ޚިޔާލު ރިޕޯޓް

ދީނީ ޢިލްމުވެރިންނާއި ސިޔާސީ ވާހަކަ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ދީނީ ޢިލްމުވެރިންނަކީ އިސްލާމީ އުއްމަތަށް އެންމެ ބޭނުންވާ އަދި އެންމެ މުހިންމު ފައިދާތައް ފޯރުކޮށްދޭ ބޭފުޅުންނެވެ. މިކަމުގައި އެއްވެސް ދެބަސްވުމެއް ނެތެވެ. މި ލިޔުން ފެށުމުގެ ކުރިން މިވާހަކަ އެންމެ ކުރިއަށް ގެންނަން މިޖެހުނީ ލިޔުމުގެ މަަޤްސަދާއިމެދު ބައެއް ކިޔުންތެރިން ސުވާލު އުފައްދައިފާނެތީއެވެ.

Ads by STELCO

ރާއްޖޭގައި ދީނީ ޢިލްމުވެރިން ނިސްބަތުން އިތުރުވާން ފެށީ ނަވާރަސަތޭކައިގެ ފަހުކޮޅެވެ. ނުވަތަ އެމީހުންގެ ޚިދުމަތް ފުޅާވާން ފެށީ އެދުވަސްވަރެވެ. އޭގެ ކުރިން ފަތުވާ ދިނުމުގެ ހުއްދަ ސަރުކާރުން ދެނީ ގުނާލެވޭ މަދު މީހަކަށެވެ. ނުވަތަ "ވެރިން ރުހޭ" ޢިލްމުވެރިޔަކަށެވެ. މިހެން ދަންނަވަން މިޖެހުނީ އެއް ދުވަސްވަރެއްގައި ޗިލީ ސޯސް ލާފައި ޢިލްމުވެރިންގެ ތުނބުޅި ބޭލި ވާހަކަ ވަރަށް މަޝްހޫރުވެގެން ދިޔަ ހާދިސާއަށް އިޝާރާތްކޮށެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީ އުފައްދަން އެދުވަސްވަރު ކުރި މަސައްކަތުގެ ތެރެއިން ކޮންމެވެސް ސިފައެއްގައި ދީނީ ފަތުވާ ދިނުމުގެ ކަންކަން ވަރަށް ބޮޑަށް ފުޅާވެގެން ދިޔަ އެވެ. ދެހާހުގެ ކުރީކޮޅު ރާއްޖޭގައި ޢިލްމުވެރިންގެ ޚިދުމަތްތައްވެސް އިތުރުވެގެން ދިޔައެވެ.

ދީނީ ކަންކަމާއި ގުޅޭގޮތުން ހޭލުންތެރިކަންވެސް އިތުރުވިއެވެ. އޭރު ޢިލްމުވެރިންނަކީ ދީނީ ކަންކަމުގައި ބަސް ވިދާޅުވާ، ދިވެހިންގެ މެދުގައި ގަދަރު ލިބިގެންވާ ބޭފުޅުންނެވެ. ދާއިރާއިން ބޭރުން އެއްވެސް ބަހެއް ވިދާޅުވި ޢިލްމުވެރިޔަކު އޭރު ނެތެވެ.

 

އިލްމުވެރިން ސިޔާސީ ވުން

ރާއްޖޭގައި ދީނީ ޢިލްމުވެރިންގެ ގޮތުގައި މަޝްހޫރުކަން ހޯދި މަދު ބޭފުޅަކަށް ނޫނީ ސިޔާސީ ދާއިރާގައި މަޤްބޫލު މަގާމެއް ކަށަވަރުކުރެވިފައެއް ނެތެވެ. މަރުހޫމް އަފްރާޝީމް ޢަލީއާއި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ފަދަ މަދު ބޭފުޅުން ސިޔާސީ ދާއިރާގައި ގަދަރުހުރި ބޭފުޅުންނަށް ވިއެއް ކަމަކު، އިލްމުވެރިން ސިޔާސީ ވުމަކީ މެޖޯރިޓީ ރައްޔިތުން މާ ގަޔާވި ކަމަކަށް ނުވެ އެވެ.

