ޚަބަރު

ހެލްތް މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން އަސްލަމް އަށް

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ހެލްތް މިނިސްޓަރ އަބްދުﷲ އަމީން އަމިއްލަ ފުޅަށް މަސައްކަތުން އެކަހެރިވެ ވަޑައިގެންނެވުމާއި ގުޅިގެން އެ މިނިސްޓްރީ ހިންގުން، ވަގުތީ ގޮތުން ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް އާ ހަވާލުކުރައްވައިފިއެވެ.

Ads by STELCO

އަމީން އަމިއްލައަށް އެކަހެރިވާން ނިންމެވީ ކޮވިޑް-19އާ ގުޅޭ ހެލްތު މިނިސްޓްރީގެ ހަރަދުތަކުގެ ކޮމްޕްލައެންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މި މައްސަލަ ތަހުގީގުކޮށް ނިމެންދެންނެވެ.

ހެލްތު މިނިސްޓްރީގެ ހިންގުން މިނިސްޓަރު އަސްލަމްއާ ހަވާލު ކުރިކަން ރައީސް އޮފީހުން ވަނީ ކަށަވަރު ކޮށްދެއްވައިފަ އެވެ.

މިނިސްޓަރު އަމީން މަސައްކަތުން އެކަހެރިވެ ވަޑައިގެންނެވުމަށް ނިންމެވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައިވާ މައްސަލަތައް ބެލުމަށް ފުލުހުންނާއި އޭސީސީއަށް އަންގަވާފައެވެ.

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ހެލްތުގެ އޮޑިޓް ރިޕޯޓުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ. އެކަމާ ގުޅިގެން އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން ވަނީ އަމީން މަގާމުން ވަކިކުރުމަށް ގޮވާލާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!