ދަރިމައިވުމުގެ ފަރުވާ އާސަންދައިން ދިނުމަށް މުއިއްޒު ވައުދުވެއްޖެ

ދަރިމައިވުމުގައި ދިމާވާ މައްސަލަތަކަށް ފަރުވާ ހޯދުމަށް އާސަންދައިން ފައިސާ ހަމަޖެހޭގޮތަށް އެހިދުމަތް ފުޅާކުރަން ޕީއެންސީގެ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ދ. ކުޑަހުވަދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވަނީ އާސަންދަ ހިދުމަތަށް ބޮޑު ބަދަލުތަކެއް ގެނަސް އެ ހިދުމަތް ފުޅާކުރަން ވައުދުވެވަޑައިގެންފަ އެވެ. ރާއްޖޭގެ ގިނަ އަންހެނުންނަށް ދިމާވެފައިވާ ދަރިމައިވުމުގެ މައްސަލައަށް ފަރުވާ ހޯދަން ކުރާ ހަރަދު އާސަންދައިން ހަމަޖައްސަން މުއިއްޒު ވަނީ އިއުލާން ކުރައްވައިފަ އެވެ.
މިހާރު އެކަމަށް ކުރާ ހަރަދުތައް ކުރަނީ އަމިއްލަ ޖީބުން ކަން ފާހަގަކުރައްވައި މުއިއްޒު ވައުދުވެވަޑައިގެންނެވީ އައިވީއެފްގެ ހިދުމަތް އާސަންދައިން މުޅިން ހިލޭ ދިނުމަށެވެ.
ދާދި ފަހުން ޓްރީޓޮޕް ހޮސްޕިޓަލުގައި އައިވީއެފްގެ ހިދުމަތް ދޭން ވަނީ ފަށައިފަ އެވެ. މިހިދުމަތް ފެށުމާއިއެކު 300 އަށްވުރެއް ގިނަ މީހުން ވަނީ އައިވީއެފް ހަދަން ކިއުގައި ޖެހިފަ އެވެ. ރާއްޖޭގައި ދަރިމައިވުމުގެ މައްސަލަތައް ވަރަށް އާންމުވެފައިވާއިރު ރާއްޖެއިން ބޭރަށް ގޮސް މި ހިދުމަތް ހޯދާނަމަ ލައްކައަކަށްވުރެއް ގިނަ ރުފިޔާ ޖީބުން ހަރަދުކުރަން ޖެހެ އެވެ.
މުއިއްޒު ވަނީ ސިއްހީ ހިދުމަތަށް އެހެންވެސް ބަދަލުތައް ގެންނަން ނިންމަވައިފަ އެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސީ އެމްބިއުލާންސްގެ ހިދުމަތް ފެއްޓެވުމުން ބަލި މީހުންނަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެން ދިޔަކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ދެން އަންނަ ސަރުކާރެއްގައި އެއާ އެމްބިއުލާންސްގެ ހިދުމަތަށް ސީ ޕްލޭނެއް ތައްޔާރުކޮށް އެ ހިދުމަތް ޓެސްޓު ކުރާނެ ކަމަށެވެ.
މި ހިދުމަތް ކާމިޔާބުވެއްޖެނަމަ އެއާ އެމްބިއުލާންސް ފްލީޓެއް ތައާރަފުކޮށް ފުޅާ ދާއިރާއެއްގައި ހިދުމަތް ދެމުން ގެންދާނެކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި މީގެ ސަބަބުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ހާލު ބޮޑު ބަލި މީހުންނަށް ބޮޑެތި ލުއިތަކެއް ލިބޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.
ހުރިހާ ރައްޔިތުން ވެސް ޑރ މުއީޒަށް ވޯޓް ދީ ވޯޓް ފޮށި ފުރާލަންވީ އަމާން އުފާވެރި ދިވެހިންގެ ރާއްޖެ ހޯދަން !