ޖަލަށްދާން ޖެހުނަސް ފަރުވާލެއް ނެތްކަމަށާއި މިތިބީ ހަމަ ތައްޔާރަށް ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ މައިދާނުގައި މިއަދު އިޙްތިޖާޖު ކުރަނިކޮށް، ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕް ބޭފުޅުންނާއި ސިޓީ ކައުންސިލް މެމްބަރާއި ސްޓިއަރިންގ ކޮމިޓީގެ ރައީސް ހައްޔަރުކުރުމާއި ގުޅިގެން އެ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަޙްމަދު ސަލީމް ވިދާޅުވީ، ހައްޔަރުކުރިޔަސް ބިރެއް ނުގަންނާނެ ކަމަށާއި ޖަލަށްދާން ވެސް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ލީޑަޝިޕްގެ ބޭފުޅުން ތިބީ ތައްޔާރަށް ކަމަށެވެ.
ޖުމްހޫރީ މައިދާނަށް މިއަދު އެއްވި އިދިކޮޅު ކޯލިޝަނުގެ ލީޑަޝިޕްގެ ބޭފުޅުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ކަމުގައިވާ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު، ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއި، ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިޤް ހިމެނެއެވެ.
ރިޔާސީ އިންތިހާބުގެ ކުރިން އިދިކޮޅު ކޯލިޝަނުގެ ލީޑަޝިޕްގެ ބޭފުޅުން ހައްޔަރުކުރަން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ސަރުކާރުގެ ވިސްނުން ހުރީ މިހާ އަނިޔާވެރިކޮށް ކަމަށް ފާހަގަކުރައްވަމުން އަޙްމަދު ސަލީމް ވިދާޅުވީ އެކަން އެހެން އޮތްނަމަވެސް އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން ތިބީ ދޫދޭ ގޮތަކަށް ނޫން ކަމަށާއި ހައްޔަރުކުރިޔަސް ބިރު ނުގަންނާނެ ކަމަށެވެ.
"އަޅުގަނޑުމެން ޖަލަށްދާން ވެގެން މިތިބީ ހަމަ ތައްޔާރަށް. ރެޑީގައި ހަމަ،" އަޙްމަދު ސަލީމް ވިދާޅުވި އެވެ.
އަޙްމަދު ސަލީމް އިތުރަށް ވިދާޅުވީ އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން މިއަދު ޖުމްހޫރީ މައިދާނަށް ވަޑައިގަތީ ވެސް ހައްޔަރުކުރާނެ ކަމަށް ބަލައިގެން ކަމަށެވެ. އަދި އިދިކޮޅުގައި ތިބީ ބިރުގަންނާނެ ބައެއް ނޫން ކަމަށާއި އެކަމާމެދު ފުލުހުން ވެސް ވިސްނަންޖެހޭނެ ކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.
އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ނުވަނީސް އިދިކޮޅު ފަރާތްތައް މައިތިރި ނުވާނެ ކަމަށާއި މިއަދު ހައްޔަރުކުރި ފަރާތްތައް ވަގުތުން ދޫކޮށްލުމަށް ވެސް ޕީޕީއެމް/ޕީއެންސީން ވަނީ ގޮވާލާފައެވެ. އަދި އެ ފަރާތްތައް ދޫކުނުކުރާނަމަ ވަރުގަދަ މުޒާހަރާއަކަށް ނިކުންނަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ދެއްވަމުން އެ ކޯލިޝަނުންވަނީ ދިވެހި ރައްޔިތުންނަށް އަނިޔާވެރިވުން ހުއްޓާލުމަށާއި، ރައީސް ޔާމީނުގެ މައްސަލަތަކަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށާއި އެފަދަ އެންމެހާ ކަންކަން މިހާރުން މިހާރަށް ހުއްޓާލުމަށް އެ ކޯލިޝަނުންވަނީ ރައީސް ޞާލިޙަށް ގޮވާލާފައެވެ.