ޚަބަރު ސިޔާސީ

އިސްތިއުނާފު އަޑުއެހުންތައް ޢީދު ބަންދުގެ ކުރިން ނިންމައިދޭން ރައީސް ޔާމީން އެދިވަޑިގެންފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ވ. އާރަށުގެ މައްސަލައިގައި، އިދިކޮޅު ލީޑަރު، އަދި ޕީޕީއެމްގެ ރިޔާސީ ޓިކެޓު އަރުވައިފައިވާ ރައީީސް ޔާމީން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ އަޑުއެހުންތައް މާދަމާއަށް ނިންމައިދިނުމަށް އެމަނިކުފާނުގެ ފަރާާތްޕުޅުން އެދިވަޑައިގެންފިއެވެ.

Ads by MWSC

ހައިކޯޓުގައި މިއަދު ބޭއްވީ އާރަށުގެ މައްސަލައިގެ ތިންވަނަ އަޑުއެހުމެވެ. މާދަމާ އަޑުއެހުންތައް ނިންމާލައި ދިނުމަށް ރައީސް ޔާމީން އެދިވަޑައިގަތީ، މާދަމާއަށް ފަހު ކުރިއަށް އޮތް ނުވަ ދުވަސް ސަރުކާރު ބަންދު ވާތީއެވ.

ކުރީގެ ދެ އަޑުއެހުމުގައި ވަނީ، މި މައްސަލައިގައި ދަޢުވާ ލިބޭ ޔޫސުފް ނަޢީމުގެ ފަރާތުން ހުށަހަޅާ އިސްތިއުނާފު ނުކުތާތައް ހުށަހެޅުމެވެ.

ނަމަވެސް މިއަދުގެ އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާ އިސްތިއުނާފް ހުށަހެޅުންތައް ހުށަހެޅުމެވެ. ތިންގަޑިއިރަށް ކުރިއަށް ގެންދިޔަ މިއަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ވަނީ ޖުމުލަ 14 ނުކުތާ ހުށަހަޅައިފައެވެ.

އޭގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ޙުކުމުގައި ޝަރީއަތަށް ހުށަނާޅާ ހެކިންގެ ހެކިބަހާ ހެކިން ދައްކާފައި ނުވާ ވާހަކަތައް ޙުކުމުގައި ހުރިކަން ރައީސް ޔާމީންގެ ފަރާތުން ފާހަގަކުރެއްވި އެވެ. އަދި ދަޢުލަތުން ހުށަހަޅާފައިވާ ބައެއް ސިޓީތަކުގައި ހުރި އިބާރާތްތައް ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަން ރައީސް ޔާމީންގެ ވަކީލުން ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުން ނިމުމުގެ ކުރިން ރައީީސް ޔާމީންގެ ޤާނޫނީ ޓީމުގައި ހިމެނޭ އިސް ވަކީލި ޑރ. މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވީ ކުރިއަށް އޮތީ ދިގު ބަންދަކަށްވާތީ މާދަމާއަށް ޝަރީޢަތެއް ތާވަލްކޮށް އަޑުއެހުންތައް ނިންމާލަދިނުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ނަމަވެސް މާދަމާ އަޑުއެހުމެއް ބާއްވާނެ ކަމަކަށް ތިން ފަނޑިޔާރުން ހިމެނޭ ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުޒައިފާ މުހައްމަދު ވިދާޅުވެފައެއް ނުވެއެވެ.

ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުން ކުރިއަށް ގެންދަވާ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނެނީ ފަނޑިޔާރު ހުޒައިފާގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!