މަންމަ ކަތިލާނެކަމަށް ބިރުދެއްކި ދިވެހި ފިރިހެނަކަށް 3މަހާއި 25 ދުވަހުގެ ޖަލު ޙުކުމެއް
މައިމީހާ މަރާލާނެކަމަށައި، ކަތިލާނެކަމަށް ބުނެ ބިރުދެއްކި ސިވެހި ފިރިހެނެއް 3 މަހާއި 25 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިދިޔަ ހަފްތާގައި ޙުކުމްކޮށްފިއެވެ.
އެ މައްސަލައަކީ 2021 ވަނަ އަހަރު ޑިސެންބަރު މަހުގައި އަޙްމަދު ޖަޒީލް ނަމަކަށްކިޔާ މީހަކު އޭނާ ދިރިއުޅޭ ގޭގައި ގެންގުޅޭ ތަކެއްޗަށް ގެއްލުންދޭތީ، އެކަން އެގޮތަށް ނުކުރުމަށް އޭނާގެ މަންމަ އެދުމުން، ތަކުރާރުކޮށް އެ ދުވަހުގެ އެކި ވަގުތުތަކުގައި، އޭނާގެ މަންމަ މަރާލާނެކަމަށާއި، ކަތިލާނެކަމަށްބުނެ ބިރުދައްކާފައިވާކަމަށް ބުނާ މައްސަލައެކެވެ.
އަޙްމަދު ޖަޒީލްގެ މައްޗަށް ދައުލަތުން ކުރަނީ، ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ ދަށުން ބިރުދެއްކުމުގެ ކުށުގެ ދައުވާކަމަށް ކްރިމިނަލް ކޯޓުން ބަޔާންކޮށްފައިވާއިރު، އެ ދައުވާއަށް އަޙްމަދު ޖަޒީލް އިންކާރުކުރެއެވެ.
އަޙްމަދު ޖަޒީލް ދައުވާއަށް އިންކާރުކުރިނަމަވެސް، އޭނާއާ ދެކޮޅަށް ދައުލަތުން ގިނަ ހެކިތަކެއް ހުށަހަޅައިފައިވާއިރު، ކްރިމިނަލް ކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ޖަޒީލް އޭނާގެ މަންމަ މަރާލާނެ ކަމަށް ބުނެ އިންޒާރު ދީފައި ވަނީ އެފަދަ ނިޔަތެއްގައި ނޫން ކަން އެނގޭނެ އެއްވެސް ހެއްކެއް ޖަޒީލްގެ ފަރާތުން ހުށަހަޅާފައެއް ނުވާކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
ޖަޒީލް އޭނާގެ މަންމަ އަށް ބިރުދެއްކި މައްސަލައިގައި، އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުކުރުމަށް ހުށަހެޅި ހުރިހާ ހެއްކެއް ވަޒަންކުރި އިރު، އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ ހަ މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވެއެވެ. ނަމަވެސް ތަހްގީގު މަރުހަލާގައި ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒުކުރަން ޖެހޭނީ ތިން މަހާއި 25 ދުވަހުގެ އަދަބެއް ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވެއެވެ.
މަޢުލޫމާތުލިބޭ ގޮތުގައި މި މައްސަލައިގެ އިތުރުން އޭނާގެ މައްޗަށް ބިރުދެއްކުމުގެ އިތުރު މައްސަލަތަކެއް ހުށަހެޅިފައިވާއިރު، އޭގެ ތެރޭގައި އޭނާ ދިރިއުޅޭ ގޭގައި ހައުސް މެއިޑެއްގެ ގޮތުގައި މަސައްކަތްކުރާ އިންޑިއާގެ މީހަކު ކައްކަން އުޅެނިކޮށް އެމީހާގެ އިސްތަށިގަނޑުގައި ހިފައި، އަޙްމަދު ޖަޒީލްގެ ކަނާއަތުގައި އޮތް ވަޅި، މަސައްކަތު މީހާގެ ކަރުގައި ޖައްސައި، އެމީހާ މަރާލާނެކަމަށް އިންޒާރުދިން މައްސަލަވެސް ހިމެނެއެވެ. ނަމަވެސް މި މައްސަލައިގައި އެކަށިގެންވާ ވަރަށް ހެކި ނެތުމުން މައްސަލަ ޝަރީޢަތަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.