ޢިލްމުވެރިންގެ ތެރޭގައިވެސް އެކި މިޒާޖުގެ ބޭފުޅުން އުޅުއްވައެވެ. މިސާލަކަށް ދުނިޔޭގެ މަޝްހޫރު އިލްމުވެރިޔާ މުފްތީ މެންކު ނަންގަވަމާ ހިނގާށެވެ. ކޮންމެ މެސެޖެއްވެސް ދެއްވާނީ ވަރަށް އުފާވެރިކަމާއިއެކުއެވެ. ކަމެއް މަނާކުރުމުގެ ބަދަލުގައި އޭގެ ހުއްދަ ގޮތް އޮޅުންފިލުއްވައި ދެއްވަނީ ކަމުގެ މޫރިތިކަމާއި އޭގެން ލިބޭ ރޫހާނީ ފައިދާތަކުގެ ވާހަކަ ކިޔައިދެއްވަމުންނެވެ. މީހަކު ކުށެއް ކުރުމުން އެއީ މަރަންޖެހޭ މީހެއްކަމަށް ވިދާޅުވުމުގެ ބަދަލުގައި އެފަދަ ކުށަކަށް އެހެން މީހުން އަރައިނުގަންނަންވީ ކީއްވެކަން ލޯތްބާއިއެކު ކިޔައިދެއްވައެވެ. މުފްތީގެ ދަރުހެއް އަޑުއަހާއިރު އޭގައި ހަރުކަށިކަމެއް އެއްވެސް ވަރަކަށް ނެތްކަން އެނގި އިސްލާމް ދީނުގެ އަސާސްތަކަށް ލޯބި ޖައްސުވައެވެ.

ރާއްޖޭގެ ގިނަ ޢިލްމުވެރިން އަބަދުވެސް ދައްކަވާނީ ކަމެއްގެ ގޯސްގޮތުގެ ވާހަކައެވެ. މީހަކަށް ކަމެއް ކުރެވުމުން އޭގެ ނުބައިކަމާއި އަދި އެކަމަށް ދުނިޔޭގައި ލިބެންޖެހޭ އަދަބުތަކުގެ ވާހަކައެވެ. ގިނަ ފަހަރަށް މިވާހަކަތައް ބުނެދެވެނީ ބިރުވެރި އަދި ހަރުކަށި އިބާރާތަކުންނެވެ. އެހެންނަމަވެސް މިއީ ބައެއް ޢިލްމުވެރިންގެ ވާހަކައެވެ. މިސާލެއް ނަގަމާ ހިނގާށެވެ. ކައިވެންޏާއި އަނބިންގެ ވާހަކަ އިހައްދުވަހު ރާއްޖޭގެ އިލްމުވެރިޔަކު ސޯޝަލް މީޑިއާގައި ކިޔައިދެއްވިއެވެ. ވިދާޅުވީ ހަތަރު އަނބިންނާއި ކައިވެނި ކުރުމަށް ނުރުހޭ އަންހެނަކާއި ތިމާގެ ފިރިހެން ދަރިން ކައިވެނި ނުކުރުވުމަށެވެ. އަދި އެފަދަ އަނބިންނަކީ ހެޔޮ އަނބިން ނޫންކަމަށް ވިދާޅުވިއެވެ. އެއްގޮތަކަށްވެސް ހަތަރު އަނބިން ގެންގުޅުމާއި ދެކޮޅުވަނީއެއް ނޫނެވެ. އެހެންނަމަވެސް މިވާހަކަ ބުނެދެވުނީ މުޖުތަމަޢުއަށް އެންމެ ރަނގަޅަށްކަމަށް ހަމަ ހީނުވަނީއެވެ. މުފްތީ މެންކުގެ ދަރުހެއްގައި ވިދާޅުވީ ދެމަފިރިން ތަނެއްގައި އިށީންދެ ތިއްބައި އަނބިމީހާ ފިރިމީހާގެ ގާތުގައި ކުޑަކޮށް ވައަތް ފަރާތަށް ޖެހެން އެދިއްޖެނަމަ އެއްވެސް ޝަރުތަކާއި ނުލައި އެކަމެއް ކޮށްދޭން ޖެހޭކަމަށެވެ. އެއީ އޭގެ ސަބަބުން އަނބިމީހާއަށް އުފާވެރިކަން ލިބޭނަމަ އެކަން ކޮށްްދިނުމަކީ ފިރިމީހާއަށް ސަވާބު ލިބޭނެ ކަމެއްކަމަށް ވިދާޅުވިއެވެ. ކައިވެންޏާއި ދެމަފިރިންގެ ލޯބީގެ ވާހަކަ މުފްތީ މެންކު ގެންނަވަނީ މުޅިންވެސް މިފަދަ އިބާރާތްތަކުންނެވެ. އަނބިންނަކީ ފިރިންނަށްވުރެއް ދަށް ބައެއްގެ ގޮތުގައި ދުވަހަކުވެސް ކިޔައި ނުދެއްވައެވެ.

