ޚަބަރު

ސުބާންގް ކަޕް 2023 ކާމިޔާބު ކަމާއެކު ނިންމާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށްގެން އެ ޤައުމުގައި ކުރިޔަށް ގެންދަމުން އަންނަ ފުޓްސަލް މުބާރާތް, ސުބާންގްކަޕްގެ ތިންވަނަ މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

Ads by Hajj Corporation

ސަބާންގްކަޕަކީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ މެދުގައި އެކުވެރިކަން އާލާ ކުރުމަށް ބާއްވަމުން އަންނަ މުބާރާތެކެވެ. މުބާރާތް އިންތިޒާމް ކުރަނީ ސުބާންގްގައި ދިރިއުޅޭ ދިވެހި ކޮމިއުނިޓީންނެވެ.

މިއަހަރުގެ މިބާރާތުގައި ޖުމްލަ 14 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ 11 ފިރިހެން ޓީމާއި ތިން އަންހެން ޓީމެވެ. މުބާރާތް ބެލުމަށް ގާތްގަނޑަކަށް ހާހެއްހާ މީހުން ވަނީ ޖަމާވެފައެވެ.

މުބާރާތުގެ ފައިނަލްގައި ވާދަކުރީ މިދިޔަ ދެ އަހަރުގެ ޗެންޕިއަން, ޓީމް އީސީއާއި ކޭއެލް ޓައިޓަންސްއެވެ. ފައިނަލް މެޗްގައި ދެ ޓީމުން ވެސް ގަދަ ކުޅުމެއް ދެއްކިއިރު, މި ފޯރިގަދަ މުބާރާތުގެ ފިރިހެން ޗެންޕިއަންކަން މިފަހަރު ހޯދާފައިވަނީ ކޭއެލް ޓައިޓަންސްއިންނެވެ.

މުބާރާތުގެ ކިންގްސް އޮފް ދަ ޓޯނަމެންޓް އަދި އެންމެ ގިނަ ގޯލް ޖަހާފައިވަނީ, ޓީމް އީސީގެ އަބްދުﷲ ޝައްފާން (ޝަކާ)އެވެ.

ފައިނަލްގައި އަންހެނުންގެ ބައިން ބައްދަލުކޮށްފައިވަނީ ވިކްޓޯރިއަސް ސީކްރެޓާއި ދަށް އެފްސީއެވެ.

ކުއީން އޮފް ދަ ޓޯނަމެންޓަކީ ދަށް އެފްސީގެ ޔަނާލްއެވެ. އަންހެނުންގެ ބައިން އެންމެ ގިނަ ގޯލް ޖަހާފައިވަނީ ޝާލިޔާއެވެ.

މުބާރާތް ބަލަން އައި މީހުންގެ ތެރޭގައި ގުރުއަތު ލުމެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން އެއްވަނައަށް ދިޔަ ފަރާތަށް 2000 މެލޭޝިއަން ރިންގެޓް (ގާތްގަނޑަކަށް 6,500 ރުފިޔާ) ދީފައިވާއިރު, ދެވަނަ ދިޔަ ފަރާތަށް އައިޕެޑެއް އަދި ތިންވަނަ ފަރާތަށް ނިންޑެންޑޯ ސުވިޗެއް ވަނީ ދީފައެވެ.

މިބާރާތުގެ އަންހެން އަދި ފިިރހެން ޗެންޕިއަން ޓީމަށް 2000 ރިންގެޓް އަދި ރަނަރަޕް ޓީމަށް 1000 ރިންގެޓް ވަނީ ދީފައެވެ. މުބާރާތް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި, މަޝްހޫރު ރޮބޯމޭންގެ ޚާއްސަ ނެށުމެއް ވަނީ ކުރިޔަށް ގޮސްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!