ތ. އަތޮޅަށް ބޮޑު ބަދަލެއް ގެންނާނަން: ނާޒިމް

ތ އަތޮޅަށް ބޮޑު ބަދަލެއް ގެންނާނެކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް ވިދާޅުވީ ރަށްރަށަށް ކުރައްވަމުން ގެންދާ ޒިޔާރަތްތަކުގައި އެ ރަށްރަށުގެ ރައްޔިތުންގެ ފަރާތުން އަޑުއިވެމުންދާ ވާހަކަތަކުން އަންގައިދެނީ ސަރުކާރުން ރައްޔިތުންނާމެދު އިހުމާލުވެފައިވާ މިންވަރުކަމަށެވެ.
"މި އަތޮޅުގެ ރަށްރަށުގައި އަދިވެސް ހިނގަން ޖެހެނީ ޗަކަފެންގަނޑުގައި"
މީގެ އިތުރުން ނާޒިމް ވަނީ ތިމަރަފުށީގައި ހުޅުވި އެއާޕޯޓަކީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙުސައިން މަނިކުގެ ރިޔާސީ ދައުރުގައި އެމަނިކުފާނު ހުންނަވައިގެން ހުޅުވި އެއާޕޯޓެއްކަމަށާއި އޭރު އެ އެއާޕޯޓު ހުޅުވިއިރުވެސް ރަންވޭގެ އެއްކޮޅު ގިރަމުންދިޔަކަމަށާއި މިއަދާހަމައަށްވެސް އެކަން ޙައްލުކޮށްފައިނުވާކަމަށް ފާހަގަކުރައްވާފައެވެ.
ހަމަ މިއާއެކު އެއާޕޯޓު ސަރަހައްދު ތަރައްޤީކުރުމަށްޓަކައި ކެއުންބުއިމުގެ ޚިދުމަތްދޭ ތަނެއް ހުޅުވާފައިނުވާކަމަށާއި ހަމައެކަނި މަގުތަކުގައި ތާރު އަޅައިގެން ތަރައްޤީއެއް ނުގެނެވޭނެކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

އެމްއެންޕީން ތ. ތިމަރަފުށީގައި ބޭއްވި ކެމްޕެއިން ޖަލްސާގެ ތެރެއިން.-- ފޮޓޯ: އެމްއެންޕީ
ކެންޕެއިން ދަތުރުތަކުގެ ތެރެއިން ތ އަތޮޅަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި ތ. ތިމަރަފުށިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ދަތުރުފަތުރުގެ ނިޒާމު އެއް ވިއުގަކުން ގުޅާލުންކަމަށެވެ.
މި ސަރުކާރުން ރާއްޖެ ޓްރާންސްޕޯޓު ލިންކު (އާރްޓީއެލް) ގެ ނަމުގައި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމްކުރި ނަމަވެސް މެދުރާއްޖެތެރޭގައި މި ޚިދުމަތް ނުލިބޭކަމަށް ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ.
ނާޒިމް ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ދަތުރުފަތުރުގެ ޚިދުމަތްދޭ މޯލްޑިވިއަންއާއި، އެމްޓީސީސީ އާއި އަދި އާރްޓީއެލްއާ ގުޅިގެން ސޮފްޓްވެއަރއެއް އުފައްދަވާނެކަމަށެވެ. އަދި މި އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގުފަހިކޮށްދެއްވާނެކަމަށެވެ.
"އެއް ވިއުގައިން ގުޅާލީމާ އެވިއުގައިން މިރަށުން ފުރައިގެން ދާ މީހާ މާލެއަށް ދެވޭވަރަށް އޭގެން ބުކިންގ ހެދޭނެ. އަދި މާލެއިން މިރަށަށް އަންނަން ބޭނުންވާ މީހާ އެ ސޮފްޓްވެއަރ ނުވަތަ ވިއުގަތެރެއިން ގުޅޭނެ"
ތިމަރަ ރިޔާޒުމެން ރަށަށް އެކަނި ތަރައްގީ ގެންނާނީ. ދެ ބާއީންނަށް ވޯޓުދޭނީ ބާޢީން