ލައިފްސްޓައިލް

އެކަނިހުރެ ވާހަކަ ދައްކާ މީހުންނަކީ މޮޔައިނެއް ނޫން، ވިސްނުން ތޫނު މީހުން: ދިރާސާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިންސާނާގެ ސިކުނޑިއަކީ ލޯ ހުޅުވުމާއެކު އަބަދުވެސް ކޮންމެވެސް ޚިޔާލުތަކެއް ހިނގަ ހިނގާ ހުންނަ ގުނަވަނެކެވެ. އަބަދުވެސް ކޮންމެވެސް ކަމަކާއި ވިސްނަމުން އަންނައިރު، އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ އެކަނިހުރެ އެޚިޔާލުތައް ބޭރުކުރެވޭ، ނުވަތަ އެކަނި ހުރެ ވާހަކަ ދެއްކޭ މީހުންނެވެ.

Ads by MWSC

ކަމެއް ކުރަމުންދާއިރު އެކަމެއް އެކުރެވެނީ އެންމެ ރަނގަޅަށްތޯ، ނުވަތަ ދެން ކުރަންވީ ކޮންކަމެއްތޯ ވެސް އަމިއްލައަކަށް ސުވާލު ކުރެވެއެވެ. ބައެއް ފަހަރު މީހަކާއި ބެހޭ ގޮތުން ވެސް އެކަނިހުރެ ވާހަކަ ދެއްކެއެވެ. ނުވަތަ އަމިއްލަ ޚިޔާލުގައި ކޮންމެވެސް ޙާލަތެއްގައިހުރެ ވެސް އެކަނިހުރެ ވާހަކަތަކެއް ދެއްކެއެވެ.

އެކަނިހުރެ ބައެއް ފަހަރު މިފަދައިން ވާހަކަ ދައްކާ އަޑު އެހެން މީހުންނަށް އިވުމުން، އެމީހުން ހީކުރަނީ އެކަނިހުރެ ވާހަކަ ދައްކާ މީހާ "ބޯ ގޮވީ" ނުވަތަ "ދުނިޔެއިން މޮޔަވީ" ނުވަތަ "ކޮންމެވެސް ކަހަލަ "ނަފްސާނީ މައްސަލައެއް ޖެހުނީ" ކަމަށެވެ.

ނަމަވެސް ސައިންސްވެރިން މިކަން ދޮގު ކުރެއެވެ. ސައިންވެރިން ބުނެފައިވާ ގޮތުގައި އެކަނިހުރެ އަމިއްލަ ނަފްސާއި ވާހަކަ ދައްކަނީ މޮޔައިންނެއް ނޫނެވެ. އެއީ ވަރަށް ވިސްނުން ތޫނު ބައެއް ކަމުގައި ދިރާސާތަކުން ވަނީ ދައްކާފައެވެ.

ސްވިސް ސައިކޮލޮޖިސްޓެއް ކަމަށްވާ ޖޯން ޕިއާގެޓް ބުނީ އެކަނިހުރެ ވާހަކަ ދެއްކުމަކީ ކަމެއް ރަނގަޅަށް އަދި ރޭވުންތެރި ކަމާއެކީ ކުރުމަށްޓަކައި ވަރަށް އެހީވެދޭ ކަމެއް ކަމުގައެވެ.

"ކަމެއް ކުރާއިރު އެހެން މީހުންނާއި ވާހަކަ ދައްކަމުން ކުރާނަމަ، އެމަސައްކަތެއް ލަހުން ކުރެވުމާއި ބައެއް ފަހަރު އެންމެ އެދެވޭ ގޮތަށް ނުކުރެވޭ ގޮތް ވެސްވޭ. އެކަމަކު އެކަނި ހުރެ މަސައްކަތެއް ކުރަމުން، އަމިއްލައަކަށް ވާހަކަވެސް ދައްކަމުން ކުރާނަމަ މަސައްކަތުގެ ސްޕީޑު ވެސް އަވަސް ވެފައި މަސައްކަތް މާފުރިހަމައަށް ވެސް ކުރެވޭ" ޕިއާގެޓް ބުނެފައިވެއެވެ.

އެކަނިހުރެ ވާހަކަ ދެއްކި މަޝްހޫރު ސައިންޓިސްޓުންގެ ތެރޭގައި އެލްބަޓް އައިންސްޓައިން ވެސް ހިމެނޭ ކަމަށް ޕިއާގެޓް ބުނެފައިވެއެވެ. ޕިއާގެޓް ބުނިގޮތުގައި އައިސްންސްޓައިން އަކީ އަބަދުވެސް އޭނާގެ ލެބްގައި މަސައްކަތް ކުރިއިރު އެކަނި ހުރެ ވާހަކަ ދެއްކުމުގެ އިތުރުން ބައެއް ފަހަރު އަމިއްލަ ނަފްސާއި ބޮޑު ބަހުސެއް ވެސް ކުރާ މީހެކެވެ.

އެކަނިހުރެ ވާހަކަ ދެއްކުމަކީ ހަމައެކަނި ސައިންސްވެރިން އެކަނި ކޮށްފައިވާ ކަމެއް ވެސް ނޫނެވެ. ބެންގޯ ޔުނިވާސިޓީގެ ރިސާޗަރެއް ކަމަށްވާ އެލެކްޒެންޑަރ ކަރކަމް ބުނެފައިވަނީ މިއީ ކުޅިވަރުގެ މައިދާނުގައި އުޅޭ މީހުންވެސް ކޮށް އުޅޭ ކަމެއް ކަމުގައެވެ.

"ފުޓުބޯޅަ ކުޅުންތެރިން ނުވަތަ ޓެނިސް ކުޅޭ މީހުންވެސް މެޗެއް ކުޅޭއިރު ވަރަށް ގިނައިން އެކަނިހުރެ ވާހަކަ ދައްކާނެ. އެއީ އެކަމުން އެމީހުންނަށް ބޮޑަށް ހިތްވަރުވެސް ލިބޭތީ. އެހެން މީހުންނަށްވުރެ ބޮޑަށް ކަންކަމުގައި އަމިއްލަ ނަފްސަށް ހިތްވަރު ދެވޭނެ ކަމަށް ވެސް ޤަބޫލު ކުރެވޭތީ" ކަރކަމް ބުނެފައިވެއެވެ.

އެކަނިހުރެ ވާހަކަ ދެއްކުމަކީ ތިމާ މީހާއަށް ކަންތައްތައް ފަސޭހައިން ހަނދާންވުމަށް ވެސް އެހީތެރިވެދޭ ކަމެއް ކަމުގައި ސައިންސްވެރިން ބުނެފައިވެއެވެ.

މަސްދަރު: ދަ ކޮންވަޒޭޝަން

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!