ޚަބަރު

ޖިންސަށް ނިސްބަތްކޮށް ފުރައްސާރަ ކުރުން ބަލައެއް ނުގަންނަން: އޭޖީ އޮފީސް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ބަންޑާރަ ނައިބުގެ އޮފީހުގައި މަސައްކަތް ކުރައްވާ، އެއްވެސް ބޭފުޅެއްގެ ޖިންސަށް ނިސްބަތްކޮށް ފުރައްސާރަ ކުރުން ބަލައި ނުގަންނަ ކަމަށް އެ އޮފީހުން ވިދާޅުވެއްޖެއެވެ.

Ads by STELCO

އެ އޮފީހުން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، އިތުބާރު ނެތްކަމުގެ މައްސަލައިގައި އޭޖީ އިބްރާހީމް ރިފްޢަތު މަޖިލީހަށް ހާޒިރުވިއިރު، އަރިހުގައި ވަޑައިގެންނެވި ޑެޕިއުޓީ އޭޖީ ހަދީޖާ ޝަބީނާއި ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމަށް ނިސްބަތްވާ ގޮތަށް އޭދަފުށި ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ދެއްކެވި ވާހަކައާ ގުޅިގެންނެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅަމުން ގެންދިޔައިރު، މަޖިލީހުގެ މުޅި ޖަލްސާގައި މެންބަރުން ދިޔައީ ނިޒާމީ ނުކުތާ ނަންގަވަމުންނެވެ. އަދި އޭގެތެރެއިން މައިނޯރިޓީ ލީޑަރު ވަނީ ނިޒާމީ ނުކުތާ ނަންގަވައި،  އޭޖީއާއެކު މަޖިލީހަށް ހާޒިރުވީ "18 އަހަރު ނުފުރޭ ކުޑަ ދެ ކުދިން" ކަމަށް ޝައްކުވާ ކަމަށް ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން އޭޖީ އޮފީހުން މިރޭ ނެރުއްވި ބަޔާނުގައި ވަނީ، އޭޖީގެ އަރިހުގައި، ހޯމަ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި، ޑެޕިއުޓީ އެޓާނީ ޖެނެރަލް އާއި، އޭޖީ އޮފީހުގެ ކައުންސެލް ޖެނެރަލް އަކީ ދިވެހި ދަޢުލަތާ ދިވެހި ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ، ޢިލްމީ، ޤާބިލު، އަދި 16 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ކަމަށެވެ.

"ދަޢުލަތުގެ ތިން ބާރުންކުރެ، އެއް ބާރުގައި ރައްޔިތުން ތަމްސީލުކުރެއްވުމަށްޓަކައި ހިމެނިވަޑައިގަންނަވާ މެމްބަރަކު، ދަޢުލަތް ތަމްސީލު ކުރާ ބަންޑާރަ ނައިބުގެ އޮފީހުގެ އެންމެ ސީނިއަރ މަޤާމުތަކުގައި ތިއްބެވި ދެ ބޭފުޅުންގެ ޖިންސުގެ ސަބަބުން، އެ ބޭފުޅުންގެ ޤާބިލުކަމާއި، ތަޖުރިބާއާއިމެދު ސުވާލު އުފައްދަވައި، ވާހަކަ ދެއްކެވުމަކީ، މި އޮފީހަށާއި، ދިވެހިރާއްޖޭގައި މަސައްކަތް ކުރާ އެންމެހައި އަންހެން ވަކީލުން ހިމެނޭ ގޮތުން، އަންހެން ބޭފުޅުންނަށް އިޙްތިރާމް ކުޑަ ކުރެއްވުމުގެ ދަށު ދަރަޖައިގެ ޢަމަލެކެވެ." އޭޖީ އޮފީހުން މިރޭ ނެރުއްވި ބަޔާނުގައިވެއެވެ.

އޭޖީ އޮފީހުން އިތުރަށް ވިދާޅުވީ، އެންމެންގެ މަސައްކަތަކަށް ވާންވާނީ، މިންތީގެ ހަމަހަމަކަން ޤާއިމު ކުރުން ކަމަށެވެ. އަދި އަންހެނުންނާއިމެދު ގެންގުޅޭ ބޯދާ ވިސްނުންތައް ނައްތައިލައި، އަންހެނުން ބާރުވެރިކޮށް، އަންހެނުންނަށް ރައްކާތެރިކަން ލިބިގެންވާ ވެއްޓެއް ޤާއިމު ކުރުމަށް ކަމަށެވެ.

 

 

Ads by Ooredoo
  1. އޭޖީ ރިފުއަތު ތިބޭފުޅާ މިރާއްޖޭގެ ފަޑިޔާރުންނަށް ކުރި ޖެއްސުން ކޮބައިތޯ ޔަހޫދީ އެޖެންޓުން ގެނެސްގެން !

  2. ސަލީމަކީ އެތަކެއް އަންހެން ކުދިން ތަރުބިއްޔަތު ކޮށްފައިވާ ބައްޕައެއް، އެތަކެއް އަންހެން ކުދިންނަށް ވަޒީފާ ދީގެން އުޅޭ އަންހެން ކުދިން ދެކެ ނުލާހިކަށް ލޯބިވާ އިހުރާމް ކުރާ ބޭފުޅެއް ، އެފަދަ ބޭފުޅަކު ކިހިނެތޯ އަންހެނުންނަށް އިހާނެތި ބަހެއްބުނާނީ ! އޭނާ ދެކެނީ އަންހެން ކުދިންނަކީ އޭނަގެ ދަރިން ކަމުގައި އެގޮތަށް ދެކެގެން މުޢާމަލާތްވެސް ކުރަނީ !

  3. ރޯޑީބެ

    ތިބުނަނީ އެއްކަލަ ރެޑްވޭވް ފިހާރަތައް ހިންގާ މުސްކުޅި މީހާގެ ވާހަކަތަ؟ އެބޭބެ ދައްކާ ވާހަކަޔަށް އަޅާނުލާ! އެހާ ބޮޑަށް މުސްކުޅިވެފަ ތިބޭ މީހުންނަށް އަންހެން ފިރިހެނެއް ވަކިނުވާނެ…އަދި އަމުދުން މުސްކުޅި އަންހެނުންވެސް އެމީހުންނަށް ފެންނާނީ 18 އަހަރު ނުވާ ޅަކުދިންގެ ގޮތުގަ.

  4. ޝަރުޢީ ދާއިރާ އިސްލާހު ކުރުމުގެ ނަމުގައި ޔަހޫދީ އެޖެންޓުން ގެނެސްގެން ދިވެހިރާއްޖޭގެ ޝަރުއީ ޤާނޫނީ ނިޒާމް ހަރާބްކޮށް ފަސާދަކޮށަ ފަޑިޔާރުންނަށް ޖެއްސުން ކުރިމީހެއް ބޭރުކުރަންޖެހޭ ، ޖީއެމްއާރު ފޯޅަވަހި ޗޯޜުންގެ ތެރޭގައި ވެސް ހިމެނޭ މީހެއް !