ރާއްޖޭގައި މިފަދަ ޢިލްމުވެރިން ތިއްބެވިއިރު، އެފަދަ ބޭފުޅުން ސިޔާސީ ވާހަކަ ދައްކަވަން ފެއްޓެވުމަކީ ކޮންކަހަލަ ކަމެއްތޯ ދެން ވިސްނައިލާށެވެ. ގިނަ ފަހަރު ސިޔާސީ ގޮތުން ބަސް ވިދާޅުވެވެނީ ތިމާ ނުރުހޭ މީހަކު ކަމެއް ކުރުމުން އެކަމާއި ވިދިގެންނެވެ. ޢިލްމުވެރިއެއްނަމަ ވިދާޅުވާނީ ސިޔާސީ މިވެނި ވެރިޔަކު ކުރާ މިވެނި ކަމަކީ ދީން މަނާ ކުރާ ކަމެއް ކަމަށެވެ. ރުހޭ މީހާ ހަމަ އެކަން ތަކުރާރު ކުރެއްވީމައި އެވާހަކަ ވިދާޅުވާން ފަސް ޖެހެއެވެ. އެއީ ގޯސްކަމެއްކަން އެނގުނަސް އަދި އެ އިލްމުވެރިޔާ އެކުރި ކަންތަކާ ކިތަންމެ ދެކޮޅަސް ސިޔާސީ މަޤްސަދަށް އަނގަ ބަންދު ކުރައްވަނީ އެވެ.

މިއީ އިލްމުވެރިން ސިޔާސީ ވާހަކަ ދައްކަވާތީ ދިވެހިން އެކަމާ ނުރުހޭ އެންމެ ބޮޑު ސަބަބެވެ. އިސްލާމީ ހަމަތަކާއި އުސޫލުތައް އޭގެ އެންމެ ފައިދާ ބޮޑު ގޮތުގައި ނުހިފެހެއްޓޭތީ އެވެ. އަދުލުވެރި، ހެޔޮ ނިޔަތުގެ ވެރިކަމަށް ނުވެވޭތީ އެވެ.

 

އިލްމުވެރިން ސިޔާސީ ވާހަކަ ދެއްކުން މަނާ ނުކުރެވޭނެ

ދެން އޮތީ މީގެ އަނެއް ކޮޅެވެ. ދީނީ އިލްމުވެރިން ސިޔާސީ ދާއިރާއިން އެއްފަރާތް ކުރެވިދާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. އެއީ ސިޔާސަތާއި ދީން ވަކި ނުކުރެވޭނެތީ އެވެ. ރާއްޖޭގައި ވެރިކަން ކުރާނަމަ އެމީހަކީވެސް ދީނީގޮތުން ހޭލުންތެރި މީހަކަށް ވާން އެބަ ޖެހެ އެވެ. ދީނީ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ސިޔާސީ ވާހަކަ ބުނެދޭނެ ބަޔަކުވެސް ބޭނުންވެ އެވެ. އެހެނަމުން ސިޔާސީ ދާއިރާއިން އިލްމުވެރިން އެއްފަރާތް ކުރެވޭނެ ހަމައެއް ނެތެވެ.

