ލައިފްސްޓައިލް

އަހަރެން މަރުވިޔަސް ނުރޯށެވެ. ބަދަލުގައި އަހަންނަށް ހެޔޮދުޢާ ކޮށްދޭށެވެ.

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އިސްލާމް ދީނުގައި އަންގަވާފައިވަނީ ކޮންމެ ދިރޭ މަޚުލޫޤަކާއި ދޭތެރޭ ހެޔޮކޮށް ހިތުމަށެވެ. ހިތާމައަކީ ދުނިޔޭގައި އުޅޭއިރު ގިނަ ފަހަރަށް މީހުންނާމެދު ކަންތައް ކުރެވޭ ގޮތެވެ. އެމީހަކާ މެދު ކަންތައް ކުރަނީ އެމީހަކީ ވުޖޫދުގައި ވެސް ނެތް މީހެއް ފަދައިންނެވެ. ފެންނަ ކަމަށް ވެސް ނުހަދައެވެ. އެކަމަަކު މީހަކު މި ދުނިޔެއިން ވަކިވެގެން ދިއުމަށް ފަހު އެމީހާއަށް ވުރެން ރަނގަޅު މީހަކު ނެތް ފަދައެވެ. އެހާ ރަނގަޅު ވީއެވެ.

Ads by MWSC

ކުރާނީ ވެސް ކީއްތޯއެވެ؟ ދުނިޔޭގެ އާދައެވެ. މީހަކާ މެދު ހެޔޮކޮށް، ގާތް ކޮށް ކަންތައް ކުރަންވީ ހަމައެކަނި އެމީހަކު ނެތް ދުނިޔެއަކު ނޫނެވެ. މަރުވުމަށް ފަހު ކޮށްދެވޭނެ ހަމަ އެކަނި ކަމަކީ އޭނާއަށް ޓަކައި ހެޔޮ ދުޢާ ކޮށްދިނުމެވެ. ގަބޫލު ކުރަމެވެ. އިސްލާމް ދީނުގައި މަރުވެ ގޮސްފައިވާ މީހުންގެ ނުބައި ވާހަކަ ތައް ދެއްކުން ސިފަ ކޮށްދެއްވާފައި ވަނީ އިންސާނާ ދިރިހުއްޓާ އޭނާގެ މުޅަ މަސް ކެއުން ފަދަ ކަމެއްގެ ގޮތުގައެވެ. އެހެން ކަމުން އޭނަގެ ނުބައި ވާހަކައެއްވެސް ނުދައްކާނެތާއެވެ. ނަމަވެސް މީގައި މުހިންމީ މަރުވުމަށް ފަހު އޭނަގެ ހެޔޮ ވާހަކަ ދެއްކުން އެކަންޏެއް ނޫނެވެ. އޭނާ ދުނިޔޭގައި ހުރި ވަގުތު އޭނާއަށް ހެޔޮކޮށް ކަންތައް ކޮށްދިނުން ވެސް މެއެވެ. ކުރާ ކަންތައްތަކުގައި ވީ ވަރަކުން އޭނާ ވެސް ޝާމިލު ކުރުމެވެ. 

މީހަކު މަރުވުމުން އޭނަގެ ޖަނާޒާ ކަންތައް ދާ ވަގުތަކީ ހިތާމަވެރި ވަގުތެކެވެ. އަދި ދަންނަވަންތޯއެވެ. މޫނުގައި އެންމެ ފަހު ވަގުތު ކަފުން ބާއްވާލެވޭ ވަގުތަކީ ބަލަން ކެތްނުވާހާ ހިތާމަވެރި ވަގުތެކެވެ. ރޯމީހުން ރޯނެއެވެ. ނަމަވެސް ކަންތައް ކުރަން އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ކަންތައް ކުރާނެތާއެވެ. އެހެންނަމަވެސް ދަންނާށެވެ. ރުއިމަކުންވާނެ ފައިދާއެއް ނެތެވެ. އެދުވަހުން އޭނައާއި މެދު ކަންތައް ކުރެވުނު ގޮތާމެދު ވިސްނާ ހިތާމަކުރި ކަމުގައި ވީނަމަވެސް ވަގުތު ފާއިތު ވެގެން ހިނގައްޖެއެވެ.

ދެން ކުރެވެން އޮތީ އެންމެ ކަމެކެވެ. އޭނާއަށްޓަކައި ހެޔޮ ދުޢާ ކޮށްދިނުމެވެ. އޭނާއާއި މެދު ކިތަންމެ ގޯސް ކޮށް ކަންތައް ކުރެވުނު ކަމުގައި ވީ ނަމަވެސް އެންމެ ކުޑަމިނުން އޭނަގެ ޖަނާޒާގެ ކަންތަކުގައި ބައިވެރި ވެލުމަކީ ވެސް އޭނާއަށް ކޮށްދެވޭނެ ހެޔޮ ކަމެކެވެ.

ދުނިޔޭގެ ހުވަފެނީ މި ކަނޑުގައި ދަތުރު ކުރަމުން ދާއިރު ވިއްސާރަ ދުވަސްތަކާއި، އަވިދޭ ދުވަސްތައް އަންނާނެއެވެ. އެހެން ނަމަވެސް އޮޑީގައި ހުރިހާ ފަޅުވެރިން ހަމަހަމަ ވާނެއެވެ. އެހެނީ އެއްވެސް މީހަކު ބާކީ ނުކޮށްލާށެވެ. ތިމާގެ ހިތެއް ވާފަދައިން އަނެކާގެ ވެސް ހިތެއް ވާނެކަން ދަންނާށެވެ. ތިމާ އެހީތެރިކަން ބޭނުން ވާ ފަދައިން އަނެކާވެސް އެހީތެރިކަން ބޭނުން ވާނެ ކަން ދަނެގެން އުޅޭށެވެ.

މީހަކާ ދޭތެރޭ ހެޔޮކޮށް ކަންތައް ކުރަންވީ އޭނަގެ އަޖަލު ހަމަވުމުގެ ކުރިންނެވެ. އޭނަ ހިތްހަމަ ޖެހިގެން ދުނިޔޭގައި އުޅޭ މަންޒަރުވެސް ތިމާއަށް ފެންނާނީ އޭރުންނެވެ. ތިމާގެ ހިތްހަމަވެސް ޖެހޭނެއެވެ. އަނެކާ ދުނިޔެއިން ދާއިރުގައި އުފާވެރި ހަނދާން ތަކެއް ދޫކޮށް ދާން ފުރުސަތު ލިބޭނެއެވެ. ތިމާއަށް ޓަކައި އޭނަގެ ހިތް އަބަދުވެސް ހެޔޮ ވާނެއެވެ. އެންމެންގެ ކިބައިންވެސް އެދޭ އެދުމަކީ މާދަމާ ވެސް މަރުވެދާނެއެވެ. ކުރިއާލާ ތައްޔާރުގައި ތިބޭށެވެ. އަހަރެން މަރުވެއްޖެނަމަ ނުރޯށެވެ. އަހަންނަށް ހެޔޮދުޢާ ކޮށްދޭށެވެ.

Ads by HDC
  1. ކޮތަރު

    މީހާ މަރުވުމުން ކޮށްދެވޭނޭ ހަމައެކަނި ހެޔޮކަމަކީ ހެޔޮދުޢާ ކުރުން ކަމުގައި ނުބުނާށެވެ. އޭނާ އަށް ރަޙްމަތް ލެއްވުން އެދި ކުރެވޭ ޞަދަޤާތަކީ ކުޑަ ހެޔޮކަމެއް ނޫންތޯއެވެ.