ޚިޔާލު ރިޕޯޓް

ޒީރޯ ޓޮލަރެންސާއި ސިޔާސީ ބާރު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އަލީ ވަހީދުގެ މައްސަލައިގައި ދައުލަތުން ކުޑަކަކޫ ޖަހައިފި

2020 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މުޅި ޤައުމުގެ ސަމާލުކަމަށް އައި ވާހަކައަކީ ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް އެ މިނިސްޓްރީގެ ވެރިޔާ ޖިންސީ ގޯނާ ކުރެއްވި ކަމުގެ ވާހަކައެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރުކަމަށް ވަޑައިގެންނެވި ޢަލީ ވަހީދުގެ މައްޗަށް މި ތުހުމަތު ކުރެވުމާއިއެކު އެމަނިކުފާނު މަގާމުން އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެދިވަޑައިގެންނެވިއެވެ. ގޯނާ ލިބުނު މުވައްޒަފުން ރައީސް ޞާލިހުގެ އަރިހަށް ވަޑައިގެން އެވާހަކަތައް ކިޔައިދެއްވިކަމަށް ވެއެވެ. އަދި އެދުވަހު ރައީސް ޞާލިޙު ކީރިތި ކުރެއްވި ކަމަށްވެސް މީޑިއާގައި ރިޕޯޓު ކުރިއެވެ.

Ads by Hajj Corporation

ޢަލީ ވަހީދު މަގާމުން އިސްތިއުފާ ނުދެއްވުމުން ރައީސް ވަނީ އޭނާ މަގާމުން ދުރުކުރައްވައިފައެވެ. އަދި އެއަށްފަހު މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށިއެވެ. މައްސަލަ ތަހުގީގުކޮށް ނިންމައި ޕީޖީއަށްވެސް ފޮނުވިއެވެ. އަދި ޕީޖީން އެމައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ދައުވާވެސް އުފުލިއެވެ.

އެހެންނަމަވެސް 2021 ވަނަ އަހަރުގެ ފަހުކޮޅު އަލީ ވަހީދު ވަނީ ޔޫކޭއަށް ވަޑައިގެން ފިއްލަވައިފައެވެ. އޭނާ ހައްޔަރު ކުރަން އިންޓަޕޯލްއިން ރެޑް ނޯޓިސްވެސް ނެރުނެވެ.

އެއާއިއެކުވެސް އޭނާ ގެންދެވީ މިނިވަންކަމާއިއެކު ދިރިއުޅުއްވަމުންނެވެ.

ދެ އަހަރެއްހައި ދުވަސް ފާއިތުވެ ދިޔައީ އެވެ. މިއަދު ޢަލީ ވަހީދު ހުންނެވީ ރާއްޖެ ވަޑައިގެންނެވެ. އޭނާގެ މައްޗަށް އުފުލި ދަޢުވާ ވަނީ އަނބުރާ ގެންގޮސްފައެވެ. ސަރުކާރުންވެސް މިމައްސަލައިގައި ގޮތް ދޫކޮށްފިއެވެ. ކަންކަން ބަދަލުވެގެން ދިޔައީ ކޮން އިރަކު ކިހިނެއްކަމެއް ނޭނގެއެވެ. ދެކެވެނީ ވާހަކަތަކެކެވެ.

 

ޖިންސީ ގޯނާ ލިބޭ އަންހެނުންނަށް ނުބައި މެސެޖެއް

އަލީ ވަހީދުގެ މައްސަލައިގައި ޓޫރިޒަމް މިނިސްޓްރީގެ 13 އަންހެން މުވައްޒަފަކު ޝާމިލުވާކަމަށް އަޑު ފެތުރުނެވެ. ޖިންސީ ގޯނާ ލިބުނުކަމަށް އެ 13 އަންހެނުންވެސް ބުނެއެވެ. މިހާ ފުޅާ ދާއިރާއެއްގައި ޖިންސީ ގޯނާގެ ވާހަކަތަކެއް ތިލަވި މިއީ ފުރަތަމަ ފަހަރެވެ. މިމައްސަލައިގައި ޝަރީޢަތެއްވެސް ނުހިންގި އަމުދުން އިންސާފު ނުލިބި އޮތުމަކީ އޭގެ ސަބަބުން ވަރަށް ނުބައި މެސެޖެއް ފޯރުކޮށްދޭ ކަމެކެވެ.

