ރިޕޯޓް ސިޔާސީ

އިންތިހާބު ތޭވީސް: ކާމިޔާބު ކުރާނީ ކާކު؟

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ރިޔާސީ އިންތިހާބަށް ތިން މަހަށްވުރެއް މަދު ދުވަސްކޮޅަކަށް ވެފައިވާއިރު މަންޒަރު މިދަނީ ސާފުވަމުންނެވެ. ކޮންމެ ސިޔާސީ ޕާޓީއަކުންވެސް ރޭހަށް ނިކުންނަނީ ނުހަނު އުއްމީދާއިއެކު އެވެ. 2018 ވަނަ އަހަރުގެ އިންތިހާބާއި ހިލާފަށް މިފަހަރު ކެނޑިޑޭޓުން ގިނަ އެވެ. މިހެން ވުމާއިއެކު ވޯޓުތައްވެސް ބައި ބަޔަށް ބެހިގެން ދާނެ އެވެ.

Ads by MWSC

މިހާތަނަށް ސާފުވެފައިވާ މަންޒަރަށް ބަލާއިރު އެއްބުރުން އިންތިހާބު ކާމިޔާބު ކުރުމަކީ އެއްވެސް ކެނޑިޑޭޓަކަށް ކުރެވިދާނެ ކަމެއްކަމަކަށް ނުބެލެވެ އެވެ. ޕާޓީތަކުގެ މެމްބަރުންގެ އަދަދާއި ކުރީގެ އިންތިހާބުތަކުގެ ނަތީޖާއަށް ބަލާއިރު މިކަން ކަށަވަރުވެ އެވެ. ތަފްސީލަށް ބަލައިލާނަމެވެ.

 

އެމްޑީޕީ ދެފަޅިވުން

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު 2018 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރީ އެއްބުރުންނެވެ. އެހެންނަމަވެސް މިހާރު ބަދަލުވެފައިވާ ހާލަތުގެ ސަބަބުން އެމަނިކުފާނަށް އޭރު ލިބުނު އެތައް ވޯޓެއް ބައި ބަޔަށް ބެހިގެން ދާނެ އެވެ. ރައީސް ޞާލިހަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޝައްކެއްވެސް ނެތް ގޮތުގައި އެމްޑީޕީ ދެފަޅިވުމެވެ.

ޕާޓީގެ ރައީސް މުހައްމަދު ނަޝީދަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ހަރު، އަދި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާ އެވެ. އެމަނިކުފާނާއި ހިޔާލު ތަފާތުވެ ޕާޓީގެ މެމްބަރުންތަކެއް ވަކިވެ ރައީސް ޞާލިހާއި ފެއަށް ޖެހުން ވެގެން މިދިޔައީ ސިޔާސީ ގޮތުން މަންޒަރު ބަދަލުކޮށްލި ކަމަކަށެވެ. "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އުފައްދަން މަސައްކަތް ކުރާ ސިޔާސީ ޕާޓީއަށް މިހާތަނަށް ސޮއިކުރި 3،500 އެއްހާ މީހުންނަކީ މުޅިންވެސް އެމްޑީޕީ ފިކުރުގެ ނުވަތަ އެޕާޓީއަށް ނިސްބަތްވާ މީހުންނެވެ. މިއަދަދަކީ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެޕާޓީން އެއްކުރި އަދަދެކެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި މިއަދަދު ވަރަށް ބޮޑު ތަނުން އިތުރުވާނެކަމަށް ބެލެވެ އެވެ.

