ޚިޔާލު ރިޕޯޓް

ޓިކެޓު ހޯދަން ކޯޓަށް: ރައީސް ޔާމީނަށް ފުރުސަތު އެބަ އޮތްތަ؟

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ރިޔާސީ އިންތިހާބަށް 50 ދުވަހަށް ވެފައިވާއިރު އެންމެ ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި އޮތީ އިދިކޮޅު ޕީޕީއެމް- ޕީއެންސީ ކޯލިޝަނެވެ. އެކޯލިޝަނުން ރިޔާސީ ޓިކެޓު އަރުވާފައިވާ ކެންޑިޑޭޓު، ކުރީގެ ރައީސް ޔާމީންގެ ގާނޫނީ ޝަރުތު ގެއްލި އެމަނިކުފާނު އަދިވެސް ހުންނެވީ ޖަލުގައެވެ.

Ads by STELCO

ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް މީހަކު ނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ހުކުމުން ކަނޑައެޅުނު އަދަބު މާފު ކުރެވުނުތާ ތިން އަހަރުވެފައިވާ މީހަކު ކަމުގައިވުމަކީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހެއްގެ ޝަރުތެކެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވަނީ 11 އަހަރުގެ ޖަލު ހުކުމެކެވެ. މިހުކުމް އިއްވާފައިވަނީ ކްރިމިނަލް ކޯޓުންނެވެ. އެހެންކަމުން މަތީ ދެ ކޯޓަށް މިހުކުމް އިސްތިއުނާފަށް ހުށަހެޅޭނެއެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް އިސްތިއުނާފީ މައްސަލައެއް ހުށަހަޅާފައިވީނަމަވެސް ރިޔާސީ އިންތިހާބުގެ ކުރިން އެމައްސަލަ ނިމޭނެކަމަކަށް ނުބެލެވެއެވެ. މި ވޭތުވެދިޔަ ދުވަސްތަކުގައި އިދިކޮޅު ކޯލިޝަނުން ބުނަމުން ދިޔައީ ރިޔާސީ އިންތިހާބަށް ވަގުތު އޮއްވައި ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތްކަމަށެވެ. ރައްޔިތުންނަށްވެސް ގެންދެވީ އެ ޔަގީންކަން އަރުވަމުންނެވެ.

އެހެންނަމަވެސް އިދިކޮޅު ކޯލިޝަނަށް އުއްމީދު ގެއްލި މިހާރު ދަނީ ރިޔާސީ އިންތިހާބު ފަސް ކުރަން ގޮވައިލަމުންނެވެ. އަދި ހައި ކޯޓުގައި އިސްތިއުނާފު މައްސަލަ ލަސްވަމުން ދާތީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެކަން ބަލަން ސުޕްރީމް ކޯޓަށްވެސް އިދިކޮޅުން ހުށަހެޅި އެވެ. މިމައްސަލަ ސުޕްރީމް ކޯޓުގެ ރަޖިސްޓަރާ ބޭރުކޮށްލީ އެއީ އެކޯޓުގެ ގާނޫނީ އިހުތިސާސްގެ ތެރޭގައި ހިމެނޭ މައްސަލައަކަށް ނުވާކަމަށް ބުނެއެވެ. އެއާއިއެކު އިދިކޮޅުން ދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް މި މައްސަލަ ހުށަހަޅަން މަސައްކަތް ކުރަމުންނެވެ.

ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނީ އަންނަ އޯގަސްޓު މަހުގެ 7 ވަނަ ދުވަހުގެ ކުރިން އެމަނިކުފާނު މިނިވަން ވެގެންނެވެ. އެކަން އެގޮތަށް ވާތަން ނުފެންނަކަމަށް ރާއްޖޭގެ ގިނަ ގާނޫނީ ވަކީލުން ދެކެއެވެ. އެހެންނަމަވެސް އިދިކޮޅުން ބުނަމުން ދަނީ ރައީސް ޔާމީންގެ ނަމުގައި ފޯމު ހުށަހަޅާނެ ކަމަށެވެ. އިދިކޮޅުން ދެކޭ ގޮތުގައި މަތީ ދެކޯޓުން ޖަލު ހުކުމް ނުދަމަހައްޓާހާ ހިނދަކު ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވޭނެއެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ރައީސް ޔާމީންގެ ސަރުކާރުގައި ގެނައި އިސްލާހުތައް ބުނާ ގޮތުން ޖަލު ހުކުމެއް އިއްވާފައިވާ މީހަކަށް ސިޔާސީ ޕާޓީއެއްގެ އެއްވެސް މަގާމެއް ނުފުރުއްވޭނެއެވެ. އެހެންކަމުން މިހާރު ރައީސް ޔާމީނަށް ވަނީ ޕީޕީއެމްގެ އެއްވެސް މަގާމެއް ފުރުއްވުމުގެ ހައްގު ގެއްލިފައެވެ. ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައިވެސް ޕީޕީއެމް ތަމްސީލު ކުރަށް ރައީސް ޔާމީނަށް ގާނޫނު ތަނެއް ނުދެއެވެ. އަނެއްކޮޅުން ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް ޔާމީންގެ ނަމުގައި އިދިކޮޅުން ފޯމު ހުށަހަޅުއްވާނަމަ އެމަނިކުފާނުގެ ސޮޔާއިއެކު ކޮމިޝަނާ އޮފް ޕްރިޒަންސްގެ ސޮއިވެސް ބޭނުންވާނެއެވެ. އެހެން ނޫންނަމަ ފޯމުގެ ސައްހަކަން ގެއްލޭނެއެވެ.

