ފަސް އަހަރު ތެރޭގައި މަޝްރޫއުއެއް ނިންމާލެވިފައި ނުވާތީ ހައިރާނެއް ނުވޭ, އަމީނީ މަގަށް ވެގެންއުޅޭ ގޮތް ވެސް އެބަ ފެނޭ: މުއިއްޒު

މި ހިންގާ ފަސް އަހަރު ތެރޭގައި މަޝްރޫއުއެއް ނިންމާލެވިފައި ނުވާތީ އެކަމާ ހައިރާން ނުވާ ކަމަށާއި އަމީނީ މަގަށް ވެގެންއުޅޭ ގޮތް ވެސް ފެންނަމުންދާ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނ. އަތޮޅަށް މިއަދު ފެއްޓެވި ކެމްޕޭން ދަތުރުފުޅުގައި ހޮޅުދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ މި ސަރުކާރުން ވައުދުތައް ވެފައި ވަނީ، ތަންފީޒު ކުރާނެ ގޮތެއް ނޭނގި ތިބެކަމަށެވެ.
އަދި އަމީނީ މަގުގެ މަޝްރޫއަށް އަސްލު ބޭނުންވާ އަގަށް ވުރެ ދެ ގުނަ ބޮޑުކޮށް ހަރަދުކޮށްފައިވާ ކަމަށާއި އަމީނީ މަގު ތަރައްގީކުރުމުގެ މަޝްރޫއު ފެށިތާ އަހަރެއްވީއިރު މަސައްކަތް ނުނިމުމަކީ ކަންބޮޑުވާ ކަމެއް ކަމަށް މުޢިއްޒު ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމަކީ ހައިރާންވާ ވަރު ކަމެއް ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އަަޅުގަނޑު ހައިރާނެއް ނުވޭ ފަސް އަހަރުތެރޭގައި މަޝްރޫއެއް ނުނިމުނީމަ. މާލެއިން އަޅުގަނޑުމެންނަށް ފެނޭ އަމީނީ މަގަށް ވެގެންއުޅޭ ގޮތް ވެސް،"
މީގެ އިތުރުން ހުރިހާ ރަށްތަކަށް ވެސް ހަމަހަމަ އުސޫލުން ޕްރޮޖެކްޓުތައް ގެންނައިރު، ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އެކަމުގައި ހޯދައި އެއާއި އެއްގޮތަށް އަމަލު ކުރަން ޖެހޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.