އެމްޑީޕީގައި ބައިލައްކައާ ގާތްކުރާ އަދަދަކަށް މެމްބަރުން ތިބިނަމަވެސް އެޕާޓީން މިއަހަރު ބޭއްވި ރިޔާސީ ޕްރައިމަރީގައި ވޯޓު ލާން ނިކުތީ ނިސްބަތުން މަދު އަދަދެކެވެ. އޭގެ ތެރެއިން ރައީސް ޞާލިހަށް ވޯޓު ދިނީ އޭގެ ތެރެއިން ބައެއް މީހުންނެވެ. އެމްޑީޕީ ފިޔަވައި މިފަހަރު ރައީސް ޞާލިހަށް ތާއީދު ކުރަނީ އަދާލަތު ޕާޓީންނާއި އެމްޑީއޭއިންނެވެ. މި ދެ ޕާޓީއަކީވެސް ވޯޓު ލެވޭ އާބާދީގެ ތެރެއިން ވަރަށް މަދު އަދަދެއް ހިއްސާ ކުރާ ދެ ޕާޓީ އެވެ. ނިމިގެންދިޔަ އިންތިހާބުތަކަށް ބަލާއިރު އަދާލަތަށްވެސް އަދި އެމްޑީއޭއަށްވެސް "ގޭމް ޗޭންޖު" ކުރެވޭ ވަރުގެ ތާއީދެއް އޮތްކަމަކަށް ނުބެލެވެ އެވެ.

ރައީސް ޞާލިޙްގެ ކެންޕެއިން ޖަލްސާއެއް

އިދިކޮޅު ކެނޑިޑޭޓެއް ކަށަވަރު ނުވުން

އިދިކޮޅު ޕީޕީއެމް ޕީއެންސީން ތަކުރާރުކޮށް ވަރަށް ޔަގީންކަމާއިއެކު ބުނަމުން ގެންދަނީ އެކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނު ހުންނެވީ ޖަލު ހުކުމެއްގަ އެވެ. ގާނޫނު އަސާސީގައި ރިޔާސީ ކެނޑިޑޭޓެއްގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތެއް އެމަނިކުފާނުގެ ކިބައިގައި ފުރިހަމަ ނުވެ އެވެ. ހުކުމް އިސްތިއުނާފަށް ހުށަހަޅާފައި އޮތްނަމަވެސް ރިޔާސީ އިންތިހާބުގެ ކުރިން އެމައްސަލަ ނިމިދާނެ ކަމަކަށް ނުބެލެވެ އެވެ.

ޕީޕީއެމްއިން ކޮންމެ ގޮތަކަށް ވާހަކަ ދެއްކިނަމަވެސް ރައީސް ޔާމީންގެ ކެނޑިޑެންސީ އަދި ކަށަވަރެއް ނުވެ އެވެ. ރައްޔިތުންނަށްވެސް ރައީސް ޔާމީންގެ ނަން ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. އެމަނިކުފާނަށް ވޯޓު ދޭނެ ރައްޔިތުން ރާއްޖޭގައި ގިނަ ވާނެ އެވެ. އެހެންނަމަވެސް އެރައްޔިތުން އަދިވެސް ތިބީ ޝައްކެއްގެ މަތީގަ އެވެ.

ޕީޕީއެމްގެ ޖަލްސާއެއްގެ ތެރެއިން

 

ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެއްވޭނަމަ ދެން އިދިކޮޅުން ވާދަކުރައްވާނެ ކެނޑިޑޭޓަކާއިމެދު މަޝްވަރާ ކުރަން އިދިކޮޅުން އޮތީ ތައްޔާރަކަށް ނޫނެވެ. މިހާތަނަށް ފެނުނު ބައެއް މަންޒަރުތަކަށް ބަލާއިރު އެެހެން ގޮތެއް ހޯދަން އެދުނު ކޮންމެ މީހަކުވެސް ޕާޓީން އެއްފަރާތް ކުރަނީ އެވެ. ލީޑަޝިޕްގައި ތިއްބެވި ގިނަ ބޭފުޅުން ވިދާޅުވަނީ ހަމައެކަނި ޗޮއިސްއަކީ ރައީސް ޔާމީން ކަމަށެވެ.

