ވިޔަފާރިތަކުން ކުނިއުކައިދޭ ގަޑިއަށް ވެމްކޯއިން ބަދަލު ގެންނަނީ
ވިޔަފާރިތަކުން ކުނި އުކައިދޭ ގަޑިއަށް ބަދަލު ގެންނަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ނިންމައިފިއެވެ.
މިކަމާއި ގުޅޭގޮތުން ވެމްކޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިހާރު ކޮވިޑް-19އާއި ގުޅިގެން ޢިއުލާން ކޮށްފައިވާ ކަރފިއުގެ ވަގުތަށް ރިއާޔަތްކޮށް ވިޔަފާރިތަކުން ރޭގަނޑު 19:00އާއި 21:30 އާއި ދެމެދު ނެގުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިބަދަލު ގެނައުމަށް ނިންމާފައި ވަނީ އަންނަ ހުކުރުދުވަހުން ފެށިގެންކަމަށެވެ.
ވެމްކޯއިން ބުނީ ހުކުރު ދުވަހުގެ ފަހުން ރޭގަނޑު 21:30ގެ ފަހުން ކުނި ނެގުމުގެ މަސައްކަތް އެކުންފުނީގެ މުވައްޒަފުން ނުކުރާނެކަމަށާއި އެހެންކަމުން ކަނޑައެޅިފައިވާ ގަޑީގައި ކުނި ނެރެފައި ބެހެއްޓުމަށް ވެމްކޯއިން އިލްތިމާސްކުރައްވާ ކަމަށެވެ.
ކޮވިޑް-19އާއި ގުޅިގެން ޢާއްމުން ގެއިން ބޭރަށް ނިކުތުން މަނާކުރުމާއެކު ވެމްކޯއިން ވަނީ ކުނި ނެގުމުގެ ގަޑިތަކަށް ބަދަލު ގެނެސްފައެވެ. އެގޮތުން ޢާއްމު ގޭބިސީތަކުން ކުނި ނެގުމުގެ މަސައްކަތް މިހާރު ކުރަނީ ކޮންމެ ދުވަހެއްގެ މެންދުރު 12:00 އިން ފެށިގެން މެންދުރުފަހު 1400 ޖެހުމާހަމައަށެވެ. މިގަޑިތަކުގައި ޢިމާރާތުގެ ތިރިއަށް ކުނި ބޭލުމުން ވެމްކޯގެ ޓީމުން ކުނި ނަގާނެކަމަށް ވެސް ބުނެފައިވެއެވެ.
އެހެންނަމަވެސް މޮނީޓަރިންގެ ޙާލަތަށް ގެނެވިފައިވާ ޢިމާރާތްތަކުން ކުނި ނެރެން ބޭރަށް ނުނިކުތުމަށް އެކުންފުނިން އެދިފައިވާއިރު އެފަދަ ތަންތަނަށް ކުނި ބަލާ ދަނީ ވެމްކޯގެ އެކަމަށް ޚާއްސަ ޓީމުތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައެވެ.