ރައީސް ޔާމީންގެ ހިތުގައި ޖެހޭ ކަހަލަ ކަމެއް މުއިއްޒު ނުކުރައްވާނެ: ސައީދު
އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓާއި ލީޑަޝިޕުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިތުގައި ނުޖައްސާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރޭ ހއ. ދިއްދޫގައި ބޭއްވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަމުން ސައީދު ވިދާޅުވީ ހާއްސަ ހަފްލާތަކުގައި ޔާމީނަށް ބައިވެރިވުމުގެ ފުރުސަތު ނެތުމަކީ ހިތް ފުނޑުފުނޑުވާ ކަމެއް ކަމަށާއި އެއީ މުޅި ރާއްޖެ ވެސް ހިތާމަކުރާ ކަމެއް ކަމަށެވެ. ޔާމީން 1،002 ދުވަސް ވަންދެން ޖަލުގައި ހުންނެވި ހުންނެވުމަކީ މުޅި ރާއްޖެ ވެސް ހިތްދަތި ކުރާ ކަމެއް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
"އަޅުގަނޑު މިރޭ ވެސް އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުއިއްޒު އާއި އެ މަނިކުފާނުގެ ރަނިން މޭޓު އަދި އަޅުގަނޑުމެންގެ ލީޑަޝިޕުން ވަރަށް ޔަގީންކޮށް ރައީސަށް ދަންނަވަން، ރައީސް ހިތުގައި ޖައްސާނެ ޕާޓީއަކަށް އަޅުގަނޑުމެން ނުވާނެ،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ދެން ރާއްޖޭގެ ރައީސް ކަމުގެ ހުވާ ކުރައްވާނީ މުއިއްޒު ކަމަށާއި މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ގާނޫނީ ހަމަތަކުގެ މަތިން ޔާމީން މިނިވަން ކުރާނެ ކަމަށެވެ. އަދި ޔާމީން ޖަލުގައި އޮންނެވީ ރައްޔިތުންގެ ހައްގުގައި ކަމަށާއި ޔާމީން ޖަލުގައި އޮންނެވި ވަގުތު ޕީޕީއެމް-ޕީއެންސީ ފުނޑާލަން ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި ރާއްޖެއިން ބޭރުގެ ބަޔަކު ވެސް މަސައްކަތް ކޮށްފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.
އަޅުގަނޑު ޝުކުރު ދަންނަވަން އަބްދުއްރަހީމަށް ވެސް. އަބްދުއްރަހީމް، ރައީސް ޔާމީންއަށް ވަފާތެރިވާނެކަން އަޅުގަނޑުގެ ހިތުގައި ޝައްކެއް ނުކުރަން،" ސައީދު ވިދާޅުވި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އެ ހުކުމުގެ ސަބަބުން ޔާމީނަށް އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ބަންދުވެފަ އެވެ.
މީހީވަނީ އޭނަދެކެ ލޯބިވާ ފކ މީހެއް ހެން ހައްދު ޖަހަންވެފަތިބި އާލާއް ގަޑެއް