ކަން މިހެން އޮތްއިރު އިދިކޮޅު ލީޑަޝިޕްގެ ބައެއް ބޭފުޅުން މިވަނީ އެހެން ކެނޑިޑޭޓުންނަށް ތާއީދު އޮތްކަމަށް ވިދާޅުވާން ފަށައިފަ އެވެ. ދާދި ފަހުން ރައީސް ޔާމީންގެ ވަރަށް ގާތް ބޭފުޅެއްކަމަށްވާ އުސްތާޒާ އާޒިމާ ޝުކޫރު ވަނީ އެމްއެންޕީގެ ކެނޑިޑޭޓު މުހައްމަދު ނާޒިމަށް ތާއީދު ކުރައްވާކަން ހާމަކުރައްވައިފަ އެވެ. ދަންނަވަން މިއުޅެނީ ރައީސް ޔާމީންގެ ކެނޑިޑެންސީ ކަށަވަރު ނުވާހާ ހިނދަކު އެމަނިކުފާނަށް އޮތް ތާއީދު ދުވަހެއް ދުވަހަކަށް ކުޑަވަމުން ހިނގައިދާނެކަމުގެ ބިރު އޮތް ވާހަކަ އެވެ.

ރައީސް ނަޝީދަށް ވަގުތެއް ނެތް

ރައީސް ޞާލިހާއި ރައީސް ޔާމީނަށްފަހު ދެން އެންމެ ބޮޑު ތާއީދެއް އޮންނާނެކަމަށް ބެލެވެނީ ރައީސް މުހައްމަދު ނަޝީދަށެވެ. އެހެންނަމަވެސް އެމަނިކުފާނަށް މިފަހަރު އެމްޑީޕީ ގެއްލިއްޖެ އެވެ. ކޮންމެ ސިޔާސީ ލީޑަރަކަށްވެސް އޮންނަ ތާއީދު މިން ކުރަނީ އެ ލީޑަރަކު ތަމްސީލު ކުރާ ޕްލެޓްފޯމު ނުވަތަ ސިޔާސީ ޕާޓީގެ ކުޑަ ބޮޑު މިނުންނެވެ. ވޭތުވެދިޔަ ތަނުގައި ރައީސް ނަޝީދަށް މުޅި އެމްޑީޕީ އޮންނަނީ ކަށަވަރުވެފަ އެވެ. މިފަހަރު އެމަނިކުފާނު ނިކުންނަވަން ތައްޔާރު މިވަނީ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި މުޅިން އަލަށް އުފައްދާ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގަ އެވެ.

އެޕާޓީއަށް މިހާތަނަށް ސޮއިކުރީ 3،500 އެއްހާ މެމްބަރުންނެވެ. ފަހަރުގައި ޕާޓީ ރަސްމީކޮށް ރަޖިސްޓްރީ ވުމުން މިއަދަދު ވަރަށް ބޮޑަށް އިތުރުވުންވެސް އެކަށީގެންވެ އެވެ. އަންނަ ޖުލައި މަހު ރިޔާސީ ކެނޑިޑޭޓުންގެ ނަންތައް އިލެކްޝަނުން ތަރުތީބު ކުރަން ފަށާނެ އެވެ. އެހާތަނަށް ރައީސް ނަޝީދަށް 10،000 އެއްހާ މެމްބަރުން ޕާޓީއަށް ވެއްދިދާނެ އެވެ. އެހެންނަމަވެސް އެއަށްވުރެއް މާ ބޮޑުތަނުން މެމްބަރުން އިތުރު ކުރެވިދާނެ ކަމަކަށް ނުބެލެވެ އެވެ.