އިސްލާމް ދީނުގެ އިލްމު އުނގެނިގެން ގައުމުގެ ކަންކަމާއި ގުޅޭގޮތުން ބަސް ވިދާޅުވާއިރު އޭގައި އޮއްޓަރެއް ހުންނާނެކަން ޔަގީނެވެ. ކޮންމެ ވާހަކައެއް ވިދާޅުވެދެއްވާއިރު ހަދީސެއް ނުވަތަ ގުރުއާނުގެ އާޔަތެއް ވިދާޅުނުވިނަމަވެސް އިސްލާމީ ތާރީހުގެ ތެރެއިންވެސް މިސާލު ދެއްކެވިދާނެ އެވެ. އަދި އިހުގައި އިސްލާމީ މުޖުތަމައުތަކުގައި ވެރިން ކަންކަން ކުރެއްވި ގޮތުގެ ވާހަކަ ބަޔާންވެސް ކޮށްދެވިދާނެ އެވެ. މިއީ ހަގީގަތުގައި ބޭނުންތެރިވެސް ކަމެކެވެ.

ރާއްޖޭގެ ސިޔާސީ ދާއިރާއަށް ބަލާއިރު އުނގެނިގެން ތިބި މީހުންތަކެއްގެ ތެރޭގައި ހަމައެކަނި އޯލެވެލް ފެންވަރުގެ ބޭފުޅުންވެސް އެބަ ތިއްބެވި އެވެ. މިފަދަ ބޭފުޅުންގެ އަޑު ގަދައެއް ކަމަކު އިލްމީ ބަހުސެއްގައި ބައިވެރިވެވޭނެ ފެންވަރެއް ނުހުރެ އެވެ. އެހެންކަމުން މިފަދަ ތަނަކަށް އިލްމުވެރިންގެ ހިދުމަތް ކިތަންމެހާވެސް މުހިންމެވެ.

 

ދީނުގެ ނަމުގައި ހައްދުން ނައްޓައިގެން ނުވާނެ

މަރުހޫމް ޑރ. އަފްރާޝީމް އަލީ ޝަހީދު ކޮށްލި ހާދިސާއަކީ މުޅި ގައުމަށް ސިހުން ގެނުވި ހާދިސާ އެކެވެ. އޭރު ކޮންމެ ދިވެހި ރައްޔިތަކުވެސް އެދި ގޮވަމުން ދިޔައީ އެމަރުހޫމަށް އިންސާފު ގާއިމްކޮށްދިނުމަށެވެ. ތަހުގީގު ފެށި ކުރިއަށް ގެންދިޔަ އެވެ. އެހެންނަމަވެސް މައްސަލަ މުޅިން ނިންމައި އޭގެ އެންމެ އަޑިއަށް ފީނުނު ތަނެއް ނުފެނުނެވެ.

އޭރު އޮތީ އަދާލަތު ޕާޓީގެ ނަމުގައި ދީނީ-ސިޔާސި ޕާޓީއެއް އުފެދިފަ އެވެ. އެޕާޓީގެ ރައީސަކަށް ހުންނެވި ބޭފުޅާ ޑރ. އަފްރާޝީމް ޝަހީދުކޮށްލި ހާދިސާއާއި ގުޅޭގޮތުން ނިކަން ގިނަ ވާހަކަ ދެއްކެވި އެވެ. 2012 ވަނަ އަހަރު ވިދާޅުވީ އެ މަރުގެ ޒިންމާ އޭރުގެ ރައީސް މުހައްމަދު ނަޝީދު ނަންގަވަން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އޭގެ ފަހުން އަނެއްކާވެސް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަމުގެ ޒިންމާ ނަންގަވަންޖެހޭނެ ކަމަށެވެ. ލިޔުންތަކެއް ދައްކަވައި އެއީ ހެކިކަމަށްވެސް ވިދާޅުވި އެވެ. ދެފަހަރު ދެގޮތަށް ވާހަކަ ދެއްކެވުމަށްފަހު ތަހުގީގު ކުރާ އިދާރާގެ ވަޒީރުކަމަށް ވަޑައިގެން ހުރިކަމަށް ވިދާޅުވި ހެކިތައް ކުއްލިއަކަށް ގެއްލިއްޖެ އެވެ. އެހެންކަމުން މިކަން ވެގެން ދިޔައީ ހިނދުކޮޅުގައި ހައްދުން ނައްޓައިގެން ގޮސް ޖަޒުބާތުގައި ޖެހުނު ހާދިސާއަކަށެވެ.

