ރިއާގެ އެދުމާއި ސުޕްރީމް ކޯޓުން ޚިލާފު: ސުޝާންތުގެ މައްސަލަ ބެލުން ސީބީއައި އާއި ހަވާލު ކޮށްފި
ބޮލީވުޑްގެ އެކްޓަރ ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ މައްސަލައާއި އޭނާއަށް ފަހުން ދިމާވަމުން ދިޔަ ކަންތައްތަކާއި މާލީގޮތުންނާއި ނަފްސާނީ ގޮތުން ދިމާވަމުން އައި ހުރިހާކަމެއް ދިރާސާ ކުރުން ކްރައިމް ބިއުރޯ އިންވެސްޓިގޭޝަން (ސީބީއައި) އާއި އިންޑިއާގެ ސުޕްރީމް ކޯޓުން ހަވާލު ކޮށްފިއެވެ.
ސުޝާންތުގެ މަރުގެ މައްސަލައިގައި އޭނާގެ ބައްޕަ ކޭކޭ ސިންގް ވަނީ، ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަޓީ އަށް ގިނަ ދައުވާތަކެއްކޮށް ބިހާރް ޕޮލިސް ސްޓޭޝަނަށް މައްސަލަ ހުށަހަޅާފައެވެ. ކޭކޭ ސިންގް ބުނި ގޮތުގައި ރިއާ ދިޔައީ ސުޝާންތު އަށް ގޮތް ނޭނގޭ ބޭސްތަކެއް ދެމުންނެވެ. އަދި އޭގެ އިތުރުން ސުޝާންތުގެ އެކައުންޓުން ގިނަ އަދަދަދެއްގެ ފައިސާ ރިއާގެ އެކައުންޓަށް ޖަމާ ކޮށްފައިވާ ކަމަށް ވެސް ސުޝާންތުގެ ބައްޕަ ވަނީ ދައުވާ ކޮށްފައެވެ.
މިމައްސަލަ އެންމެ ފުރަތަމަ ބަލަމުން ގެންދިޔައީ މުމްބާއީ ފުލުހުންނެވެ. ނަމަވެސް މުމްބާއީ ފުލުހުން މިކަމާއިމެދު އިހުމާލު ވަމުން އަންނަ ކަމަށް ވެސް ސުޝާންތުގެ އާއިލާއާއި ބިހާރް ފުލުހުން ވަނީ ތުހުމަތު ކޮށްފައެވެ.
ރިއާ ވަނީ މިމައްސަލައިގެ ހުރިހާ ތަހުގީގެއް މުމްބާއީ ފުލުހުންނާއި ހަވާލު ކުރުމަށާއި، ސަބަބަކީ ސުޝާންތު މަރުވި ސިޓީއަކީ ވެސް މުމްބާއީ ކަމަށް ވާތީ ކަމަށް ވެސް އޭނާގެ ވަކީލު މެދުވެރިކޮށް ސުޕްރީމް ކޯޓުގައި އެދިފައެވެ.
ނަމަވެސް ސުޕްރީމް ކޯޓުގެ މިއަދުގެ އަޑު އެހުމުގައި ފަނޑިޔާރު ބުނެފައިވަނީ ރިއާ އެދިފައިވާ ގޮތަށް ކަންތައް ކުރެވެން ނެތް ކަމަށާއި ބިހާރް ފުލުހުންގެ ވާހަކަތަކަށް ތާޢީދު ކުރާކަމަށެވެ.
ސުޕްރީމް ކޯޓުން ބުނެފައިވަނީ މުމްބާއީ ފުލުހުން ހަމައެކަނި ސުޝާންތުގެ މައްސަލައިގައި ލިޔެފައިވަނީ އެއީ "އެކްސިޑެންޓަލް" މަރެއް ކަމަށާއި ނަމަވެސް ބިހާރް ފުލުހުން ވަނީ މިމައްސަލައިގައި ފުރިހަމަ ތަހުގީގީ ރިޕޯޓެއް ހުށަހަޅާފައި ކަމަށެވެ.
އެހެންކަމުން ދެން މިމައްސަލައިގެ ހުރިހާ ތަހުގީގެއް ކުރާނީ ސީބީއައި އިން ކަމަށާއި، މައްސަލައިގެ ތަހުގީގުން މިހާތަނަށް ހޯދިފައިވާ ހުރިހާ ހޯދުންތަކެއް ސީބީއައި އާއި ހަވާލު ކުރުމަށް މުމްބާއީ ފުލުހުންގެ މައްޗަށް އަމުރު ކުރާ ކަމަށް ވެސް އެކޯޓުން ބުނެފައިވެއެވެ.
ސުޝާންތު މަރުވެފައި ހުއްޓާ ފެނިފައިވަނީ މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު މުމްބާއީގައި އޭނާ ދިރިއުޅޭ ގޭތެރެއިންނެވެ.
ސުޝާންތަށް އައީ ނަފްސާނީ ގޮތުން ކަންތައްތަކަކާއި ކުރިމަތިވަމުން ކަމަށާއި އޭގެެ ސަބަބަކީ ބޮލީވުޑް ގައި އޭނައާއިމެދު ތަފާތު ކުރުންތައް ގެންގުޅުން ކަމުގައި މީގެ ކުރިން ބުނި ނަމަވެސް، ފަހަކަށް އައިސް ތަހުގީގުން ފެންމަތިވެފައިވާ ގޮތުގައި ސުޝާންތަށް ވަނީ ގޮތް ނޭނގޭ ބޭސްތަކެއް ދީފައެވެ. އެހެންކަމުން އޭނާ ގިނަ ވަގުތު އޮންނަނީ ނިދާފައި ކަމަށާއި އާއިލާއާއި ވެސް އޭނާ ވަރަށް ދުރު ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
އިންޑިއާގެ ގިނަ ރައްޔިތުން އަންނަނީ ސުޝާންތަށް އިންސާފު ލިބުމަށް އެދި ގޮވާލަމުންނެވެ. އޭގެ ތެރޭގައި އޭނާގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޯކަންޑޭ ވެސް ހިމެނެއެވެ.