މިދުވަސްކޮޅު އެމެރިކާ އަންހެނުން އެންމެ ގިނައިން ޝަކުވާ ކުރަނީ ކޮންކަމަކާކަން އެނގޭތަ؟

ކޮވިޑްގެ ހާލަތާއި ގުޅިގެން އެމެރިކާގެ ގިނަ އަންހެނުން އެކިއެކި ޝަކުވާތައް ކޮށްފައިވާއިރު އޭގެ ތެރެއިން އެންމެ ގިނަ ބަޔަކު ޝަކުވާ ކޮށްފައިވަނީ އެމީހުންގެ ބަރުދަން އިތުރުވެގެން ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
އެމީހުން ދެކޭ ގޮތުގައި މިދުވަސްކޮޅު ބަރުދަން އިތުރުވަމުން ދިޔުމަކީ ކޮވިޑްގެ ސައިޑް އިފެކްޓެކެވެ.
ވެބްއެމްޑީ އިން މިހަފްތާގައި ހެދި ސާރވޭއަކުން އެނގިފައިވާ ގޮތުގައި އެމެރިކާގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ އަންހެނުންގެ ބަރުދަން ވަނީ މިބަލިމަޑުކަމާއި ގުޅިގެން އިތުރުވެފައެވެ.
މިސާރވޭގެ ނަތީޖާއަށް ބަލާއިރު ކޮވިޑްގެ ބަލި މަޑުކަމުގެ ތެރޭގައި 47 އިންސައްތަ އަންހެނުންގެ ބަރުދަން އިތުރު ވެފައިވާއިރު، ބަރުދަން އިތުރުވި ފިރިހެނުންގެ އިންސައްތަ އަރާފައިވަނީ 22 އިންސައްތައަށެވެ.
އެމީހުންގެ ބަރުދަން އިތުރުވި ސަބަބަކީ ކޮބައިތޯ ސުވާލުކުރުމުން އެ އެންމެން ވެސް ބުނެފައިވަނީ އެއީ ކޮވިޑްގެ ސަބަބުން ފިކުރު ބޮޑުވެގެން މާ ގިނައިން ކެވުނީ ކަމަށާއި، ގޭތެރޭގައި ގިނަ ވަގުތު ހޭދަ ކުރަން ޖެހުމާއި އެއްވެސް ކަސްރަތެއް ނުލިބުން ކަމަށެވެ. ނަމަވެސް މީގެތެރެއިން އެއްބައިމީހުން ބުނެފައިވާ ގޮތުގައި އެމީހުންގެ ބަރުދަން އިތުރުވީ މާގިނައިން ބަނގުރާ ބުއިމުގެ ސަބަބުންނެވެ.