މިދިޔަ މަހު ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު ބޮޑުތަނުން ދަށަށް
ފާއިތުވި ޖުލައި މަހުގައި ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޖުލައި މަހުގައި ރާއްޖެއަށް އެތެރެކޮށްފައިވަނީ 1.9 ބިލިއަން ރުފިޔާގެ މުދަލެވެ. އެއީ 49 އިންސައްތައިގެ ދަށް ވުމެކެވެ.
ޖޫން މަހުގައި 2.1 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާއިރު މަހަކަށްވުރެ މަހެއް މުދާ އެތެރޭކުރާ މިންވަރުވަނީ މަދުވެފައެވެ.
ޖުލައި މަހު ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ އެކި ބާވަތުގެ މެޝިނަރީއާއި މެކޭނިކަލް ސާމާނާއި އިލެކްޓްރިކް ތަކެއްޗެވެ. އެބާވަތުގެ 378 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެ ކޮށްފައިވެއެވެ. ދެވަނަ އަށް އެންމެ ގިނައިން އެތެރެ ކޮށްފައިވަނީ ހަކަތަ އުފެއްދުމަށް ބޭނުންކުރާ ތެލުގެ އުފެއްދުންތަކެވެ. ޑީސަލާއި ޕެޓްރޯލާއި ގޭހުގެ ގޮތުގައި 332 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.
ތިންވަނަ އަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ކާނާގެ އެކި ބާވަތްތަކެވެ، އެގޮތުން އެކި ބާވަތުގެ ކާނާގެ ގޮތުގައި ޖުމްލަ 251 މިލިއަން ރުފިޔާގެ ކާނާ ރާއްޖެއަށް ޖުލައި މަހު އެތެރެކުރިއެވެ.
ރާއްޖެއިން އެންމެ ގިނައިން މުދާ އެތެރެ ކޮށްފައިވަނީ އޮމާން އިންނެވެ. އެއީ އެތެރެކުރި މުދަލުގެ 17 އިންސައްތައެވެ. އިންޑިޔާއިން އެތެރެކޮށްފައިވަނީ އެތެރެކުރި މުދަލުގެ 15% އެވެ، އަދު ޗައިނާއިން 13 އިންސައްތައެވެ.
ޖުލައި މަހުގައި އިމްޕޯޓު ދަށަށް ގޮސްފައިވާއިރު އެކްސްޕޯޓުކުރި މިންވަރު ވެސް ވަނީ ދަށަށް ގޮސްފައެވެ. ޖުލައި މަހުގައި އެކްސްޕޯޓު ކޮށްފައިވަނީ 203 މިލިއަން ރުފިޔާގެ އަގުހުރި މުދަލެވެ. އެއީ 2 އިންސައްތައިގެ ވެއްޓުމެކެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތައް ބުނެފައިވާ ގޮތުން ޖުލައި މަހު އިމްޕޯޓު އެކްސްޕޯޓު ޑިއުޓީގެ ގޮތުގައި ލިބިފައިވަނީ 293 މިލިއަން ރުފިޔާއެވެ.