ޚަބަރު ސިޔާސީ

ހުރިހާ ސިޔާސީ ވެރިންނަށް ވެސް އޮތް "ޗޮއިސްއަކީ" ރައީސް ޔާމީން, އެދުމަކީ ހުރިހާ ޕާޓީއަކުން ރައީސް ޔާމީންގެ ފަހަތަށް އެރުން

ރައުފާ ރަޝީދު ، ދެން އޮންލައިން

ހުރިހާ ސިޔާސީ ވެރިންނަށް ވެސް އޮތް "ޗޮއިސްއަކީ" ރައީސް ޔާމީން ކަމަށާއި އެދުމަކީ ހުރިހާ ޕާޓީއަކުން ރައީސް ޔާމީންގެ ފަހަތަށް އެރުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަކީ މެޖޯރިޓީ ރައްޔިތުން ބޭނުންވާ ކަމެއް ކަމަށެވެ. އަދި އެކަން ކުރުމުގައި އެއްވެސް ބޭފުޅަކު ފަހަތައް ވަޑައިނުގަނެ ކުރިޔަށް ވަޑައިގަަންނަން ޖެހޭ ކަމަށާއި އަމާޒަކަށް ވާންވީ ރައީސް ޔާމީން ވެރިކަމަށް ގެނައުން ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ކުރާ މަސައްކަަތަކީ ދިވެހި ގައުމަށް އުފާވެރި މުސްތަގްބަލެއް ހޯދައިދިނުން ކަމަށާއި މި މަސައްކަތް ކާމިޔާބު ކަމާއެކު ކުރިޔަށް ގެންދެވޭނީ ރައީސް ޔާމީން ވެރިކަމަށް ގެނެސްގެން ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އެކަމަކީ ވެރިކަން ކުރާ ރައީސް ޞާލިޙް ފިޔަވައި އެންމެން އެއްބަސްވާ ކަމެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ރައީސް ޔާމީން ވެރިކަމަށް ގެނައުން ނޫން ގޮތެއް މި ގައުމަށް ނެތް. މިކަމަށް ގާތްގަޑަކަށް ހުރިހާ ބޭފުޅުން ހެން ގަބޫލު އެބަ ކުރޭ. އެހެންވީމަ އަޅުގަނޑުމެން އެންމެން ގުޅިގެން ކުރާ މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލާނީ ރައީސް ޔާމީން ވެރިކަމަށް ގެނެސްފަ" އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން ޕީޕީއެމްއަކީ ހުޅުވާލެވިފައިވާ ޕާޓީއެއް ކަމަށާއި މަސައްކަތް ކުރަނީ ހުރިހާ ޕާޓީތަކާ އެކީގައި ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ. އަދި ރައީސް ޔާމީންއާ އެކީ ކުރިޔަށްދާން ބޭނުންވާ ކޮންމެ ފަރާތަކަކީ ކުރިޔަށްދާނެ ކަމަށާއި މަސައްކަތް ބައްޓަންކޮށްފައިވާނީ ގައުމުގެ ލާބައާއި މަންފާއަށްޓަކާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ޞާލިޙަކީ މިއަދު ވަރަށް ނިކަމެތިކޮށް ހުރި ބޭފުޅެއް ކަމަށެވެ. އަދި ވެރިކަން ބަދަލުކުރުމަށް ހުރިހާ ބޭފުޅުންނަށް ވެސް އެންމެ ފަސޭހަވާނީ ޕީޕީއެމާއެކު މަސައްކަތް ކުރަން ކަމަށާއި އެއްބުރުން ރައީސް ޔާމީން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ވެރިކަން ބަދަލުކުރުމަށް ހުރިހާ ބޭފުޅުންނަށް ވެސް އެންމެ ފަސޭހަ ވާނީ ޕީޕީއެމާއެކު މަސައްކަތް ކުރަން. ވެރިކަން ބަދަލުކުރުމުގެ މަސައްކަތުގަ އަޅުގަނޑުމެން އެންމެން މިތިބީ އެކީގަ" އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން ހުރިހާ ޕާޓީއެއްވެސް ރައީސް ޔާމީނަށް އިންސާފުވެރި އިންތިހާބެއް ދިނުމަށް އެއްބަސްވާ ކަަމަށާއި ގައުމު ސަލާމަތް ކުރެވޭނީ ވެސް ރައީސް ޔާމީން ވެރިކަމަށް ގެނެސްގެން ކަމަށް އަދުރޭ ވިދާޅުވިއެވެ.

"މިއީ އެންމެ ސަޕޯޓަރުން ގިނަ ޕާޓީ، އެހެންވީމާ އަޅުގަނޑުމެން ގަބޫލުކުރަނީ ވެރިކަން ބަދަލުކުރުމަށް އެންމެ ފަސޭހަވާނީ ޕީޕީއެމްއާއެކުގައި މަސައްކަތް ކޮށްގެން ކަމަށް، އެއީ މި ދަންނަވާ ވާހަކައަކީ ވެރިކަން ބަދަލު ކުރާ މައްސަލައިގައި އެންމެން މި ތިބީ އެކީގައޭ" އަބްދުއްރަހީމް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!