ޕީޕީއެމަށް އޮތް ޗެލެންޖަކީ ސަރުކާރުން ނުފޫޒު ފޯރުވައިގެން އިސްތިއުނާފު ލަސް ކުރުން: އާދަމް ޝަރީފު

މި އަހަރުގެ ރިޔާސީ އިންތިޚާބު ކައިރިވަމުން އަންނައިރު، އިދިކޮޅު މައި ޕާޓީ، ޕީޕީއެމަށް އޮތް ޗެލެންޖަކީ ސަރުކާރުން ނުފޫޒު ފޯރުވައިގެން އިސްތިއުނާފު ލަސްކުރާ ކުރުންކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝާރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީ ބައިބައިވެ ޑިމޮކްރެޓްސް އުފެއްދުމަކީ ރައީސް ޔާމީނަށް ރައީސް ޞާލިޙް ބަލިކުރުމަށް އިތުރަށް ފަސޭހަވާނެ ކަމެއް ކަމަށާއި ޕީޕީއެމްއަށް އޮތް ޗެލެންޖަކީ ސަރުކާރުން ނުފޫޒު ފޯރުވައިގެން އިސްތިއުނާފު ލަސްކުރުންކަމަށެވެ.
އޭނާ މިހެން ވިދާޅުވީ، 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބެކޭ އެއް ފަދައިން އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވެރިކަންކުރާ އެމްޑީޕީއަށް ޗެލެންޖަކަށް ވާނީ ޕީޕީއެމް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވުމާއި ގުޅުވައިގެންނެވެ.
ރައީީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކުރި ޙުކުމްގެ އިސްތިއުނާފު މައްސަލަ ނިމެންދެން ނުވަތަ މަދުވެގެން 2 ހަފްތާ އަށް އިންތިޚާބުގެ ތާރީޚުތައް ރީ ޝެޑިއުލް ކުރުމަށްވެސް އާދަމް ޝަރީފު ވަނީ ގޮވާލައްވައިފައެވެ.
އަދި ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަކުރެއްވުމުގެ ޙައްޤު ލިބެންވާނެ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.