ތުލުސްދޫގެ އަމަން އަމާންކަން ގެއްލޭގޮތަށް ކެމްޕޭން ހަރަކާތްތައް ކުރިއަށްނުގެންދިޔުމަށް އެ ކައުންސިލުން އަންގައިފި
ތުލުސްދޫގެ އަމަން އަމާންކަން ގެއްލޭގޮތަށް ކެމްޕޭން ހަރަކާތްތައް ކުރިއަށްނުގެންދިޔުމަށް އެ ކައުންސިލުން އަންގައިފިއެވެ.
ތުލުސްދޫ ކައުންސިލުގެ އިދާރާއިން ނެރުނު ޤަރާރެއްގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކ. ތުލުސްދޫއަށް ވަޑައިގަންނަވާއިރު ފުލުހުންނަށް ރަށުގެ އެއްވެސް ސަރަހައްދެއް ބަންދުކޮށް ކޯޑަން ކުރެވޭނީ ކައުންސިލުން ހުއްދަ ލިބިގެން ކަމަށެވެ.
ތުލުސްދޫ ކައުންސިލްގެ ފަސް މެންބަރުން މި ޤަރާރުގައި ސޮއިކުރައްވާފައިވާއިރު، އެމްޑީޕީން ކެމްޕޭނަށް ރަށްރަށަށް އަރާއިރު ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދެވޭ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އަޅާކަމަށާއި، އެ ބާރު ކަނޑުވާލާ ރައްޔިތުންގެ މަސްލަޙަތު ގެއްލޭގޮތަށް ރައްޔިތުންނާއި ފުލުހުންނާއި ކުރިމަތިލައްވާ ހަމަނުޖެހުމަށް މަގުފަހިވާގޮތަށް ކަންކަން ހިގަމުންދާތީ އެކަންކަން ކުށްވެރިކުރާކަމަށް އެ ޤަރާރުގައި ބުނެފައިވެއެވެ.
އެގޮތުން ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސް އަޅާ އެ ބާރު ކަނޑުވާލާ ރައްޔިތުންގެ މަސްލަހަތު ގެއްލޭ ގޮތަށް ރައްޔިތުންނާއި ފުލުހުންނާއި ކުރިމަތިލާ ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގަމުންދާތީ އެކަންކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޞާލިޙަށް އޮތް ޗެލެންޖަކީ އިދިކޮޅު ޕީޕީއެމް ކަމަށް އެމަނިކުފާނު ވިދާޅުވުމަކީ މި ސަރުކާރުން ގަސްތުގައި ނުހައްޤު ޙުކުމަކުން ދެމުންގެންދާ އަނިޔާއެއްކަމަށާއި އެ ކަންވެސް ކުށްވެރިކޮށް، ރައީސް ޔާމީނު މިނިވަންކޮށް މިނިވަން ވާދަވެރި އިންތިހާބެއް ރާއްޖޭގައި ބޭއްވުމަށް އެ ކައުންސިލުންވަނީ ސަރުކާރަށް ގޮވާލާފައެވެ.
އަދި ހަމައެއާއެކު، ލާމަރުކަޒީ ޤާނޫނުން ރިޢާޔަތްކޮށް އެ ކައުންސިލުން ބުނީ "ތުލުސްދޫގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ އެއްވެސް ސަރަހައްދެއް ބަންދުކޮށް ފުލުހުންގެ ކޯޑަން ޓޭޕް ދަމާ ރައްޔިތުންނަށް ނުވަދެވޭނެހެން ހެދުމަކީ މިކައުންސިލުން ހުއްދަ ލިބިގެން ނޫނީ ފުލުހުން ކޮށްގެންވާނެ ކަމެއްނޫން،" ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.