އައްޑޫގެ ތަރައްޤީ ފާހަގަކުރަން މިރޭ ހަވާ އަރުވަނީ
އައްޑޫ ސިޓީގައި މުޅިން އަލަށް ފެށި ތަރައްގީގެ މަޝްރޫއުތައް ފާހަގަކުރުމުގެ ގޮތުން މިރޭ ހަވާ އަރުވަން އެސިޓީގެ ކައުންސިލުން ނިންމައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ އެސިޓީއަށް ލިބެން އުޅޭ ތަރައްގީ ފާހަގަކޮށް އެކަމާއި އުފާ ފާޅު ކުރުމުގެ ގޮތުން މިރޭ ހަވާ އެރުވުން އޮންނާނީ ހިތަދޫގެ ސިޓީ ސްކޮޔާގައި ކަމަށެވެ.
އިއްޔެ އައްޑޫ ސިޓީގައި ވަނީ ގިނަ މަޝްރޫއުތަކެއް ފަށައިފަ އެވެ. އެމަޝްރޫއުތައް ފަށާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އައްޑޫ ސިޓީއަށް ވަޑައިގެންނެވެ. ގިނަ މަޝްރޫއުތައް ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުގެ އެހީގައި ކަމުން މަޝްރޫއުތައް ފެށުމުގެ ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުގެ ވަފުދެއްވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އިއްޔެ ވަނީ އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ފަށައިފަ އެވެ. މިއަދު ވަނީ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު ފަށަން ތާވަލުކޮށްފަ އެވެ.
މީގެ އިތުރުންވެސް ބައެއް މަޝްރޫއުތައް ފަށައި އައްޑޫ ސިޓީގެ ހުރިހާ ރަށްތަކަށް ރައީސް ޞާލިހު ޒިޔާރާތް ކުރައްވާނެ އެވެ. ރައީސް ޞާލިހު އިއްޔެ އައްޑޫއަށް ވަޑައިގެންނެވީ ތިން ދުވަހުގެ ދަތުރުފުޅަކަށެވެ.
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއަކީ މިހާތަނަށް އެސިޓީގައި ކުރިއަށް ގެންދާނެ އެންމެ ބޮޑު މަޝްރޫއު އެވެ. އައްޑޫގެ ގިނަ ރަށްތަކެއްގެ ބިން ހިއްކަން ހަމަޖެހިފައިވާއިރު މިމަޝްރޫއު ފެށީ މަރަދޫއިންނެވެ.