މިއަހަރު 160 އަށް ވުރެ ގިނަ ގައުމުން 2 މިލިއަން މީހުން ހައްޖުވާނެ

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި 160 އަށް ވުރެ ގިނަ ގައުމުން 2 މިލިއަން މީހުން ހައްޖުވާނެ ކަމަށް ސައުދީން ބުނެފިއެވެ.
މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާ ޑރ ތައުފީޤް ބިން ފައުޒާން އަލް ރާބިއާ ވިދާޅުވީ މިއަހަރު2 މިލިއަން މީހުން ހައްޖުވާނެ ކަމަށެވެ. މިދިޔަ އަހަރު ސައުދީ އަރަބިއްޔާއަށް ނުވަ ލައްކައެއްހާ ހައްޖުވެރިންނަށް ވަނީ މަރުހަބާ ކިޔާފައެވެ.
ތައުފީޤް ވިދާޅުވީ ހައްޖުގެ އަޅުކަން އަދާކުރާ ހުރިހާ ފަރާތްތަކަށް ވެސް އެންމެ ފުރިހަމަ ސިއްހީ އަދި ލޮޖިސްޓިކް ހިދުމަތްތައް ފޯރުކޮށްދިނުމަށް މިނިސްޓްރީ އާއި ގުޅުންހުރި ހުރިހާ އިދާރާތަކުން ޝައުގުވެރިވާ ކަމަށާއި އެކަންކަން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މިއަހަރު ރާއްޖެއަށް ލިބިފައިވަނީ 1000 ކޯޓާއެވެ. މީގެތެރެއިން ޙައްޖަށް ގެންދިޔުމުގެ ހުއްދަ ދޫކޮށްފައިވާ 3 ކުންފުނިން ކޮންމެ ކުންފުންޏަކަށް ދީފައިވަނީ 90 ފުރުޞަތެވެ. ދެންހުރި ފުރުޞަތުތައް ދިނީ ޙައްޖު ކޯޕަރޭޝަނަށެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަން އައުމުގެ ކުރިން 2019 ވަނަ އަހަރު ސައުދީގައި 2.5 މިލިއަން މީހުން ވަނީ ހައްޖުގެ އަޅުކަން އަދާކޮށްފައެވެ.