ރައީސް ނަޝީދުގެ ކެންޕެއިން ޖަލްސާއެއް

ދެން އޮތީ އެމްޑީޕީގައި ތިބެ ނުވަތަ ވަކި ޕާޓީއަކަށް ސޮއި ނުކޮށް ތިބެ ރައްޔިތުން ރައީސް ނަޝީދަށް ވޯޓު ދޭނެކަމަށް ކުރެވޭ ބަހުސް އެވެ. މިގޮތަށް ވޯޓު ދޭނެ ރައްޔިތުންތަކެއްވެސް ތިބޭނެ އެވެ. އެހެންނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ އެމްޑީޕީން ދައްކާ ކެނޑިޑޭޓަށް ވޯޓު ދޭން މީހުންވެސް ތިބޭނެ ކަމެވެ. ކުރުކޮށް ދަންނަވާނަމަ ރައީސް ނަޝީދަށް ވޯޓު ދެމުން އައި ރައްޔިތުން ދެ ފަޅިއަކަށް ފަޅިވާނެ އެވެ. ރައީސް ޞާލިހަށްވެސް އޮތް ގޮންޖެހުން ރައީސް ނަޝީދަށްވެސް މި އިންތިހާބުގައި އެބަ އޮތެވެ.

ގާސިމްގެ އުއްމީދީ ނަމްބަރު ގެއްލިއްޖެ

ދެން އޮތީ ކޮންމެ އިންތިހާބެއްގައިވެސް "ވިނިންގް ކެނޑިޑޭޓު" ނިންމާ އެހީތެރިޔާގެ ވާހަކަ އެވެ. ކޮންމެ އިންތިހާބެއްގައިވެސް ކާމިޔާބު ހޯދަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތާއީދު ކުރައްވާ ކެނޑިޑޭޓެކެވެ. އެހެންނަމަވެސް މިފަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން ދިޔައިރު ގާސިމް އިބްރާހިމް އިންތިހާބު ކާމިޔާބު ކުރައްވައިފާނެ ކަމަށް އުއްމީދު ކުރެވުނެވެ. ވަކި ހިސާބަކުން ރައީސް ނަޝީދުގެ ތާއީދުވެސް ގާސިމަށް އޮތްކަމަށް ބެލެވުނެވެ. ރައީސް މައުމޫނުވެސް އެފަދަ މަންޒަރެއް ދެއްކެވި އެވެ. އެހެންނަމަވެސް އާހިރުގައި ކަން ވެގެން ދިޔައީ މުޅިން އެހެން ގޮތަކަށެވެ. ގާސިމް މިފަހަރުވެސް ވާދަކުރައްވަން ޖެހިވަޑައިގަންނަވާނީ ގިނިކަންޏާ އެވެ.

ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ އަދަދަކީ ގާތްގަނޑަކަށް ވިއްސަކަށް ހާހެވެ. މިއީ އެމްޑީޕީއަށްވުރެއް މަދު އަދަދަކެވެ. އަނެއްކޮޅުން ޕީޕީއެމްއަށްވުރެއްވެސް މަދު އަދަދެކެވެ. ރައީސް ނަޝީދުގެ ޕާޓީއަށްވުރެއް މަދު އަދަދެއްނަމަވެސް އެމަނިކުފާނަށް އޮތް ތާއީދު މިއަށްވުރެއް އިތުރުވާނެކަމަށް ބެލެވެ އެވެ. ޖޭޕީގެ ރިޔާސީ ޓިކެޓު ގާސިމަށް އެރުވުމަށް ބޭއްވި ޖަލްސާގައި 5،000 އަށްވުރެއް ގިނަ މެމްބަރުން ބައިވެރިވާނެކަމަށް އެޕާޓީން ބުންޏެވެ. އެހެންނަމަވެސް އެއަދަދާއި ގާތްކުރާ އަދަދަކަށްވެސް މީހުން ބައިވެރިއެއް ނުވި އެވެ. މާނައަކީ ގާސިމަށް އޮތް ތާއީދު ހީކުރި ވަރަށްވުރެއް މަދުކަމެވެ.

