އެއް އާއިލާއަކަށް މަޖިލީހުގެ ރައީީސްއާއި ނައިބު ރައީސްގެ މަޤާމު ނުލިބޭ ގޮތް ހަދަންޖެހޭ: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ މަޤާމު އެއް އާއިލާއެއްގެ ބަޔަކަށް ނުދެވޭ ގޮތަށް ޤާނޫނުތައް ބަދަލުކުރަންޖެހޭ ހާލަތަށް ކަންކަން ގޮސްފައިވާކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އޭނާ މިފަދައިން ވިދާޅުވީ، މިއަދު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސާއި ނާއިބު ރައީސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުން ރެކުމަކީ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުން ކަމަށާއި، މިކަމާ ގުޅޭގޮތުން އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅުއްވާނެކަމަށެވެ.
އަސްލަމް ވިދާޅުވީ އާއިލީ ބޭފުޅަކާއި ދެކޮޅަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމުން މަޖިލީހުގެ ރިޔާސަތުން އަދާކުރައްވަންޖެހޭ މަސްއޫލިއްޔަތުން ދުރަށް ވަޑައިގެންނެވުމަކީ ޤަބޫލުކުރެވޭކަމެއް ނޫންކަމަށެވެ.
އަދި އެއީ ޤަވާއިދު ތަންދޭ ކަމެއްވެސް ނޫންކަމަށެވެ. އަދި އާއިލީ ބޭފުޅުންގެ މައްސަލަ ކުރިއަށްދާއިރު މަޖިލީހުގެ ރިޔާސަތުން އަދާކުރައްވަންޖެހޭ މަސްއޫލިއްުޔަތު އަދާނުކުރެވޭނަމަ އެކަމާއި މެދު ވިސްނާފައި، ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށާއި އެއް ގެއެއްގެ ބަޔަކަށް މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ މަޤާމު ނުލިބޭ ގޮތަކަށް ޤާނޫނުތައް ބަދަލުކުރަންޖެހޭކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް މިހެން ވިދާޅުވިއިރު، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، މަޖިލީހުގެ ނައިބު ރައީސް އީވާއާ ދެކޮޅަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް އެ ދެ ބޭފުޅުންވެސް ދެކޮޅު ހައްދަވަމުން ގެންދެވުމުން މަޖިލިސް ވަނީ ހުއްޓުމަކަށް އައިސްފައެވެ.