ރައީސް ޔާމީންގެ ކެމްޕޭން ސްލޯގަން އަކީ "ދިވެހީންގެ ރާއްޖެ"
ޕީޕީއެމްގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން ސްލޯގަންއަކަށް "ދިވެހީންގެރާއްޖެ" ހަމަޖައްސައިފިއެވެ.
ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ، މިއަދު އޮތީ ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހޯދައިދޭން ޖެހިފައި ކަމަށެވެ. އަދި އެކަން ކުރެވޭނެ ހަމައެކަނި ލީޑަރަކީ ރައީސް އަބްދުﷲ ޔާމީން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"ދިވެހިންގެ ރާއްޖެ" އެ ޝިޔާރުން ދޭހަކޮށްދެނީ ދިވެހިންގެ އެއްބައިވަންތަ ކަމާއި ގައުމުގެ އިސްތިގްލާލާއި މިނިވަންކަން ކަމަށް އިދިކޮޅުން ބުނެއެވެ.
އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ރައީސް ޔާމީންގެ ކެމްޕެއިންގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށީ މިދިޔަ ހޯމަ ދުވަހުއެވެ.
ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތައް ފަށާފައިވަނީ މާލޭގައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތަކުންނެވެ. މި ހަރަކާތުގައި ޕީޕީއެމްގެ އިސް ބޭފުޅުން ވަނީ ބައިވެރިވެފައެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން މިހާތަނަށް ރަސްމީކޮށް 4 ޕާޓީއަކުން ވަނީ އިއުލާނުކޮށްފައެވެ. އިލެކްޝަން ކޮމިޝަނުން ބުނިގޮތުގައި އިންތިހާބަށް ކުރިމަތިލާން ހުޅުވާލާނީ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.
ރިޔާސީ އިންތިހާބު އޮންނާނީ 9 ސެޕްޓެމްބަރުގައެވެ. ދެ ވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ، އެ އިންތިހާބު އޮންނާނީ 30 ސެޕްޓެމްބަރުގައެވެ.