ގޯސްކޮށް ކަމެއް ކޮށްފިނަމަ ޕާޓީއަކަށް ބެލުމެއް ނެތި ފިޔަވަޅު އަޅަންޖެހޭނެ: ޖޭޕީ
ކޮންމެ ޕާޓީއަކަށް ނިސްބަތްވާ މީހަކު ނަމަވެސް ސަރުކާރުގެ މަޤާމުތަކުގައި ތިބެ ޤާނޫނާއި ޤަވާޢިދާ ޚިލާފުކަމެއް ކޮށްފިނަމަ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އެޕާޓީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީއާއި ހެލްތް މިނިސްޓަރީގެ އޮޑިޓް ރިޕޯޓުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ހުރިކަން ފެންމަތިވެފައިވާއިރު އެމައްސަލަތައް ހިނގާފައިވަނީ ޖޭޕީގެ ސްލޮޓެއްގައި އައްޔަންކުރި ވަޒީރުން އެވުޒާރާތަކުގައި ތިބެގެންކަން ފާހަގަކޮށް އެކަމާގުޅިގެން ނޫސްވެރިން ކުރާ ސުވާލުތަކަށް ދެއްވި ޖަވާބުގައި ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ޞާލިޙް ވިދާޅުވީ ޖުމްހޫރި ޕާޓީން ކޮރަޕްޝަންގެ ކިތަންމެ ކުޑަނަމަވެސް އަމަލަކަށް ހިތްވަރު ނުދޭނެ ކަމަށެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެއްގެ ހައިސިއްޔަތުން ޖުމްހޫރީ ޕާޓީއަށް ލިބޭ ސްލޮޓްތަކަށް މީހުން ކަނޑައަޅައި ނަންތައް ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅެމުން އެކަމުގައި ބައްލަވަން ޖެހިވަޑައިގަންނަވާ ކަންކަން ބެއްލެވުމަށްފަހު ކެބިނެޓް މިނިސްޓަރަކަށް ނުވަތަ ސިޔާސީ އެއްވެސް މަޤާމަކަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅުން އައްޔަން ކުރައްވަނީ އެމީހަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތު ފުރިހަމައަށް، ޤާނޫނީ ހަމަތަކުގެ މަތިން އަދާކުރުމަށް ކަމަށް ޖޭޕީން ވަނީ ބުނެފައެވެ.
މިއާއެކު މަޤާމުތަކަށް އައްޔަން ކުރެވޭ ބޭފުޅުން އުސޫލުތަކުގެ ތެރެއިން ފުރިހަމަކުރަންޖެހޭ ޤާނޫނީ ލިޔެކިއުންތަކާއި ކުށުގެ ރިކޯޑް ފުރިހަމަކޮށް އޮންނަ އުސޫލުގެ ތެރެއިން ކުރިއަށް ގެންދާތީ ޖޭޕީން ފޮނުވާ މީހަކު މަޤާމަކަށް އައްޔަންވުމަށްފަހު އެބޭފުޅަކު ސަރުކާރުގައި އަދާކުރާ މަސްއޫލިއްޔަތު ޖޭޕީން ބަލައި މޮނިޓަރކޮށް ނުހަދާކަމަށް ވެސް ޖުމްހޫރީ ޕާޓީން ވަނީ ބުނެފައެވެ.
މީގެ އިތުރުން ދުވަހުން ދުވަހަށް އެފަދަ މީހުންގެ މަސައްކަތާގުޅޭ ކަންކަން ބައްލަވާނީ ސަރުކާރުން ކަނޑައަޅާފައި އޮންނަ އުސޫލުތަކުގެ ތެރެއިން މަސްއޫލިއްޔަތު މަތިކޮށްފައިވާ ފަރާތަކުން ކަމަށާއި، މަޤާމެއްގައި ހުރެ ޤާނޫނާއި ޤަވާޢިދާއި އުސޫލުތަކުން ބޭރުން ކުރާ އެއްވެސް ކަމެއްގައި ރައީސުލްޖުމްހޫރިއްޔާ އަޅުއްވާ ފިޔަވަޅަކާމެދު ޖުމްހޫރީ ޕާޓީން ބަސްކިޔައި ގޮތްކިޔައި ނުހަދާނެކަން ވެސް އެޕާޓީން ވަނީ ފާހަގަކޮށްފައެވެ.
އަދި ޖުމްހޫރީ ޕާޓީއަކީ ތަޙްޤީގީ ޢިދާރާއަކަށް ނުވާތީ އެއްވެސް ބޭފުޅަކާ ގުޅޭގޮތުން ދެކެވޭ ވާހަކަތާކާއި، ކުރާ ތުހުމަތުތައް ބަލައި އެޕާޓީން ފިޔަވަޅު ނާޅާ ކަމަށާއި އެފަދަ ކަންކަން ބަލަން ޤާނޫނީ ނިޒާމްތަކުގެ ތެރެއިން އުފައްދާފައިވާ ކަމާ ގުޅުން ހުރި އިދާރާ ތަކުން ބަލަންވާ ކަންކަން ބަލައި އެއިރަކަށް އަޅަންޖެހޭ ފިޔަވަޅެއް އަޅަން އަންގަން އޮންނަ ފަރާތަކަށް އަންގައި ކުރާ ކަންކަމަށް ވެސް ޖޭޕީން ބަސް ބުނަން ޖެހޭކަމަށް ނުދެކޭ ކަމަށް ވެސް ޢެޕާޓީން ވަނީ ބުނެފައެވެ.
އަދި މިގޮތަށް މަޤާމުތަކުގައި ތިބޭ ބައެއްގެ އަމަލުތަކާއި ގުޅިހެން އެކަމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ފިޔަވަޅެއް އަޅުއްވާނީ ފުރިހަމައަށް ބެއްލެވުމަށްފަހުކަން އެޕާޓީން ޤަބޫލުކުރާ ކަމަށާއި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ތިބި ޖޭޕީގެ ބަޔަކު ނުވަތަ އެނޫން ޕާޓީ އަކަށްވީ ނަމަވެސް ޤަވާޢިދާ ޤާނޫނާ ޚިލާފުކަމެއް ކޮށްފައިވާނަމަ ފިޔަވަޅު އެޅުމަކީ އެކަން އޮންނަންޖެހޭ ގޮތްކަމަށް ޤަބޫލުކުރާކަމަށް ވެސް ޖުމްހޫރީ ޕާޓީން ބުނެއެވެ.