ޚަބަރު

ފޮރިން މިނިސްޓަރު ޝާހިދު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޢަބްދުﷲ ޝާހިދު ފުރާވަޑައިގެންފިއެވެ.

Ads by Hajj Corporation

މިނިސްޓަރު ޝާހިދުގެ މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ އިންޑިއާގެ ޚާރިޖީ ވަޒީރު، ޑރ. އެސް. ޖައިޝަންކަރުއާ ބައްދަލުކުރައްވާފަ އެވެ. އަދި ދެޤައުމުގެ މެދުގައި ބޭއްވި ރަސްމީ މަޝްވަރާތަކުގައި ވަނީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުމާގުޅޭ އެންމެހައި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން، ދެޤައުމުގެ މެދުގައިވާ ތާރީޚީ ގުޅުމުގެ މައްޗަށް މިބައްދަލުވުމުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި ދެޤައުމަށް ވެސް މުހިއްމު، ޙައްސާސް މައްސަލަތަކުގައި އެއް ޤައުމު އަނެއް ޤައުމަށް އެއްބާރުލުންދީ ބައިނަލްއަޤުވާމީ ފެންވަރުގައި ވެސް އެފަދަ މައްސަލަތަކުގައި އެކުގައި މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ވަނީ ދެޤައުމުންވެސް ދީފައެވެ. ތަރައްޤީއާއި ފަތުރުވެރިކަމުގެ ދާއިރާއާއި އިންސާނީ ވަޞީލަތްތައް ކުރިއެރުވުމުގަ އާއި ބައިނަލްއަޤުވާމީ ކަންކަމުގަ އާއި ދެޤައުމުގެ ރައްޔިތުންނަށް ކުރިމަތިވާ ކަންކަމުގައި ގުޅުން ބަދަހިކޮށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ދެވަޒީރުންގެ ޚިޔާލުތައް ވަނީ މިބައްދަލުވުމުގައި ފާޅުކުރައްވާފަ އެވެ. އަދި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ އައު ދާއިރާތަކާއި ގޮތްތައް ދިރާސާކޮށް ދެނެގަތުމުގެ މުހިއްމުކަމާ ގުޅޭގޮތުން ވެސް ވަޒީރުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިދަތުރުފުޅުގައި މިނިސްޓަރު ޝާހިދު އާއި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރު ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއާ ގުޅުންހުރި 9 އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ.

ހަމައެއާއެކު، މިނިސްޓަރު ޝާހިދު ވަނީ އިންޑިއަން ކައުންސިލް އޮފް ވޯލްޑް އެފެއާޒުން ބޭއްވި 43 ވަނަ ސަޕްރޫ ހައުސް ލެކްޗަރގައި ތަޤުރީރުކުރައްވާފައެވެ. "ދަ ޕަވަރ އޮފް ސްމޯލް – ދަ މޯލްޑިވްސް ސްޓޯރީ"ގެ ޞުރުހީގެ ދަށުން ދެއްވި ތަޤުރީރުގައި މިނިސްޓަރު ޝާހިދު ވަނީ ކުޑަ ޤައުމެއްގެ ގޮތުގައި އޮވެ ބައިނަލްއަޤުވާމީ ޑިޕްލޮމަސީގައި ކުރިމަތިވާ ގޮންޖެހުންތައް ގިރާކުރުމަށް ދިވެހިރާއްޖެއިން ބޭނުންކޮށްފައިވާ އިސްތިރާތީޖިއްޔާތަކަށް އަލިއަޅުއްވާލައްވާފަ އެވެ.

އަދި، މިދަތުރުފުޅުގައި މިނިސްޓަރު ޝާހިދުގެ ޝަރަފުގައި އިންޑިއާގައި ހުންނަ ހައި ކޮމިޝަނުން ބޭއްވި ޙަފުލާގައި ބައިވެރިވެވަޑައިގަންނަވައި މިނިސްޓަރު ޝާހިދު ވަނީ ނިއު ދިއްލީގައި ތިއްބަވާ އެކި ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާ ބައްދަލުކުރައްވާފައެވެ.

މީގެއިތުރުން، މިނިސްޓަރު ޝާހިދު ވަނީ ދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަށް ޒިޔާރަތް ކުރައްވައި އެ މިޝަނުގައި މަސައްކަތްކުރައްވާ ޑިޕްލޮމެޓުންނާއި އެހެނިހެން މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. އަދި އިންޑިއާގެ އެކި މީޑިއާތަކާ ބައްދަލުކުރައްވައި މިނިސްޓަރު ޝާހިދު ވަނީ ރާއްޖެއާއި އިންޑިއާގެ ގުޅުމާއި ރާއްޖޭގެ ތަރައްޤީގެ ތަޞައްވުރާއި އެތަޞައްވުރުގައި އިންޑިއާގެ މުހިއްމު ދައުރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މިނިސްޓަރު ޝާހިދަށް އިންދިރާ ގާންދީ އިންޓަރނޭޝަނަލް އެއާޕޯޓުން އަލްވަދާޢު ވިދާޅުވީ ދިވެހިރާއްޖެއިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިބްރާހީމް ޝަހީބް އާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ، އައި.އޯ.އާރު. މރ. ޕުނީތް އަގަރްވާލްއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!