އޭގެ ފަހުން ވެރިކަން ބަދަލުކުރުމަށް އެކި ނަންނަމުގައި ސިޔާސީ ދަރުސްތައް އާންމުކޮށް ދެމުން ދިޔަ އެވެ. ހުތުބާގެ ތެރޭގައި ސިޔާސީ ވާހަކަ ގެންނެވި އެވެ. އިންތިހާބުތަކާއި ދިމާކޮށް ވަކި ކެނޑިޑޭޓަކު ދައްކައި އެއީ ވަހީ ބަސްފުޅުތަކުން ދޭހަވާފަދަ މާތް ސިފަތަކެއްގެ ވެރިއެއްކަމަށް ވިދާޅުވެ ފަތުވާ ދިނެވެ. އަނެއްކާ އިހަށްދުވަހަކު ކީރިތި ރަސޫލާގެ ހަދީސެއްކަމަށް ވިދާޅުވެ "އޮޅިގެން" މުޅިން ނުބައި މައުލޫމާތެއްވެސް އާންމު ކުރެވިއްޖެ އެވެ. މިފަދަ ކަންކަމަކީ ސިޔާސީ މީހުންގެ ނަމުގައިވެސް އަދި އިލްމުވެރިންގެ ނަމުގައިވެސް ކުރެވިގެންވާނެ ކަމެއް ނޫނެވެ. ކުރެވިއްޖެނަމަ މައާފަށް އެދެން ޖެހޭފަދަ ކަންކަމެވެ.

 

ރާއްޖޭގައި ސިޔާސީ ދާއިރާއަށް އިލްމުވެރިން ނިކުންނަ ހިސާބުން އެ އިލްމުވެރިޔަކަށް ނަފްރަތު ލިބުން ވަރަށް އާންމެވެ. ރާއްޖެ ފަދަ ކުޑަކުޑަ މުޖުމަތަމައުއެއްގައި ބައިބައިވުން އުފައްދާ އެންމެ ބޮޑު އެއް ސަބަބަކީ ސިޔާސީ ވާހަކަ ދައްކަވާ އިލްމުވެރިންނަށްވެސް ވެގެން އެބަ ދެ އެވެ.

ސިޔާސީ ކަންކަމާއި ދީން ވަކި ނުކުރެވުނުކަން ގަބޫލު ކުރާ ހާލު، ސިޔާސީ ވާއިރު ހަމަތަކެއްގެ މަތީގައި ތިބުން އިލްމުވެރިންނަށް މަޖުބޫރުވެ އެވެ. ޕޯޑިއަމްތަކަށް އަރައި ހިތަށް އައިހާ އެއްޗެއް ވިދާޅުވުމަކީ އެންމެ ބުއްދިވެރި ގޮތް ނޫންކަން އެނގެން އެބަ ޖެހެ އެވެ. ނޫންނަމަ އިލްމުވެރިންނަށް ސިޔާސީ މަގާމެއް ކަށަވަރު ކުރުމަކީ އުނދަގޫ ކަމަކަށް ވެދާނެ އެވެ. އަދި އެފަދަ އިލްމުވެރިން ދިވެހިން ބަލައި ނުގަތުމުގެ ފުުރުސަތުވެސް ވަރަށް ބޮޑުވާނެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!