އޮޑިޓް ރިޕޯޓާއި ގުޅިގެން ހޯމަ ދުވަހު ހެލްތު މިނިސްޓްރީގެ ބޭފުޅުން ކޮމިޓީއަށް ހާޒިރު ކުރަނީ
ކޮވިޑް-19އާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރި ހަރަދުތަކުގެ އޮޑިޓް ރިޕޯޓްތައް ދިރާސާ ކުރުމަށް ހެލްތު މިނިސްޓްރީގެ ބޭފުޅުންނާ އަންނަ ހަފްތާގެ ހޯމަ ދުވަހު މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބައްދަލުކުރަން ނިންމަވައިފިއެވެ.
އޮޑިޓް ރިޕޯޓްތައް ދިރާސާ ކުރެއްވުމުގެ މަސައްކަތް އެ ކޮމިޓީން ކުރަމުންދާއިރު، ހެލްތު މިނިސްޓްރީގެ ބޭފުޅުން އަންނަ ހަފްތާގެ ހޯމަ ދުވަހު ހާޒިރު ކުރުމަށް ނިންމާފައިވާ ކަމަށް ކޮމިޓީގެ މުޤައްރިރު ވިދާޅުވިއެވެ.
ހެލްތުގެ އޮޑިޓް ރިޕޯޓާއި ގުޅިގެން އިއްޔެ ވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހާއި ކޮމިޓީން ބައްދަލުކޮށްފައެވެ.
އެ ބައްދަލުވުމުގައި އޮޑިޓް އޮފީހުން ބުނީ ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރި ވެންޓިލޭޓަރުތަކާ ގުޅޭ މުޢާމަލާތުގައި ފިނޭންސް މިނިސްޓްރީގެ އިހްމާލެއް އޮތްކަމަށް ފާހަގަ ކުރެވިފައި ނުވާކަމަށާއި އަދި ފިނޭންސް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީއާ ދެމެދު ބަދަލުކުރި ލިޔުންތަކުގައި މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ފިނޭންސް މިނިސްޓްރީން އަންގަވާފައިވާ ކަމަށެވެ.
ވެންޓިލޭޓަރުތައް ގެންނަން ދުބާއީ ކުންފުންޏާއި ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް މިނިސްޓަރު އަމީން ވިދާޅުވި ނަމަވެސް އޮޑިޓް ރިޕޯޓުގައި ވަނީ އެކަން ދޮގުކޮށްފައެވެ. އެގޮތުން އެކަމާ ގުޅޭގޮތުން މިނިސްޓްރީ އާއި ޑަބްލިއުއެޗްއޯ ދެމެދު ރަސްމީ އެއްވެސް މުއާމަލާތެއް ނެތް ކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައެވެ.
ވެންޓިލޭޓަރުގެ މައްސަލައިގައި މަކަރާއި ހީލަތް ހަދާފައިވާ މައްސަލަ ފުލުހުންނާއި އޭސީސީން ތަހުގީގު ކުރަމުންދާއިރު، އެ ތަހުގީގު ނިމެންދެން މިނިސްޓަރު އަމީން ވަނީ މަސައްކަތުން އެކަހެރިވެ ވަޑައިގެންފައެވެ.