އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ލީޑަޝިޕްގައި ހިޔާލު ތަފާތުވުމެއް ނެތްކަމަށާއި އަމާޒަކީ ޕީއެންސީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުންކަމަށް އިދިކޮޅު ލީޑަޝިޕުން ބުނެފި އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މީގެ ކުރިން ހިޔާލު ތަފާތުވުން އުފެދުނު ނަމަވެސް ދެ ޓީމުގެވެސް ވިސްނުމަކަށްވީ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ހޯއްދަވައިދެއްވުން ކަމަށެވެ.
ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވިކަމަށް ދެކެވުނު ވާހަކަތަކާއި ގުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވީ އެންމެ ކުރީއްސުރެއްވެސް ބޮއިކޮޓް ކުރުމުގެ ވިސްނުމެއް އެމަނިކުފާނުގެ ނެތް ކަމަަށެވެ. އެގޮތުން ރައީސް ޔާމީނަށް ކުރިމަތިނުލެއްވިދާނެ ކަމަށް ޕްލޭން ބީއެއްވެސް ތައްޔާރުކޮށްފައި އޮތް ކަމަށާއި އެގޮތްވެސް ނުވެއްޖެ ނަމަ ޕްލޭން ސީއެއްވެސް ތައްޔާރުކޮށްފައި އޮތްކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން ޕީޕީއެމްއިން ބުނީ ރައީސް ޔާމީނަކީ ޕްލޭން އޭ ކަމަށެވެ. އަދި ޕްލޭން ބީ އަކީ ޕީޕިއެމްއިން ވަކި ކެނޑިޑޭޓަކު ނެރުންކަމަށެވެ. ޑރ. މުއިއްޒު އަކީ ޕްލޭން ސީ ކަމަށް ޕީޕިއެމްއިން ބުންޏެވެ.
މިރޭގެ ބައްދަލުވުމުގައި ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ޑރ. މުއިއްޒު ވިދާޅުވީ ރައީސް ޔާމީނަށް ހައްގު އިންސާފު ގާއިމް ކޮށްދެވޭނީ ޕީޕީއެމް ޕީއެންސީގެ ސަރުކާރެއް އައިސްގެން ކަމަށެވެ. އެހެންކަމުން މިކުރާ މަސައްކަތުގައި ހުރިހާ ރައްޔިތުންގެވެސް ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށް މުއިއްޒު ވިދާޅުވި އެވެ.
އިދިކޮޅު ލީޑަޝިޕްގެ ބައެއް ބޭފުޅުން މީގެ ކުރިން ވަނީ މުއިއްޒު އިންތިހާބުގައި ވާދަކުރެއްވުމާއި ގުޅޭގޮތުން ހިތްހަމަނުޖެހުން ފާޅު ކުރައްވައިފަ އެވެ. އަދި އިންތިހާބު ބޮއިކޮޓްކުރަން އެބޭފުޅުން ތާއީދު ކުރެއްވި އެވެ. މިކަމަށްޓަކައި ކޯލިޝަން ސެނެޓުގައި ވޯޓު ނެގި ދުވަހު މަސްރަހު ހޫނުވެ މާރާމާރީވެސް ހިންގި އެވެ. އެހެންނަމަވެސް ފަހުން މުޅި ކޯލިޝަނުން ނިންމީ ގިނަ ބަޔަކު އިއްތިފާގު ވާގޮތަށް ކުރިއަށް ގެންދިޔުމަށެވެ.