ދެން އޮތް ގޮތަކީ އަމިއްލަ ހައިސިއްޔަތުން އިންތިހާބުގައި ވާދަކުރެއްވުމެވެ. ބައެއް ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް ޔާމީނަށް މިގޮތަށް އިންތިހާބުގައި ވާދަކުރެއްވިދާނެއެވެ. އެހެންނަމަވެސް އެގޮތަށްވެސް ކަން ވާނީ މަތީ ކޯޓަކުން އެކަމުގެ އަމުރެއް ލިބިގެންނެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގުވެސް މީގެ ކުރިން ވަނީ މިކަމަށް އިޝާރާތް ކުރައްވައިފައެވެ. ރައީސް ޔާމީންގެ ފޯމު ކޮމިޝަނުން ބަލައިގަތް ނަމަވެސް އެފޯމާއިމެދު ގޮތެއް ނިންމޭނީ އެމަނިކުފާނުގެ ގާނޫނީ ޝަރުތާއިމެދު އުފެދޭ ސުވާލަށް މަތީ ކޯޓަކުން ޖަވާބު ލިބިގެންކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވުމުގެ އުއްމީދު މިވަނީ ގާތްގަނޑަކަށް މުޅިންހެން ގެއްލިފައެވެ. އިންތިހާބު ލަސްކުރުން ނުވަތަ އިސްތިއުނާފު މައްސަލަ އަވަހަށް ނިމި އެމަނިކުފާނު މިނިވަންވުމަކީ ވަރަށް ނާދިރު ކަމެކެވެ.

އަނެއްކޮޅުން ރައީސް ޔާމީން ވާދަކުރަން ސުޕްރީމް ކޯޓުގެ ހާއްސަ ހުއްދައެއް ހޯދުމަކީވެސް ވުމަށްވުރެއް ނުވުން ގާތް ކަމެކެވެ. އިދިކޮޅަށް މިވަގުތު އޮތް ގޮތަކީ އެހެން ކެނޑިޑޭޓެއް ނެރުމެވެ. ނޫނީ ކުރިމަތިލާފައިވާ ކެންޑިޑޭޓަކު އެންޑޯޒްކޮށް ކެމްޕެއިން ކުރުމެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ނިކުންނަވާނަމަ ކާމިޔާބު ލިބިވަޑައިގެންނެވުމުގެ ވަރަށް ބޮޑު ފުރުސަތެއް އޮތްކަމަށް ސިޔާސީ މާހިރުން ދެކެއެވެ.

އެންމެ ބޮޑު ސިޔާސީ ޕާޓީ ދެފަޅިވަފައިވާއިރު ޕީޕީއެމްއަކީ ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އަނެއްކޮޅުން ރައީސް ޔާމީނަކީ އެންމެ ބޮޑު ތާއީދެއް 2018 ގައިވެސް އޮތް ކެންޑިޑޭޓެވެ.

ކުރިއަށް މިއޮތް ދެ ހަފްތާއަކީ ރާއްޖޭގެ ސިޔާސީ މައިދާން ވަރަށް ބޮޑަށް ހަލަބޮލިވެގެންދާނެ ދެހަފްތާކަމަށް ބެލެވެއެވެ. ވޯޓު ކަރުދާސްކޮޅުގައި ރައީސް ޔާމީންގެ ނަންފުޅު އޮންނާނެތޯ ކުރެވޭ ސުވާލަށްވެސް މި ދެހަފްތާގައި ޖަވާބު ލިބޭނެ

އެވެ.

Ads by HDC
  1. އަލީ

    ކީއްކުރަންޯ ޓިކެް ހޯދަނ؟ ރައް ކަނ ހޯދަންކޯޓަް ދޭބްލަަ

  2. ކުރުސީ

    ދެލޯކަނާާ ޓިކެޓްް ބޮޑުޖަލްސާާ އެއްގައިދީޚަލާސްް ކޮއްނިމިޖެެ.