ޖިންސީ ގޯނާގެ ވާހަކައަކީ ޖޯކެއް ނޫނެވެ. 13 އަންހެން ކުދިން ސަރުކާރު އޮފީހެއްގައި މަސައްކަތް ކުރަމުން ދިޔައިރު އެކުދިންގެ ވެރިމީހާ ޖިންސީ ގޯނާ ކުރިކަމަށް ބުނުމަކީ ވަރަށް ސީރިއަސް މައްސަލައެކެވެ. މިކަމުގެ ހަޤީޤަތް ހޯދުން މުހިންމު ވަނީ ހަމައެކަނި އެ 13 ކުދިންގެ ރައްކާތެރިކަމަށް އެކަންޏެއް ނޫނެވެ. އެހެންނަމަވެސް މިފަދަ ކަމެއް ކުރިމަތިވެދާނެ އެހެން ހުރިހައި އަންހެން މުވައްޒަފުންގެވެސް ރައްކާތެރިކަމަށެވެ.

ރާއްޖޭގައި މީގެ ކުރިންވެސް ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓު ނުކުރަނީ އެކަން ފޯރުކޮށްދޭ މީހާއަށް އޮންނަ ބިރެއްގެ ސަބަބުންނެވެ.

ގިނަ ފަހަރަށް މިކަން ކުރިމަތިވަނީ މަތީ މަގާމެއްގައި ނުވަތަ ބާރުގަދަ މަޤާމެއްގައި ހުންނަ މީހަކަށް ވާތީއެވެ. އަލީ ވަހީދުގެ މައްސަލަ ނިމިގެން ދިޔަ ގޮތުން މިގަންނަ ބިރުގެ ސައްހަކަން އެނގިގެން ދެއެވެ. އަދި ޚާއްސަކޮށް ސީދާ ޤައުމުގެ ވެރިމީހާއަށް މިފަދަކަމެއް ރިޕޯޓު ކުރެވުނު ހިނދުވެސް އެއްވެސް ފަރުވާލެއް ނެތި މިކަން ދޫކޮށްލުމަކީ ހީކުރާ ވަރަށްވުރެއް ނުރައްކާތެރި ކަމެކެވެ.

 

ސިޔާސީ މީހުން ބޭނުންވީމައި، ކޮންމެ ގޮތެއްވެސް ވަރިހަމަ

ރާއްޖޭގައި ސިޔާސީ މީހުންނަކީ ބާރު ގަދަ މީހުންނެވެ. ދުނިޔޭގައި ދެ ދަރަޖައިގެ މީހުން ނޫޅޭނެޔޭ ބުންޏަސް ރާއްޖޭގެ ކުރު ތާރީޚުން ފެންނަން އޮތީ ސިޔާސީ މީހުންނަކީ އަބަދުވެސް އާންމު ރައްޔިތުންނަށްވުރެއް އެއް ދަރަޖަ މަތީ މީހުންކަމަށެވެ.

ޢަލީ ވަހީދަށް ކުރެވިފައި އޮތީ ތުހުމަތެކެވެ. އޭނާ ވިދާޅުވާ ގޮތުންނަމަ ބަޔަކު އޭނާ ފްރޭމް ކުރަން މަސައްކަތް ކުރީއެވެ. ކަން އެހެން އޮތް ނަމަވެސް މައްސަލަައިގައި ހެކި ލިބި ދަޢުވާ ކުރެވުމުން ޝަރީއަތްތައް ކުރިއަށް ދާން ޖެހޭނެވެ. ޢަލީ ވަހީދު އެއްވެސް ކަމެއް ނުކުރައްވާނަމަ ކޯޓުގައި އެކަން ސާބިތުވާންވެސް ޖެހެއެވެ. މައްސަލަ ކުރިއަށް ނުގެންދެވޭ ގޮތަށް މަގު ބަންދު ކުރުމަކީ އިންސާފެއް ނޫނެވެ.

