ރައީސް ޔާމީން އެދުނީ ވާދަ ނުކުރެވޭ ނަމަ ޕީޕީއެމަށް އެހެން ކެންޑިޑޭޓަކު ނެރެން ފުރުސަތު ދިނުމަށް

2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުށަހެޅި ކެންޑިޑެސީ ފޯމު ބަލައިނުގަތުމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުގައި ނާކާމިޔާބުވެއްޖެ ނަމަ، އިދިކޮޅު ޕީޕީއެމުން ކެނޑިޑޭޓަކު ނެރެވޭނެ ގޮތް ހަދައިދޭން އެމަނިކުފާނުގެ ގާނޫނީ ވަކީލުން ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.
ރިޔާސީ އިންތިހާބުގައި ބައިވެރިވުމަށް ރައީސް ޔާމީން ކެންޑިޑަސީ ހުށަހެޅުމުން އީސީން ކެނޑިޑަސީ ފޯމް ބަލައިގަންނަން ދެކޮޅު ހަދާފައިވަނީ ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ހުކުމެއް އައިސްފައިވާއިރު އެ ހުކުމް ތަންފީޒުކޮށް ނިިމިފައިނުވާކަން ހުށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮތުމުންނެވެ.
ހުކުމެއް ތަންފީޒް ކުރަމުންދާތީ, ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް އިލެކްޝަން ކޮމިޝަންއިން ވަނީ ނިންމާފައެވެ.