އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ދުރުކުރުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕަށް ހުށަހެޅި މައްސަލައިގައި ޕާޓީން ބޭނުންވި ގޮތަށް ވޯޓު ނުދެއްވި މެމްބަރުންގެ ނަންތައް ހާމަކުރެއްވެން ނެތްކަަމަށް ޕީޖީ ގްރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މަޖިލިސް ރައީސްކަމުން ދުރުކުރުމުގެ ގޮތުން އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށަހެޅީ މިއަދު އޮތް ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި އެމްޑީޕީއަށް ނިސްބަތްވާ 56 މެމްބަރުންގެ ތެރެއިން ބައިވެރިވީ 42 މެމްބަރުންނެވެ.
ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 41 މެމްބަރުންގެ ތެރެއިން ރައީސް ނަޝީދު މަގާމުން ދުރުކުރަން ފެންނަކަމަށް ވޯޓު ދެއްވީ 36 މެމްބަރުންނެވެ. އެހެންކަމުން 5 މެމްބަރަކު ރައީސް ނަޝީދާއި އެއްކޮޅަށް ވޯޓު ދެއްވި އެވެ.
އެ 5 މެމްބަރުންގެ ނަން ހާމަކުރުމަށް މީޑިއާއިން އެދުމުން އަސްލަމް ވަނީ އެކަމަށް އިންކާރު ކުރައްވައި ނަންތައް ހާމަކުރެއްވެން ނެތްކަމަށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ މިމައްސަލައިގައި އެއްކޮޅަށް ވޯޓު ނުދިން ނަމަވެސް މައްސަލަ ހުށަހަޅަން ސޮއި ހޯދާއިރު އެމެމްބަރުންވެސް ސޮއި ކުރައްވާނެކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.
ރައީސް ނަޝީދާއި އެއްކޮޅަށް ވޯޓު ދެއްވި 5 މެމްބަރުންނާއިމެދު ފިޔަވަޅު އަޅާނެތޯ ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ ފިޔަވަޅު އެޅުމުގެ ވިސްނުމެއް ނެތްކަމަށެވެ. އަދި މި ވޯޓަކީ ވަރަށް މިނިވަންކަމާއިއެކީގައި ކުރިއަށް ގެންދެވުނު ވޯޓެއްކަމަށްވެސް ވިދާޅުވި އެވެ.
އެމްޑީޕީގެ ރައީސް ކަމުގައި ހުންނެވި ރައީސް ނަޝީދު ޕާޓީގެ މަގާމުން ވަކިކުރުމަށް މަސައްކަތް ކޮށްފާނެތޯވެސް މީޑިއާއިން ސުވާލު ކުރި އެވެ. ޖަވާބުގައި އަސްލަމް ވިދާޅުވީ އެގޮތަށް ނިންމާނީ ޕާޓީން ކަމަށެވެ. އަދި އެފަދަ ގޮތަކަށް ފާސްކޮށްފިނަމަ އެގޮތަށް އަމަލު ކުރައްވާނެކަމަށް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވި ގޮތުގައި ރައީސް ނަޝީދަށް ޒަމާނުއްސުރެއް އިތުބާރު ކުރައްވަމުން ގެންދެވީ އިސްލާހީ މަސައްކަތުގައި އެމަނިކުފާނު ދިގު މުއްދަތަކަށް ދެމި ހުންނެވުމުން ކަމަށެވެ. އެހެންނަމަވެސް މިހާރު ފެންނަމުން ދަނީ މުޅި ޕާޓީގެ މަސްލަހަތަށްވުރެއް އަމިއްލަ މަސްލަހަތު އިސްކުރައްވާ މަންޒަރުކަމަށް އަސްލަމް ވިދާޅުވި އެވެ.
މަޖިލިސް ރައީސްކަމުގައި އިންނަވައި އެމްޑީޕީގެ މެމްބަރުންނާއި އެހެން މެމްބަރުން ތަފާތު ކުރައްވައި އަމަލު ކުރައްވަމުން ގެންދަވާ ކަމުގެ ތުހުމަތު ރައީސް ނަޝީދުގެ މައްޗަށް ކުރެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ. މިކަމުގެ ޝަކުވާ އެކި ފޯރަމްތަކުގައި އެމްޑީޕީގެ މެމްބަރުން ގެންދަވަނީ ދައްކަމުންނެވެ.
ރައީސް ނަޝީދު މަޖިލިސް ރައީސްކަމުން ދުރުކުރައްވަން އެންގެވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އެހެންނަމަވެސް މިފަދަ މައުލޫމާތެއް އަސްލަމް ކަށަވަރުކޮށެއް ނުދެ އެވެ.
މަޖިލިސް ރައީސަށް ވުމުން ރައީސް ނަޝީދަށް މިހާރު ދަނީ ދައުލަތުގެ އެންމެ ވަރުގަދަ ސެކިއުރިޓީ އަރުވަމުންނެވެ. އެގޮތުން އެމަނިކުފާނު ދިރިއުޅުއްވަނީވެސް ދައުލަތުން ފޯރުކޮށްދީފައިވާ ގެއެއްގަ އެވެ. މަޖިލިސް ރައީސްކަމުން ރައީސް ނަޝީދު ދުރުކޮށްފިނަމަ މިހާރު ދެމުން ގެންދާ ހައި ސެކިއުޓީ ދަށް ކުރާނެ އެވެ. އަދި ދިރިއުޅުއްވަމުން ގެންދަވާ ގެ ދޫކުރައްވައި އަމިއްލަފުޅު ގެއަށް ބަދަލުވެވަޑައިގަންނަވަން ޖެހޭނެ އެވެ.