އިންޑިއާގައި 103 އަހަރުގެ ފިރިހެނެއް އެންމެ 20 ދުވަހުގެ ތެރޭގައި ކޮވިޑް-19 އިން ރަނގަޅުވެއްޖެ
އިންޑިއާގައި ކޮވިޑް-19 ޖެހުނު 103 އަހަރުގެ ފިރިހެނަކު އެ ބަލިން ރަނގަޅުވެ ހޮސްޕިޓަލުން ގެއަށް ދޫކޮށްލައިފިއެވެ.
މި ފިރިހެން މީހާ ބަލިން ރަނގަޅު ވެފައި މިވަނީ ބަލި ޖެހުނުތާ އެންމެ 20 ދުވަހުގެ ތެރޭގައެވެ. އެގޮތުން ޖުލައި 28ގައި ވަރަށް ގަދައަށް ހުން އައިސްގެން އޭނާ ޑޮކްޓަރަށް ދެއްކުމުން ކޮވިޑް-19އަށް ޓެސްޓު ކުރި ކަމުގައި މީޑިއާ ތަކުން ރިޕޯޓް ކުރިއެވެ. އަދި އޭނާއަށް ކޮވިޑް19 ޖެހިފައިވާކަން ޓެސްޓު ތަކުގެ ނަތީޖާއިން ދެއްކި ކަމަށް ވެސް ރިޕޯޓް ތައް ބުނެއެވެ.
އޭނާގެ ފަރާތުން ކޮވިޑް-19ގެ މާ ސީރިއަސް އަލާމާތް ތަކެއް ނުފެނުނު ނަމަވެސް އޭނާގެ އުމުރަށް ބެލުމަށްފަހު ފަރުވާ ދީފައި ވަނީ ހާއްސަ މެޑިކަލްޓީމަކުން ކަމުގައި ރިޕޯޓް ތައް ބުނެއެވެ. އޭނާއަށް ފަރުވާ ދީފައިވަނީ ކަލަމެސަރީ މެޑިކަލް ކޮލެޖުގައެވެ.
އިންޑިއާގައި 105 އަހަރުގެ އަންހެނަކު ވެސް ވަނީ ކޮވިޑް-19އިން ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. އަދި ހަމަ އެހެންމެ 93 އަހަރުގެ މީހަކާއި 88 އަހަރުގެ މީހެއް ވެސް ވަނީ ބަލިން ރަނގަޅު ވެފައެވެ. އެއީ ދެމަފިރިން ކަމުގައި މީޑިއާ ތަކުން ރިޕޯޓް ކުރިއެވެ.
މިކަމުން ދައްކުވައިދެނީ އުމުރުން ދުވަސްވީ މީހުންނަަށްވެސް ރަނގަޅު ފަރުވާއެއް ދެވިއްޖެ ނަމަ ކޮވިޑުން ރަނގަޅުވާނެ ކަން ކަމުގައި މީޑިއާތައް ބުނެއެވެ.