އަސާސީ ހިދުމަތްތަކުން ރައީސް ޔާމީން އެކަހެރިކޮށް ބާއްވާ އިންތިހާބެއް އިންސާފުވެރި ނުވާނެ: ސައީދު

ކުރީގެ ރައީސް، އަދި އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަން ނެތި ބާއްވާ ރިޔާސީ އިންތިހާބެއް އެއީ ޑިމޮކްރެޓިކް ހަމަތަކުން ބޭއްވޭ އިންތިހާބަކަށް ނުވާނެކަމަށް ޕީއެންސީގެ ނައިބު ރައީސް، އަދި މާވަށު ދާއިރާގެ މެމްބަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަށް ލިބެންވާ އެންމެ އަސާސީ ހައްގުތަކުން އެމަނިކުފާނު އެކަހެރިކޮށް ބާއްވާ އިންތިހާބެއް އެއީ ބައިވެރިވުން އޮތް އިންސާފުވެރި އަދި ޑިމޮކްރެޓިކް ހަމަތަކުން ބޭއްވޭ އިންތިހާބަކަށް ނުވާނެ ކަމަށެވެ.
"އިސްތިއުނާދު ލަސްކުރީ ފަނޑިޔާރުން. މަތީ ކޯޓަށް ނުފެނުނީ އެ މަންޒަރު،" ސައީދު ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޕީޕީއެމުން ރައީސް ޔާމީންގެ ނަންފުޅު ހުށަހެޅި ނަމަވެސް ރިޝްވަތު ނެގުމާއި މަނީލޯންޑަރިން ކުށް ސާބިތުވެ 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވުމާއި ދައުލަތަށް ދައްކަންޖެހޭ ދަރަންޏެއް އޮތުމުން ރައީސް ޔާމީން އިންތިޚާބުގައި ވާދަކުރުރެއްވުމުގެ ޝަރުތު އުނިވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. އަދި އެ ނިންމެވުމަށް ސުޕްރީމް ކޯޓުން ވަނީ ތާއީދުކުރައްވާފައެވެ.