުރިން ފެނުނީ އެޑަލްޓް ފިލްމުތަކުންނެވެ. މީގެ ސަބަބުން ގިނަ ޑައިރެކްޓަރުން އޭނާއާއިއެކު މަސައްކަތް ކުރަން ބޭނުމެއް ނުވެއެވެ. އަނުރާގު ފަދަ މޮޅު ޑައިރެކްޓަރަކު ސަނީއާއިއެކު މަސައްކަތް ކުރަން ނިންމި ނިންމުމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ މިހެންވެގެންނެވެ.

މިކަމާއި ގުޅިގެން އަނުރާގާއި ސުވާލު ކުރުމުން އޭނާ ބުނީ "ކެއްނެޑީ" އަކީ ލޯ ބަޖެޓު ފިލްމަކަށް ވިޔަސް އޭނާ ހޯދީ މޮޅު ބަތަލާއެއް ކަމަށެވެ. އެހެންކަމުން އެރޯލަށް ގިނަ އެކްޓަރުންގެ އޮޑިޝަން ހެދިކަމަށް އޭނާ ކިޔައިދިނެވެ.

"ވަރަށް ދެރަ ކަމެއް ގިނަ މީހުންނަށް ސަނީގެ މާޒީ ނޫން އެއްޗެއް ނުފެންނާތީ. އޭނާގެ ހަށިގަނޑަށާ މޫނަށް ނުބަލާ. ލޮލަށް ބަލާ. އޭރުން ވަރަށް ގިނަ ވާހަކަތައް ބުނެދޭނެ" އަނުރާގު ބުންޏެވެ.

އަނުރާގު ބުނީ އޭނާއަށް ސަނީގެ ފަރާތުން ފެނުނީ ވަރަށް އޯގާތެރި މަންމައެއް ކަމަށެވެ. އަދި ސަނީ އަކީ ދިރިއުޅުމުގައި ދެކުއްޖެއްގެ ފުރިހަމަ ޒިންމާ ނަގައިގެން އަމިއްލަ ކެރިއަރަށްވެސް އިސްކަން ދީގެން އުޅޭ ވަރަށް ކާމިޔާބު މީހެއްކަމަށް އަނުރާގު ބުންޏެވެ.

ސަނީ ލިއޯނީ މިހާތަނަށް އައިއިރު މާގިނަ ބޮލީވުޑް ފިލްމުތަކެއް ކުޅެފައެއް ނުވެއެވެ. އެހެންނަމަވެސް ބައެއް އައިޓަމް ސޯންގް ތަކުން އޭނާ މީގެ ކުރިން ފެނިގެން ދިޔައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!