ޚަބަރު ކުޅިވަރު

އުރީދޫއިން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހޮނިހިރު ދުވަހާ ހަމައަށް އިތުރުކޮށްފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

4 ސިޓީ ހިމެނޭހެން ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހޮނިހިރު ދުވަހާ ހަމައަށް އިތުރުކޮށްފިއެވެ.

Ads by STELCO

މި މަސްރޭހަކީ އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތަކަށްވާއިރު، މި އަހަރު މި މުބާރާތުގައި 4 ސިޓީއަކުން ބައިވެރިވެއެވެ. އެއީ މާލެ ސިޓީ، އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ފުވައްމުލަކު ސިޓީއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރިކަން ޢިއުލާނުކޮށްފައިވަނީ އުރީދޫއިން ނެރުނު ނޫސްބަޔާނެއްގައެވެ.

އުރީދޫ މަސްރޭސް 2023 ބާއްވަން ހަމަޖެހިފައިވަނީ އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މި ފެށޭ އޯގަސްޓު މަހުގައިކަމަށާއި، މި މުބާރާތް ވެގެންދާނީ ރާއްޖޭގައި މިފަދައިން ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަގަދަ މުބާރާތް ކަމަށް އުރީދޫއިން ބުނެފައިވެއެވެ.

އުރީދޫ މަސްރޭސް 2023 ގައި ބައިވެރިވުމަށް ޝައުގުވެރިވާނަމަ އެ މުބާރާތައް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ޕޯޓަލް (https://ore.do/masrace) މެދުވެރިކޮށް، މުބާރާތުގައި ރަޖިސްޓްރީކުރެވޭނެ ކަމަށް އުރީދޫއިން މައުލޫމާތުދީފައިވެއެވެ.

އަދި ޓީމުތަކުން ރަޖިސްޓްރޭޝަން ފޯމު ހުށަހަޅާއިރު، ޓީމުގެ ކޮންމެ ބައިވެރިއަކަށް 150 ރުފިޔާއަށް މަސްރޭސް ކިޓް މޫލީ މެދުވެރިކޮށް ގަނެވޭނަކަމަށާއި އެ ކިޓުގައި ހިމެނޭނީ މަސްރޭސް ކޯރީއާއި ޓީޝާޓުކަމަށް އުރީދޫ އިން ބުނެފައިވެއެވެ. އަދި ކޮންމެ ޓީމެއްގައި ކެޕްޓަނަކާއި އޮފިޝަލުން ހިމެނޭގޮތަށް 12 މެމްބަރުން ތިބެންވާނެކަމަށްވެސް އުރީދޫއިން ބުނެއެވެ.

މި މުބާރާތުގައި ބައިވެރިވެގެން ވަނަތަކަށް ދާ ޓީމުތަކަށް ޖުމްލަ 160،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ. ތިރީގައި އެވަނީ ފައިސާގެ އިނާމުތައް ދެވިގެންދާނެގޮތެވެ.

  • އެއްވަނަ ޓީމަށް 25،000 ރުފިޔާ
  • ދެ ވަނަ ޓީމަށް 10،000 ރުފިޔާ
  • ތިން ވަނަ ޓީމަށް 5،000 ރުފިޔާ
  • އެންމެ މޮޅު މަސްވެރިޔަކަށް (ފިރިހެން) 1،000 ރުފިޔާ އަދި
  • އެންމެ މޮޅު މަސްވެރިޔަކަށް (އަންހެން) 1،000 ރުފިޔާ

އުރީދޫ މަސްރޭސް 2023 ފެށުމަށް ހަމަޖެހިފައިވާ ގޮތް:

  • މާލެ ސިޓީ: 04 އޮގަސްޓު 2023
  • ކުޅުދުއްފުށި ސިޓީ: 11 އޮގަސްޓު 2023
  • އައްޑޫ ސިޓީ: 18 އޮގަސްޓު 2023
  • ފުވައްމުލައް ސިޓީ: 25 އޮގަސްޓު 2023

އުރީދޫ އިން އިތުރަށް މަޢުލޫމާތު ދިން ގޮތުގައި، މި މުބާރާތުގައި ކޮންމެ ސިޓީއަކުންވެސް މަދުވެގެން 12 ޓީމު އަދި ގިނަވެގެން 30 ޓީމު ވާދަކުރާނެއެވެ. ނަމަވެސް 30 ޓީމަށްވުރެ އިތުރަށް މުބާރާތުގައި ޓީމުތަކުން ރަޖިސްޓަރވެފައިވާނަމަ، މުބާރާތުގައި ބައިވެރިވެވޭ ޓީމުތައް ހޮވުމަށް ހަމަޖެހިފައިވަނީ ގުރު ނަގައިގެންނެވެ. މިގޮތަށް ޓީމުތައް ހޮވާއިރު، ނުހުވޭ ޓީމުތަކަށް ރިފަންޑު ދޭނެކަމަށްވެސް އުރީދޫއިން ބުނެއެވެ. އަދި ސަރުކާރުގެ މުއައްސަސާތަކާއި، ކޯޕަރޭޝަންތަކާއި އަދި އާންމުންނަށްވެސް މި މުބާރާތުގައި ބައިވެރިވުމަށް އުރީދޫއިން ދައުވަތު އަރުވާފައިވެއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!