ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވި ނަމަވެސް އެގޮތަށް އެންގެން ނެތްކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އިލެކްޝަން އޮބްޒާވޭޝަން ޓީމުން މިއަދު ބުނެފި އެވެ.
ރައީސް ނަޝީދު އީޔޫގެ އޮބްޒަވޭޝަން ޓީމާއި ބައްދަލުކޮށް އެދިވަޑައިގެންނެވީ އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބު އިންސާފުވެރިކޮށް ބާއްވަން ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުން ވަރަށް މުހިންމުކަމުން އެކަމަށް މަސައްކަތް ކޮށްދެއްވުމަށެވެ.
މިކަމާއި ގުޅޭގޮތުން އީޔޫގެ ޗީފް އޮބްޒާވަރު އަދި ސްޕެއިންގެ އީޔޫ ޕާލިމަންޓު މެމްބަރު ނާޗޯ ސަންޗޭޒް އަމޯ ވިދާޅުވީ، އެ މިޝަނާ ހަވާލު ކޮށްފައިވާ ޒިންމާއަކީ އިންތިހާބު އޮބްޒާވް ކުރުން ކަމަށާއި ރާއްޖޭގެ އެތެރޭގެ ސިޔާސީ ކަންކަމާއި ޝަރުއީ މަރުހަލާގެ ތެރެއިން ހިނގާ ކަންކަމާ މެދު ހިޔާލުދީ ނުހެދޭނެ ކަމަށެވެ.
އެހެންކަމުން ޝަރުއީ ކަންކަމުގެ ތެރެއަށް ވަދެ ވަކި އެއްޗެއް ދަންނަވަން އުޒުރުވެރިވާކަމަށް ރައީސް ނަޝީދަށްވެސް ދަންނަވާފައިވާނެކަމަށް އޭނާ ވިދާޅުވި އެވެ.
ސަންޗޭޒް އަމޯ ވިދާޅުވީ އެ މިޝަންގެ މެންޑޭޓަކީ އިންތިހާބު އޮބްޒާވްކުރުން ކަމަށެވެ. އެހެންކަމުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކާއި ސިޔާސީ ޕާޓީތަކުން ވެސް އިންތިހާބުގެ ކުރިންނާއި އިންތިހާބުގެ ތެރޭގައި އަދި ފަހުން ވެސް ޑިމޮކްރެޓިކް އަސާސްތައް ހިފަހައްޓައި، އިންސާނީ ހައްގުތަކަށް ފުރިހަމައަށް އިހުތިރާމް ކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ރައީސް ނަޝީދު ގެންދަވަނީ ބައިނަލްއަގުވާމީ އެކި ފަރާތްތަކާއިއެކު މަޝްވަރާކޮށްގެންވިޔަސް ރައީސް ޔާމީން މިނިވަންކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވަމުންނެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުގައި ޕީޕީއެމް ލީޑަޝިޕަށް އެކަމަށް މަސައްކަތް ނުކުރެވުނަސް ޖަލުގައި ތިއްބަވާ ސިޔާސީ ބޭފުޅުން މިނިވަންކުރުމުގެ ފޯމިއުލާ އެމަނިކުފާނުގެ އަތްޕުޅުގައި އެބަ އޮތެވެ.
ގުދުޗެފަ އަމިއްލަޔަށް ބަލބަލަ އަލަމގިރި ކޮބައިތޯ ؟