އެމްއެންޕީން ބޭއްވި ޖަލްސާއެއްގެ ތެރެއިން

2023 ވަނަ އަހަރުގެ އިންތިހާބުގައި އެމްއެންޕީންވެސް ވާދަކުރެ އެވެ. އަމިއްލަ ގޮތުންވެސް ބައެއް ކެނޑިޑޭޓުން ވާދަކުރެ އެވެ. އެހެންނަމަވެސް މިއީ ނިސްބަތުން މަދު ވޯޓުތަކެކެވެ. މިއަހަރުގެ އިންތިހާބުގައި ދެވަނަ ބުރަކަށް ދާނެކަމީ ޝައްކެއް ނެތް މިންވަރަށް ދަންނަވަން އެނގޭ ކަމެކެވެ. އެހެންނަމަވެސް ދެވަނަ ބުރަކަށް ދާނީ ކޮން ދެ ކެނޑިޑޭޓުންނެއްތޯ އަދި ދަންނަވަން ދައްޗެވެ. އެއްކޮޅުން ރައީސް ޞާލިހު ވާދަކޮށްފާނެ އެވެ. ދެވަނަ ކެނޑިޑޭޓަކީ ރައީސް ޔާމީނަށް ނުވަތަ ރައީސް ނަޝީދަށް ވުން ވަރަށް ގާތެވެ. ގާސިމަށް އޮތް ފުރުސަތު ވަރަށް ހަންޏެވެ.

އަންނަ ޖުލައި މަހަކީ އަނެއްކާވެސް ބޮޑު މަހެކެވެ. ރިޔާސީ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބު ވެގެންދާނެ މަހެވެ. އެއާއެކު ރިޔާސީ ކެމްޕެއިންތައްވެސް މެކުހަށް ޖަހާނެ އެވެ. ރައްޔިތުން ވޯޓު ލާނެ ކެނޑިޑޭޓެއްވެސް މުޅިން ކަށަވަރުވާނީ އޭރުންނެވެ. ކޮންމެއަކަސް މިފަހަރުގެ އިންތިހާބަކީ ވަރަށް ފޯރިގަދަ އިންތިހާބަކަށް ވެގެންދާނެ އެވެ.

Ads by Allied Insurance
  1. ދިސްވޭ

    ގާސިމަށް މިއިންތިޚާބު ކާމިޔާބު ކުރެވޭނީ ގާސިމް ކުރިއަށް ނިކުމެ އެކަމާއި އުޅެގެންނޭ އަދި އުމަރު ނަސީރު ގާސިމްގެ ރަނިންގް މޭޓަކަށް ހަދާ އަދި ޕީޕީއެމް ގެ ތާއީދު ހޯދައިގެންނޭ ރައީސް ޔާމީން މިނިވަން ނުވެއްޖެނަމަ ގާސިމް އާއި އުމަރު ނަސީރަށް ތާއީދު ކުރަން ޕީޕީއެމް ގައި އެދި ޕީޕީއެމް އިން ގާސިމް އެންޑޯރސް ކުރުމޭ އަދި އެއަށް ފަހު ކެނެރީގެ ނަޝީދު ވެސް ގާސިމަށް ތާއީދު ކުރުމޭ މިއިންތިޚާބުގައި ޖޭޕީ އާއި ދަ ޑިމޮކްރެޓްސް އާއި އަދި ޕީޕީއެމް އާްއި އެމްއެންޕީ އާްއި އުމަރު ނަސީރު ވަކިން ވާދަ ކޮށްފިނަމަ ނަތީޖާ ވަރަށް ނުބައިވާނެއޭ އެއިރުން އެއްވަނަ އަށް ފުރަތަމަ ބުރުގައި ދާނީ އެމްޑީޕީއޭ އެހެން ވެއްޖެނަމަ ކެނެރީގެ ނަޝީދަށް މަޖްބޫރުވާނެއޭ އެމްޑީޕީ ފަހަތަށް އަރަން މީ މިކަން ވާނެ ގޮތޭ ކަން މިހެން ހުރުމުން މިހާރު ކެނެރީގެ ނަޝީދު އާއި ގާސިމް ފުރަތަމަ ގުޅި އެއްވެސް ޝަރުތެއް ނެތި ގާސިމްގެ ރަނިންގް މޭޓް ކަން ނަޝީދު ގަބޫލުކުރުން އެއީ ވަރަށް މުހިއްމު ކަމެކޭ ކޮންމެހެން ރާއްޖޭގައި ވެރިކަން ކުރަން ބަރުލަމާނީ ނިޒާމެއް ބޭނުމެއް ނޫނޭ އެއީ ގޯހެކޭ…

