ބޮލީވުޑް މުނިފޫހިފިލުވުން

ބައިވެރިޔާއާ ދުރުވާން ނަގާނީ އެންމެ ސިކުންތެއް، މޮޅު ކަމަކީ އެކުގައި އުޅެވުން

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އެކްޓަރު ވަރުން ދަވަން އާއި އޭނާގެ އަންހެނުން ނަތާޝާ ދަލާލު

ހަޔާތުގެ ބައިވެރިޔާއާއި ދުރުވާން ނަގާނީ އެންމެ ސިކުންތެއް ކަމަށާއި މޮޅު ކަމަކަށް ވާނީ އުނދަގޫތަކާއިއެކުވެސް އެކުގައި ދިރިއުޅުން ކަމަށް ބޮލީވުޑް އެކްޓަރު ވަރުން ދަވަން ބުނެފިއެވެ.

Ads by Hajj Corporation

ވަރުންގެ ކުރިއަށް އޮތް ފިލްމު ބަވާލްގެ ޓްރެއިލާ ލޯންޗިންގް އިވެންޓުގައި ދުބާއީގައި ހުރެ ވާހަކަ ދައްކަމުން އޭނާ ބުނީ މީހަކު ދެކެ ލޯބި ވާނަމަ އުމުރު ދުވަހަށް އެލޯބި ދައްކައިދޭން ޖެހޭނެ ކަމަށެވެ.

އަދި ދިރިއުޅުމުގައި މައްސަލަތައް ކުރިމަތިވާނެ ކަމަށާއި މޮޅު ގޮތަކީ އެ މައްސަލަތަކާއިއެކުވެސް ކުރިއަށްދިޔުންކަމަށް އޭނާ ބުންޏެވެ.

ވަރުން އުޅެނީ އޭނާގެ ދުވަސްވީ ލޯބިވެރިޔާ ނަތާޝާ ދަލާލްއާއި ކައިވެނިކޮށްގެންނެވެ. 2021 ވަނަ އަހަރު މި ދެމީހުން ކައިވެނި ކުރީ އެތައް އަހަރެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހުއެވެ.

ވަރުން ބުނީ ގިނަ މީހުންނާއި ލޯބީގެ ގޮތުން ގުޅުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެއްކަމަށެވެ.

އެހެންނަމަވެސް ފައިދާ ބޮޑު، މޮޅު ގޮތަކީ އެކަކާއިއެކު ގިނަ ދުވަހު އުޅެ މުޅި ދިރިއުޅުން އެގޮތުގައި ނިންމައިލުންކަމަށް ވަރުން ބުންޏެވެ.

މިމަހު 21 ވަނަ ދުވަހު އެމޭޒަން ޕްރައިމްގައި ރިލީޒް ކުރާ "ބަވާލް" ގައި ވަރުން އާއިއެކު ލީޑް ރޯލުން ފެންނާނީ ޖާންވީ ކަޕޫރެވެ. މިފިލްމުގައި ދައްކުވައިދޭނީ އާދައިގެ ދެމީހަކު ކައިވެނިކޮށްގެން ޗުއްޓީ ހޭދަކުރަން ޕެރިސްއަށް ދާފަހުން ދިރިއުޅުން ބަދަލުވެގެންދާ ގޮތެވެ.

މިއީ ޖާންވީއާއެކު ވަރުން ފެނިގެންދާ ފުރަތަމަ ފިލްމެވެ. ނިތޭޝް ތިވާރީ ޑައިރެކްޓުކޮށްފައިވާ މި ފިލްމުގެ ޓްރެއިލާއަށް މިހާރު ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!