ޚަބަރު

ފުވައްމުލަކު އެއަރޕޯޓާއި, ބަނދަރު ބޮޑުކޮށްދޭން ރައީސް ޞާލިޙް ވައުދުވެވަޑައިގެންފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުރިއަށް އޮތް ފަސް އަހަރުތެރޭ ފުވައްމުލަކު އެއާޕޯޓާއި ބަނދަރު ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

Ads by Hajj Corporation

ރައީސް މިހެން ވިދާޅުވީ, މިރޭ ފުވައްމުލަކުގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ފުވައްމުލަކު އެއާޕޯޓާއި ބަނދަރު މިހާރު ވަނީ ބޮޑުކުރަން ޖެހިފައި ކަމަށާއި އެގޮތުން ކުރިއަށް އޮތް ފަސް އަހަރުތެރޭ ފުވައްމުލަކު އެއާޕޯޓު ބޮޑުކުރެވެން އޮތް ވަރެއް ބަލާ ބޮޑުކޮށްދެއްވާނެ ކަމަށެވެ.

"ކުރިއަށް އޮތް މި ދައުރުގައި މި ރަށުގެ އެއާޕޯޓު އިތުރަށް ބޮޑު ކުރެވެން އޮތް ވަރެއް ބަލާ، ދިރާސާކުރުމަށްފަހު މިހާރު އައިލެންޑް އޭވިއޭޝަންގައި ގެންގުޅޭ އޭޓީއާރް ޖެއްސޭ ވަރަށް މި ރަށުގެ އެއާޕޯޓު ބޮޑުކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފުވައްމުލަކު ބަނދަރަކީ ވަރަށް ގިނަ ދިރާސާތަކަކަށްފަހު ހަދާފައިވާ ބަނދަރެއް ކަމަށެވެ. ސަރުކާރުގެ ވިސްނުމަކީ ފުވައްމުލަކު ރައްޔިތުން އެދުނު ގޮތަށް ބަނދަރު ބޮޑުކުރެވެން އޮތް ގޮތެއް ބެލުން ކަމަށާއި އެކަމާ ގުޅޭ ދިރާސާތައް މިހާރު ހަދަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ކުރިއަށް އޮތް ދައުރުގެ ތެރޭގައި މި ރަށުގެ ބަނދަރު ބޮޑު ކުރެވިގެންދާތަން ފެނިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ކުރިއަށް އޮތް ދައުގެ ތެރޭގައި ފުވައްމުލަކުގައި ސިންތެޓިކް ޓްރެކަކާއި ސްޓޭޑިއަމެއްގެ އިތުރުން ސްޕޯޓްސް އިންޑޯ ކޮމްޕްލެކްސެއް ތަރައްގީކޮށްދެއްވުމަށް ވެސް ރައީށް ވައުދުވެވަޑައިގެންނެވި އެވެ. މި ސަރުކާރުން ފުވައްމުލަކުގައި 40 އަށް ވުރެ ގިނަ ޕްރޮޖެކްޓް ހިންގަމުންދާ ކަމަށާއި މިއަހަރުގެ ޖޫންގެ ނިޔަލަށް 544 މިލިއަން ރުފިޔާ ފުވައްމުލަކަށް ހަރަދުކުރެވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!