ޚަބަރު

ގޭގައި ތިބޭ ބެލެނިވެރިންނަށް 20،000 ރުފިޔާ ދޭން ނިންމީ ރާއްޖޭގެ އާބާދީ އިތުރުކުރަން ހިތްވަރުދިނުމުގެގޮތުން: ޒަމީލް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ގޭގައި ދަރިން ތަރުބިއްޔަތުކުރަން ތިބޭ މައިންބަފައިންނަށް 20،000 ރުފިޔާ ދޭނެކަމަށް ވަޢުދުވެވަޑައިގަތީ ރާއްޖޭގެ އާބާދީ އިތުރުކުރުމަށާއި އެކަމަށް ހިތްވަރު ދިނުމަށް ކަމަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ހަސަން ޒަމީލް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "ރިޔާސީ ކެންޑިޑޭޓާ އެކު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޒަމީލް ވިދާޅުވީ، ރާއްޖޭގެ އާބާދީ ކުރިއާ އަޅައި ބަލާއިރު މިހާރު ވަރަށް މަދު ކަމަށާއި ރާއްޖޭގެ އިޤްތިޞާދުވެސް ކުރިއަރުވަން ދިވެހިންނަށްވުރެ ގިނައިން ތިބީ ބިދޭސީންކަމަށެވެ.

އެހެންކަމުން އާބާދީ އިތުރުކޮށް ދަރިން އަޚުލާޤީ ގޮތުންވެސް ރަނގަޅު ބަޔަކަށް ހެދުމަށް އެކުދިންގެ މަންމަ ނޫނީ ބައްޕަ އެކުދިން ގާތު ހުންނަން މުހިންމުކަމަށާއި މިހާރު މިއޮންނަ ގޮތުން ދެމަފިރިންވެސް ވަޒީފާއަށް ނުގޮސް ފަރުޖެއްސެން ނޯންނަކަމަށެވެ. އެވަރުގެ ފޯރުންތެރިކަމެއް މިހާރު ނެތްކަމަށް ފާހަގަކުރައްވަމުން ޒަމީލު ވިދާޅުވީ ގޭގައި ތިބޭ މައިންބަފައިންނަށް އެވަރުގެ މުސާރައެއް ދޭން ނިންމީ ދިރިއުޅުމުގެ ހާލަތު ބަދަލުކޮށް، ފުދުންތެރިވެ އަދި އާބާދީ އިތުރުކުރަން ހިތްވަރު ދިނުމުގެ ގޮތުންކަމަށެވެ.

"ގޭގަ ހުންނަ ބެލެނިވެރިޔާއަށް އަޅުގަނޑު އެހާވަރުގެ މުސާރައެއް ދޭގޮތަށް ވިސްނާފައި އޮތްކަމަކީ ދިވެހިންގެ އާބާދީ އިތުރުކުރުން އިނގޭތޯ! މިހާރު އަޅުގަނޑުމެންނަށް މެދުވެރިވެފައި އޮންނަ ދަތިކަމެެއްގެ ސަބަބުން ބައެއް ދެމަފިރިން ދަރިން ހޯދަން ބޭނުން ނުވޭ" ޒަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދަށް އެހާވަރަށް މަސައްކަތްކުރެވޭނެ މީހުން ބޭނުންވާނެކަމަށާއި ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެވެފައި ތިބި ބިދޭސީން ގައުމުން ފޮނުވާލުމަށްފަހު ގަވާއިދާއި އެއްގޮތަށް މީހުން އެތެރެކުރަންޖެހޭ ކަމަށް ޒަމީލް ވިދާޅުވިއެވެ.

އަދި ބޭރުގެ އާބާދީ މަދުކޮށް، ރާއްޖޭގެ އާބާދީ އިތުރުކުރަންޖެހޭ ކަމަށާއި، ރާއްޖޭގެ އިކޮނޮމީގައި ޖެނެރޭޓްކުރެވޭ އާމްދަނީ ދިވެހީންގެ ތެރޭގައި ހިފެހެއްޓިފައި ހުރުން މުހިންމުކަަމަށް ޒަމީލް ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ މީހަކަށްވެސް 20،000ރުފިޔާގެ މުސާރައެއް ހަމަޖައްސަވާނެކަމަށް ޒަމީލު ވިދާޅުވިއެވެ.

"އެހެންވީމަ، އެކަހަލަ މާހައުލުތަކުގައި މަސައްކަތްކުރާ މީހުން ކަމަށްވަންޏާ އަޅުގަނޑު އަދި 20000އެއީ އެންމެ ކުޑަ އުޖޫރަ ކަމަށްވިޔަސް ވެސް އެއަށްވުރެން ރަނގަޅު މުސާރައެއް އެމީހުންނަށް ހަމަޖައްސައިދޭން ބޭނުންވެޔޭ." ޒަމީލް ވިދާޅުވިއެވެ.

ވަޒީފާ އަދާކުރާ މީހުންގެ ވަޒީފާގެ މާހައުލަށް ބައްލަވައި އެއަށްވުރެވެސް ބޮޑު މުސާރައެއް ދެއްވަން ބޭނުންފުޅުވާކަމަށްވެސް ޒަމީލް ފާހަގަކުރެއްވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!