ދިވެހި ދައުލަތުގެ މަސްއޫލިއްޔަތުތަކާއި ޙަވާލުވެ ހުންނަ މީހެއްގެ ސަބަބުން ދިވެހި ދައުލަތަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ، އެމީހެއްގެ މައްޗައް ދަޢުވާ ކުރާނެކަމުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ޖޭޕީގެ ފަރާތުން ވާދަކުރައްވާ ޤާސިމް މިހެން ވިދާޅުވީ އެޕާޓީގެ މެނިފެސްޓޯ އިޢުލާންކުރުމަށް ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގެ ތެރޭގައެވެ.
"އަޅުގަނޑުގެ ވެރިކަމެއްގައި ހުންނައިރު، ދިވެހި ދައުލަތުގެ މަސްއޫލިއްޔަތުތަކާއި ޙަވާލުވެ ހުންނަ މީހަކު، އެމީހެއްގެ ސަބަބުން ދިވެހި ދައުލަތަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ، އޭނާގެ މައްޗައް ދަޢުވާ ކުރާނަން"
ޤާސިމް ވިދާޅުވީ ޤާނޫނުގައި އޮންނަނީ ދައުލަތަށް އެންމެ ފައިދާ ލިބޭ ގޮތަށް ކަންތައް ކުރުމަށާއި، ދައުލަތަށް ލިބެންޖެހޭ މަންފާއެއް ނުލިބޭނެގޮތަށް، އެއީ ކޮންމެ މީހެއްގެ އިހުމާލުން ކަމުގައިވިއަސް، އެމީހަކަށް ދަޢުވާކުރުމާއެކު ޙައްޤު އަދަބު ނުދީ ނުހުންނާނެކަމަށެވެ.
މިހާރު ދިވެހިރާއްޖެއިން ފެންނަ މަންޒަރަކީ ކިތަންމެ ބޮޑު ގެއްލުމެށް ދިވެހި ދައުލަތަށް ދިންކަމުގައި ވީނަމަވެސް، އެކަން ބަލާނެ އެއްވެސް މީހަކު ނެތްތަން ކަމަށެވެ. އެމަނިކުފާނުގެ ސަރުކާރެއްގައި އެގޮތަށް ކަންތައްތައް ނުވާނެކަމަށް ވެސް ވިދާޅުވިއެވެ.
"ކޮންމެ ދިވެހި ރައްޔިތެއްގެ އަޒުމަކަށް ވާން ވާނީ، އިޚްލާސްތެރިކަމާއެކު ވަޒީފާ އަދާކޮށް، ޤައުމަށް ކޮށްދެވެން އޮތް ހުރިހާ ޚިދުމަތެއް ކޮށްދިނުން" ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ޤައުމު ތިމާއަށް ކޮށްދިނީ ކޮންކަމެއްތޯ ނާހައި، ތިމާ ޤައުމަށްޓަކައި، ދީނަށްޓަކައި އަދި ޤައުމުގެ އަމާންކަމަށްޓަކައި ކޮށްދެނީ ކޮންކަމެއްތޯ ސުވާލުކުރަންޖެހޭ ކަމަށާއި، ކޮންމެ ރައްޔިތަކުވެސް މިކަންކަން ކުރަންޖެހޭކަމަށެވެ.
"އަޅުގަނޑު ވެރިކަމަށް ނިކުންނަނީ އަޅުގަނޑުގެ އަމިއްލަ މަންފާތަކެއް ހޯދާކަށް ނޫން، މި ދައުލަތައް، ރައްޔިތުންނަށް ވެރިކަން ކޮށްދިނުމަށްޓަކައި، އަޅުގަނޑު މި ނިކުންނަނީ"
ޤާސިމް ވަނީ މިހައިތަނަށް ބައެއް ވަޢުދުތައް ކެމްޕެއިން ޖަލްސާތަކުގައި އިޢުލާނު ކުރައްވައިފައެވެ. ޤާސިމް ވިދާޅުވީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ، ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ބޭނުންވާ ބަލި މީހާއާއި އޭނާގެ އެހީތެރިޔާގެ ހުރިހައި ޚަރަދެއްވެސް އާސަންދަ އިން ކުރާ ގޮތަށް ހަމަޖައްސައިދޭނެ ކަމަށެވެ. މީގެ އިތުރުން ޤާސިމް ވަނީ ދޮށީ އުމުރުގެ މީހުންނަށް ދައުލަތުން ދެމުން ގެންދާ އިނާޔަތަށް ބަދަލު ގެނެސް މިހާރު ދެމުންދާ އިނާޔަތް ބޮޑު ކުރައްވާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވައިފައެވެ.
ގައުމުގެ ދަރަނި މިހާބޮޑު އިރު ގައުމަށްގެއްލުން ލިބޭ ވާހަކަ ދައްކަނީ