ސިޔާސީ މީހުން މީގެ ކުރިންވެސް އެކި ކުށްތަކުން ރެކިގެންފައި އެބަ ހުއްޓެވެ. އެމީހުންގެ ޢާއިލީ މެމްބަރުން ރާއްޖޭގައި މަނާވެފައިވާ ބޮޑެތި ކުށްތަކަށް އަރައިގަތުމަށްފަހުވެސް ހޭ ވެސް އަހައިނުލާ މިނިވަންކަމާއިއެކު ދިރިއުޅެމުން އެބަ ދެއެވެ.

އެހެންނަމަވެސް މިހައި ފާޅުކަން ބޮޑު ގޮތެއްގައި ބާރުގެ ބޭނުން ކޮށްގެން މައްސަލައެއް އޮއްބައިލުމަކީ ދެން ތިބި ހުރިހައި ރައްޔިތުންނަށް ކުރެވުނު ވަރަށް ބޮޑު ބޭއިންސާފެކެވެ.

މިހައި ހިސާބުން މިކަން ނިމުނީކީވެސް ނޫނެވެ. ޢަލީ ވަހީދު ޔޫކޭގައި ހުންނަވައި ރައީސް ޞާލިހަށް ބޮޑެތި ތުހުމަތުތަކެއްވެސް ކުރެއްވިއެވެ. ދައުލަތަށް ޚިޔާނާތްތެރިވެ ވަގަށް ނެގި ފައިސާއިން 35 މިލިއަނެއްހާ ރުފިޔާ ރައީސް ޞާލިހު ނެންގެވިކަމަށް ވިދާޅުވިއެވެ. މާލެ ވަޑައިގެން އެއީ އޭނާ ފްރޭމް ކުރަން އުޅުނު މީހުން އަތުލައިގަންނަން ހެއްދެވި އިތުރުފުޅެއްކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް މި ހެއްދެވި އިތުރުފުޅުން ވީ ކޮން ފައިދާއެއްކަމެއް ސާފުކޮށް ދަންނަވާކަން ނޭނގުނެވެ.

 

މިއަދު އެނގި ހާމަވެގެންދިޔަ އެއްކަމަކީ ސިޔާސީ މީހުން ބޭނުންވީމައި، ހަމަ ކޮންމެ ގޮތަކަށްވެސް ކަންކަން އަނބުރައިލެވިދާނެ ކަމެވެ. ކިތަންމެ ބޮޑު ކުށެއްގެ ތުހުމަތު ކުރެވުނަސް އިންސާފުގެ ކުރިމައްޗަށް ހުށަނޭޅި ސަލާމަތް ވެވިދާނެ ކަމެވެ. އާންމު ރައްޔިތުންނަށް ކިތަންމެ ބޮޑު ގެއްލުމެއް ދީފައިވެސް މިނިވަންކަމާއިއެކު އުޅެވިދާނެ ކަމެވެ.

ޒީރޯ ޓޯލަރެންސަކީ އެންމެ މުހިންމު ޝިޢާރުކަމުގައި ވިދާޅުވެ ވެރިކަމަށް ވަޑައިގެންނެވި ރައީސަށް ސިޔާސަތު ތަންފީޒު ކުރެވުނުތަނެއް ނުފެނުނެވެ. މިއަދު އިވެމުން ދަނީ ޢަލީ ވަހީދު ރައީސް ޞާލިހުގެ ރިޔާސީ ކެމްޕެއިނާއި ގުޅިވަޑައިގަންނަވަން އުޅުއްވާކަމުގެ ވާހަކަތަކެވެ. މީހުން ބުނެ އުޅެއެވެ. ދިވެހިންނަކީ ވަރަށް އަވަހަށް ކަންކަން ހަނދާން ނެތޭ ބައެކެވެ. މިހިނގާ ދިޔަ ކަންކަން ހަނދާން ނެތެން ކިހާ ދުވަހެއް ނަގާނެބާއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!