  2. ދިސްވޭ

    ރައީސް އިބޫ އަށް އިންތިޚާބު ކާމިޔާބު ވިޔަ ނުދިނުމަށް ޓަކައި އިދިކޮޅުން ނެރެންވީ ގާސިމް އިބްރާހިމް ދެން ރަނިންގް މޭޓަކަށް ވާންވީ އުމަރު ނަސީރު ނުވަތަ ނަޝީދު ނުވަތަ ނާޒިމް އެއިރުން ދެން މިރާއްޖެހަމަ އަކަށް އެޅިގެން ދާނީ ދަ ޑިމޮކްރެޓްސް އަށް އަދި ކުރިއަށް ދިއުމަށް ޓަކައި ރާސްތާ ވަރަށް ދިގޭ ކަން މިހެން ހުރުމުން ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރެވޭ ވަރަށް ދެން ދަ ޑިމޮކްރެޓްސް އިންނަށް ހޭދަވެސް ނުކުރެވޭނެއޭ މަސައްކަތް ވެސް ނުކުރެވޭނެއޭ އެއީ ވާނޭ ކަމެއް ނޫނޭ ދެން ރައީސް ޔާމީން މިނިވަންވި ނަމަވެސް ޔާމީނާއި މެދު އިދިކޮޅު ގައި ތިބި ލީޑަރުން އިތުބާރު ނުކުރާނެއޭ ސަބަބަކީ ޔާމީންގެ ވެރިކަމުގައި ޔާމީން ކަންކަން ކުރި ގޮތުންނޭ ކަން މިހެން ހުރުމުން ޖޭޕީ އާއި އުމަރު ނަސީރު ގުޅެންވީ ފުރަތަމަ ވެސް ދެން ކެނެރީގެ ނަޝީދު ވެސް އެއްވެސް ޝަރުތެއް ނެތި ގުޅެންވީއޭ އެއިރުންނޭ ދެން މިގައުމު ހަމަ މަގަށް އެޅުވޭނީ…

  3. ހދބޯ

    ކޮތަޅު އިބްރާހީމް ވާނީ ފެއިލި

  4. ދިވެހިރާއްޖޭގެ ސިޔާސީ މާރުކޭޓް ގައި މިއަދު ޓީމްތަށް ބެހިފައިވަނީ !
    1/ ސާލިހު ކޯލީޝަން އިމްރާން ސަންޝިޔާމް މިއީ 2008 ގައި މައުމޫނާއި ވާދަކޮށް ކާމިޔާބް ހޯދި ޓީމް.
    2/ ޕީޕީއެމް ޕީއެންސީ ކޯލީޝަން ، ޕީޕީއެމްއަކީ 2018ގައި ސޯލިހާއި ވާދަކޮށް ބަލިވި ޓީމް .
    3/ ޖުމުހޫރީ ޕާޓީ ވަކިން ވާދަކޮށް ނާކާމިޔާބް ވެފައި ، ދެވަނަ ބުރުގައި ކޯލީޝަން ހެދުން .
    3/ ކާނަލް ނާޒިމް ޕާޓީ ރިޔާސީ ރޭހަށް އަލުން ނިކުންނަ ޕާޓީއެއް .
    4/ އުމަރު ނަސީރު ރިޔާސީ ރޭހަށް ވަކިން ނިކުންނަ ކެޑީޑޭޓް . ސޯޝަލް މީޑިޔާގައި ކެމްޕޭން ހަރަކާތް ހިގާ.
    5/ ޑރ މުހައްމަދު އާތިފް ރިޔާސީ ރޭހަށް އަމިއްލަޔަށް ނިކުންނަ ކެންޑިޑޭޓެއް ސޯޝަލް މީޑިޔާގައި ވަރަށް ގަދަޔަށް ކެމްޕޭން ކުރައްވާ ،